ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ އުއްމީދު ސްކޮޓްލޭންޑުން އާކޮށްފިއެވެ. ސްކޮޓްލޭންޑުން މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުން 5-1 އިން ޖާމަނީ އަތުން ބަލިވި ނަމަވެސް މިރޭ ސުވިޓްޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗުވީ 1-1 އިން އެއްވަރެވެ.
މެޗުގައި ފުރަތަމަ ލަނޑެއް ޖަހާ ލީޑު ނެގީ ވެސް ސްކޮޓްލޭންޑުންނެވެ. މިގޮތުން މެޗުގެ 13 ވަނަ މިނެޓްގައި ސްކޮޓްލެންޑްގެ ސްކޮޓް މެކްޓޮމިނީ ފޮނުވާލި ޝޮޓު ވަނީ ސުވިޓްޒަލޭންޑްގެ ކުޅުންތެރިއެއްގެ ގައިގައި ޖެހި ގޯލުގެ ތެރެއަށް ވަދެފައެވެ.
ފުރަތަމަ މެޗާ އަޅާ ބަލާ އިރު ސްކޮޓްލޭންޑުން އެޓީމުގެ ކުޅުން އެތަށް ގުނައަކަށް ރަނގަޅުކުރި ނަމަވެސް އެޓީމުގެ ޑިފެންޑަރު ރަލްސޯޓަންއަށް ހެދުނު ގޯހަކުން ސުވިޓްޒަލޭންޑުން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޒެޑާން ޝަކީރީއެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި 3-1 އިން ހަންގަރީި ބަލިކުރި ސުވިޓްޒަލޭންޑަށް ސްކޮޓްލޭންޑްގެ ގޯލަށް ނުރައްކާވާ ފަދަ މާ ގިނަ ހަމަލާތަކެއް ނުއުފައްދައެވެ. ފުރަތަމަ ހާފް ދެ ޓީމު އެއްވަރުވެ އޮވެގެން ނިމުނު އިރު ދެވަނަ ހާފްގައި ވެސް ފެނިގެން ދިޔައީ ވާދަވެރި ކުޅުމެކެވެ. އަދި ސްކޮޓްލޭންޑުން ގިނަ ހަމަލާތަކެއް އުފެއްދި އިރު ޑިފެންޑަރު ހެންލީ ބޮލުން ޖެހި ޝޮޓެއް ނިކުތީ ސުވިޓްޒަލޭންޑްގެ ދަނޑީގައި ޖެހިފައެވެ. މިމެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
އަދި މިއާއެކު މިދެ ޓީމަށް ވެސް ޕޮއިންޓެއް ލިބިފައިވާ އިރު ސުވިޓްޒަލޭންޑް އޮތީ ހަތަރު ޕޮއިންޓާއެކު ގްރޫޕް އޭގެ ތާވާލުގެ ދެވަނައިގައެވެ. އަދި ސްކޮޓްލޭންޑް އެއް ޕޮއިންޓާއެކު ތިން ވަނައިގައި އޮތް އިރު ހަ ޕޮއިންޓާއެކު އެއްވަނައިގައި އޮތް ޖާމަނީއަށް މިވަނީ ގަދަ 16 ގެ ޖާގައެއް ކަށަވަރުވެފައެވެ.
ގްރޫޕް ސްޓޭޖްގެ ތިން ވަނަ އަދި އެންމެ ފަހު މެޗުގައި ސްކޮޓްލޭންޑުން ހަންގަރީއާ ދެކޮޅަށް ކުޅޭ މެޗުން އެޓީމު މޮޅުވެގެން ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު ފަހިކުރެވޭނެ އިރު ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ސުވިޓްޒަލޭންޑް ނިކުންނާނީ ޖާމަނީއާ ދެކޮޅަށެވެ. އަދި އެމެޗުން އެއް ޕޮއިންޓް ހޯދައިގެން ވެސް ސުވިޓްޒަލޭންޑަށް ގަދަ 16 އިން ޖާގައެއް ކަށަވަރުކުރެވޭނެއެވެ.