ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި މިއަދު އަލްބޭނިއާ އަާއި ކްރޮއޭޝިއާ ކުޅުނު މެޗު 2-2 އިން އެއްވަރު ވެއްޖެއެވެ. މިމުބާރާތުގެ އެންމެ އުނދަގޫ ގްރޫޕްގެ މިމެޗުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު ފުރަތަމަ ލަނޑެއް ޖަހާ ލީޑު ނެގީ އަލްބޭނިއާއިންނެވެ.

މިގޮތުން މެޗުގެ 11 ވަނަ މިނެޓްގައި މެޗުގައި ފެނިގެން ދިޔަ ފުރަތަމަ ހަމަލާގައި އަލްބޭނިއާއަށް ލީޑު ނަގާ ދިނީ ޤާޒިމް ލާޗީއެވެ. ކަނާތް ފަރާތުން އައި ހުރަހެއް އޭނާ ކްރޮއޭޝިއާގެ ގޯލަށް ވައްދާލީ ބޮލުން ޖަހާއެވެ.

އަލްބޭނިއާގެ ފުރަތަމަ ލަނޑު ޖެހި ޤާޒިމް ލާޗީ/ފޮޓޯ: އެކްސް

މި ގްރޫޕްގައި އަލްބޭނިއާއިން ކުޅުނު ފުރަތަމަ މެޗުގައި މިހާރު ޗެމްޕިއަން އިޓަލީ ކޮޅަށް ވެސް ފުރަތަމަ ލަނޑު ޖެހި ނަމަވެސް މާ ގިނަ އިރު ލީޑު ނުހިފެހެއްޓި އިޓަލީގެ ދެލަނޑު އަލްބޭނިއާގެ ގޯލަށް ވަނެދިނެވެ. އެހެން ނަމަވެސް މިރޭގެ މެޗުގައި އަލްބޭނިއާއިން ވަނީ މެޗުގެ 74 ވަނަ މިނެޓާ ހިސާބަށް ސްކޯ 1-0 ގައި ހިފަހައްޓާފައެވެ.

މެޗުގެ 74 މިނެޓްގައި ކްރޮއޭޝިއާއަށް ލަނޑެއް ޖަހާ ދިނީ އެންޑްރޭ ކްރެމަރިޗްއެވެ. މިއީ މިމުބާރާތުގައި އެޓީމުން ޖެހި ފުރަތަމަ ލަނޑެވެ. އޭނގެ ދެ މިނެޓް ފަހުން ކްރޮއޭޝިއާއިން އަނެއްކާވެސް ލަނޑެއް ޖަހާ ލީޑު ނެގިއެވެ. މިއީ، އަލްބޭނިއާގެ ކުޅުންތެރިއެއް ކަމަށްވާ ކްލައުސް ޔަސޫލާގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

ކްރޮއޭޝިއާގެ ފުރަތަމަ ލަނޑު ޖަހާ ދިން އެންޑްރޭ ކްރެމަރިޗް/ފޮޓޯ: އެކްސް

ބައިކޮޅަށް ލަނޑެއް ވަތް ނަމަވެސް އަލްބޭނިއާއިން ހިތްވަރު ދޫކޮށްނުލާ ކުޅެމުން ދިޔައެވެ. އަދި ނަތީޖާއަކަށްވީ މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 6 މިނެޓްގެ ތެރެއިން 5 ވަނަ މިނެޓްގައި އަލްބޭނިއާއިން ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކުރުމެވެ. މިލަނޑު އަލްބޭނިއާއަށް ޖަހާ ދިނީ ބައިކޮޅަށް ލަނޑު ޖެހި ޔަސޫލާއެވެ.

މި ނަތީޖާގެ ސަބަބުން ދެ ޓީމަށް ވެސް ޕޮއިންޓެއް ލިބުނު އިރު މި ދެ ޓީމު ވެސް ދެވަނަ ބުރަށް ދާނީ ގްރޫޕް ސްޓޭޖްގައި ކުޅޭ ފަހު މެޗުން މޮޅުވެގެންނެވެ. ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ކްރޮއޭޝިއާއިން ވާދަކުރާނީ މިހާރުުގެ ޗެމްޕިއަން އިޓަލީއާއެވެ. އަދި އަލްބޭނިއާ ނިކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ.