ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ފަހު 16 އިން ޖާގަ ހޯދި ފުރަތަމަ ޓީމަކަށް މުބާރާތް ހޯސްޓް ކުރާ ޖާމަނީ ވެއްޖެއެވެ. ޖާމަނީ ދެވަނަ ބުރުން ޖާގަ ކަށަވަރުކުރީ މިރޭ ގްރޫޕް އޭގައި އެޓީމުން ކުޅުނު ދެވަނަ މެޗުގައި ހަންގަރީ 2-0 އިން ބަލިކުރުމަށް ފަހުއެވެ.

މިމެޗުގައި ދެ ޓީމުގެ ފަރާތުން މާ މޮޅު ކުޅުމެއް ފެނިގެން ނުދިޔަ އިރު މެޗުގެ 22 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ލީޑު ނެގީ ޖާމަނީންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޒުވާން ފޯވަޑް ޖަމާލް މުސިއާލާއެވެ. މިއީ މުސިއާލާ މިމުބާރާތުގައި ޖާމަނީއަށް ޖަހާ ދިން ދެވަނަ ލަނޑެވެ.

މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުން 3-1 އިން ސުވިޓްޒަލޭންޑް އަތުން ބަލިވި ހަންގަރީއަށް މިމެޗުގައި ޖާމަނީ ކޮޅަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ލިބުނު އިރު ޖާމަނީގެ ކީޕަރު މެނުއަލް ނޯޔާގެ މޮޅު ސޭވްތަކެއް ވެސް ވަނީ ފެނިފައެވެ.

ޖާމަނީގެ ކީޕަރު މެނުއަލް ނޯޔާ ވަނީ މިމެޗުގައި ގިނަ ސޭވްތަކެއްކޮށްފައި/ފޮޓޯ: އެކްސް

ޖާމަނީ ކުރީގައި އޮވެގެން މެޗުގެ ފުރަތަމަ ހާފް ނިމުނު އިރު މެޗުގެ ލީޑު އެޓީމުން ފުޅާ ކުރީ 67 ވަނަ މިނެޓްގައެވެ. މިގޮތުން ޑިފެންޑަރު މިޓެލްސްޓެޑް ނަގާ ދިން ހުރަހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޖާމަނީގެ ކެޕްޓަން އިލްކޭ ގުންޑުއާންއެވެ.

ޖާމަނީގެ ދެވަނަ ލަނޑަށް ފަހު ވެސް ހަންގަރީއަށް ލަނޑު ޖަހާނެ އިތުރު ފުރުސަތުތައް ލިބުނު ނަމަވެސް މިމެޗު ނިމުނީ 2-0 އިން ޖާމަނީ ކުރީގައި އޮވެގެންނެވެ.

މި ނަތީޖާއާއެކު ޖާމަނީ އަށް މިވަނީ ޔޫރޯ 2024 ގެ ދެވަނަ ބުރުން ޖާގަ ލިބިފައެވެ. އަދި ހަންގަރީ މުބާރާތުން ގާތް ގަނޑަކަށް ކަޓާފައިވާ އިރު މިރޭ ދަންވަރު 12 ޖަހާ އިރު ގްރޫޕް އޭގެ ހަތަރު ވަނަ މެޗުގައި ސުވިޓްޒަލޭންޑާ ސްކޮޓްލޭންޑް ވާދަކުރާނެއެވެ.