ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި މިރޭ އިންގްލޭންޑާ ޑެންމާކް ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެއެވެ. މިއާއެކު މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި އައި އިންގްލޭންޑަށް ދެވަނަ ބުރުން ޖާގަ ކަށަވަރު ކުރެވޭނީ ގްރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗަށް ފަހުއެވެ.

މިރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން މާ މޮޅު ކުޅުމެއް ފެނިފައި ނުވާ އިރު ގިނަ ހަމަލާތައް އުފައްދާފައިވަނީ ޑެންމާކުންނެވެ. އެހެން ނަމަވެސް މެޗުގެ 18 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ލީޑު ނެގީ އިންގްލޭންޑުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ކެޕްޓަން ހެރީ ކޭންއެވެ.

ކޭން އަކީ ޔޫރޯ މުބާރާތްތަކުގައި ތިން ވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި އިނގިރޭސި ކުޅުންތެރިޔާ/ފޮޓޯ:އެކްސް

މެޗުގެ ފުރަތަމަ ހާފް ނިނުނިމެނީސް ޑެންމާކުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ދުރުން ފޮނުވާލި މި ޝޮޓް އިންގްލޭންޑްގެ ގޯލުގެ ތެރެއަށް ވައްދާލީ މޯޓަން ހުލްމަންޑެވެ.

ޑެންމާކްގެ ލަނޑު ޖެހީ ގޯލާ ދުރުން/ފޮޓޯ: އެކްސް

ފުރަތަމަ ހާފް ދެ ޓީމު އެއްވަރުވެގެން ނިމުނު އިރު ދެވަނަ ހާފްގައި ވެސް ފެނުނީ ދާދި އެއްވަރުގެ ކުޅުމެކެވެ. އަދި ޑެންމާކުން ދުރުން ގޯލަށް ޝޫޓުކުރަމުން ދިޔަ އިރު އިންގްލޭންޑަށް މާ ގިނަ ހަމަލާތަކެއް ނުއުފެއްދެއެވެ. ނަތީޖާއަކަށްވީ 1-1 އިން މެޗު އެއްވަރުވެ ބާކީ އެއް މެޗު އޮއްވާ ދެވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު އިންގްލޭންޑަށް ގެއްލުމެވެ. ދެ މެޗު ކުޅެ 4 ޕޮއިންޓް ހޯދައިގެން އިންގްލޭންޑް ގްރޫޕް ސީގެ ތާވަލުގެ އެއްވަނައިގައި އޮތް ނަމަވެސް ދެވަނަ ބުރަށް ދެވޭނީ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ސްލޮވޭނިއާއާ ކުޅެ ނަތީޖާ ނެރެގެންނެވެ.

ފުރަތަމަ މެޗުގައި ސްލޮވޭނިއާއާ ކުޅެ އެއްވަރުވި ޑެންމާކަށް ޖުމްލަ 2 ޕޮއިންޓް ލިބިފައިވާ އިރު ފަހު މެޗުގައި ސާބިއާއާ ކުޅެ ރަނގަޅު ނަތީޖާއެއް ނެރެގެން ދެވަނަ ބުރަށް ދެވިދާނެއެވެ.