ޖާމަނީގައި މިހާރު ކުރިއަށްދާ ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗުތައް ފޯރިއާއެކު ކުރިއަށްދާ އިރު މިއަދު ވެސް ދެ ގްރޫޕެއްގެ ތިން މެޗު ކުޅޭނެއެވެ. މީގެ ތެރޭގައި ގްރޫޕް ސްޓޭޖްގެ އެންމެ ވަރުގަދަވާނެ ކަމަށް ބެލެވޭ މެޗުގައި ސްޕެއިން އަދި އެންމެ ފަހުގެ ޗެމްޕިއަނުން އިޓަލީ ވާދަކުރާނީ ދަންވަރު 12 ޖަހާ އިރެވެ.
ހަވީރު 6 ޖަހާ އިރު ސާބިއާ އަދި ސްލޮވޭނިއާ ވާދަކުރާ މެޗު
ގްރޫޕް ސީގެ މިމެޗަކީ މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށް ދެޓީމަށް ވެސް ކޮންމެހެން މޮޅުވުމަށް މުހިންމު މެޗެކެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ސާބިއާ 1-0 އިން އިންގްލޭންޑް އަތުން ބަލިވި އިރު އެޓީމަކީ މިމުބާރާތުގައި ލަނޑެއް ނުޖެހި އޮތް މަދު ޓީމުތަކުގެ ތެރެއިން ޓީމެކެވެ. އެހެން ނަމަވެސް އެމެޗުގައި ވެސް ލަނޑު ޖަހާނެ ފުރުސަތުތައް އުފެއްދި އިރު މިއަދު ސްލޮވޭނިއާއާ ދެކޮޅަށް ކުޅޭ މެޗުގައި އެޓީމުގެ ފަރާތުން ލަނޑެއް ފެނިގެންދާނެ ކަމަށް ބެލެވެއެވެ.
ސްލޮވޭނިއާއިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ވާދަކުރީ ޑެންމާކްއާއެވެ. އެމެޗުގައި ޑެންމާކުން ފުރަތަމަ ލަނޑެއް ޖެހި ނަމަވެސް ސްލޮވޭނިއާއިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރު ކުރިއިރު މެޗުން މޮޅުވުމަށް ވެސް އެޓީމަށް ރަނުގެ ފުރުސަތެއް ލިބުނެވެ. 1-1 އިން އެއްވަރުވެގެން އެމެޗު ނިމުން އިރު ސްލޮވޭނިއާއިން މިއަދު ބޭނުންވާނީ ސާބިއާ ބަލިކޮށް މޮޅުވެގެން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ފަހި ކުރާށެވެ.
ރޭގަނޑު 9 ޖަހާ އިރު އިންގްލޭންޑް ނިކުންނާނީ ޑެންމާކާ ދެކޮޅަށް
ޔޫރޯ 2024 މުބާރާތަށް އެންމެ ވަރުގަދަ އެއް ސްކޮޑެއް ގޮވައިގެން އައި އިންގްލޭންޑަށް މުބާރާތުގެ ފުރަތަމަ މެޗުގައި މާ މޮޅު ކުޅުމެއް ނުދެއްކެވެ. ރިއާލް މެޑްރިޑްގެ ތަރި ޖޫޑް ބެލިންގްހަމް ޖެހި ހަމައެކަނި ލަނޑު ސާބިއާ ބަލިކުރި ނަމަވެސް އެމެޗުގައި ގިނަ ހަމަލާތަކެއް ނުއުފެއްދުމުން އިންގްލޭންޑްގެ ކޯޗު ގެރެތް ސައުތްގޭޓަށް ފާޑުކިއުންތައް އަމާޒުވިއެވެ. އަދި ޓީމުގެ އެންމެ ވަރުގަދަ ފުރަތަމަ 11 ހޮވަން އަދި ވެސް ސައުތްގޭޓަށް ދަސްނުވާ ކަމަށް ވެސް އިނގިރޭސި މީޑިއާއިން ބުންޏެވެ. އެހެން ކަމުން ޑެންމާކާ ދެކޮޅަށް ނިކުންނަ މެޗުގައި އިންގްލޭންޑުން މަސައްކަތް ކުރާނީ ގިނަ ހަމަލާތަކެއް އުފައްދާ ގިނަ ގޯލު ޖަހާ މެޗުން މޮޅުވެ ދެވަނަ ބުރުގެ ނަތީޖާ ކަށަވަރުކުރުމަށެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އެއްވަރުވި ޑެންމާކް މިރޭ ކުޅޭ މެޗު ވާނީ ގްރޫޕް ސްޓޭޖްގައި ކުޅޭނެ އެންމެ އުނދަގޫ މެޗަށެވެ. މިހާތަނަށް އެއް ޕޮއިންޓް ހޯދާފައިވާ ޑެންމާކުން ބޭނުންވާނީ މިރޭގެ މެޗުން ބަލިނުވެ ފުއްދާލާށެވެ.
ގްރޫޕް ސްޓޭޖްގެ އެންމެ ވަރުގަދަވާނެ ކަމަށް ބެލެވޭ މެޗުގައި ސްޕެއިން އަދި އިޓަލީ މިރޭ 12 ޖަހާ އިރު
ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ އެންމެ ވަރުގަދަ ގްރޫޕް، ގްރޫޕް ބީގެ އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވޭ މެޗުގައި މިރޭ ސްޕެއިން އެންމެ ފަހުގެ ޗެމްޕިއަން އިޓަލީއާ ދެކޮޅަށް ނިކުންނާނެއެވެ. މުބާރާތުގައި ސްޕެއިން އިން ކުޅުނު ފުރަތަމަ މެޗުގައި 3-0 އިން ކްރޮއޭޝިއާ ބަލިކުރި އިރު އިޓަލީން އަލްބޭނިއާ ބަލިކުރީ ފަހަތުން އަރާ 2-1 އިން ހަމަ ކިރިއާއެވެ.
އެހެން ނަމަވެސް ދެޓީމުގެ ފުރަތަމަ މެޗުތަކުގައި މޮޅު ކުޅުމެއް ފެނި ރީތީ ލަނޑުތައް ވެސް ދެ ޓީމުން ޖަހާފައިވާ އިރު މިރޭގެ މެޗުން މޮޅުވެގެން ދެ ޓީމަށް ވެސް ދެވަނަ ބުރުން ޖާގަ ކަށަވަރުވާނެއެވެ. އަދި މެޗުން އެއްވަރުވެގެން ވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ފަހި ކުރެވިދާނެއެވެ.