ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފުރަތަމަ ރައުންޑްގެ މެޗުތައް ރޭ ކުޅުނު އިރު މިހާރު ކޮންމެ ޓީމަކަށް ވެސް މިވަނީ އެއް މެޗު ކުޅެވިފައެވެ. އަދި މިއަދު ގްރޫޕް ސްޓޭޖްގެ ދެވަނަ ރައުންޑްގެ މެޗުތައް ފަށާ އިރު މިއަދު ދެ ގްރޫޕެއްގެ ތިން މެޗު ކުޅޭނެއެވެ.
ހަވީރު ހައެއް ޖަހާ އިރު ކްރޮއޭޝިއާ އާއި އަލްބޭނިއާ
މިފަހަރު އެންމެ އުނދަގޫ ގްރޫޕް ކަމަށްވާ ގްރޫޕް ބީގައި ހިމެނޭ ކްރޮއޭޝިއާ އަދި އަލްބޭނިއާ މިއަދު ވާދަކުރާ އިރު މި މުބާރާތުގައި މި ދެ ޓީމުން ކުޅުނު ފުރަތަމަ މެޗުތަކުން ދެ ޓީމު ވެސް ވީ ބައްޔެވެ. މިގޮތުން ކްރޮއޭޝިއާއިން ސްޕެއިން އަތުން 3-0 އިން ބަލިވިއެވެ. އަދި އިޓަލީއާ ދެކޮޅަށް އަލްބޭނިއާ އިން ކުޅުނު މެޗުގައި މެޗުގެ 23 ވަނަ ސިކުންތުގައި ލަނޑެއް ޖަހާ އަލްބޭނިއާއިން ލީޑު ނެގި ނަމަވެސް އެންމެ ފަހުގެ ޗެމްޕިއަން އިޓަލީން ފަހަތުން އަރާ އެމެޗު ކާމިޔާބުކުރީ 2-1 އިންނެވެ.
މިއަދުގެ މެޗުން މީގެން ޓީމެއް ބަލިވެއްޖެނަމަ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ވަރަށް ހަނިވާނެއެވެ. އެހެން ކަމުން ދެ ޓީމުން ވެސް ބޭނުންވާނީ މިމެޗުން ބަލިނުވެ ގްރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗަށް ގޮސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑު ކުރާށެވެ.
މުބާރާތުގެ ހޯސްޓް ޖާމަނީ ރޭގަނޑު 9 ޖަހާ އިރު ނިކުންނާނީ ހަންގަރީއާ ދެކޮޅަށް
ޔޫރޯ 2024 ގައި މިހާތަނަށް އެންމެ މޮޅު ކުޅުމެއް ދައްކާފައިވަނީ ހޯސްޓް ގައުމު ޖާމަނީންނެވެ. މިގޮތުން މުބާރާތުގެ ފުރަތަމަ މެޗުގައި ޖާމަނީ ސްކޮޓްލޭންޑް ބަލި ކުރީ 5-1 އިންނެވެ. އަދި ޖާމަނީއަކީ ޔޫރޯ ފުޓްބޯޅަ މުބާރާތެއްގެ ފުރަތަމަ މެޗު އެންމެ ފަރަގު ބޮޑު ނަތީޖާއާއެކު ކާމިޔާބުކުރި ފުރަތަމަ ޓީމެވެ.
މިރޭ ހަންގެރީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ޖާމަނީއަށް މުބާރާތުގެ ދެވަނަ ބުރަށް ދެވޭނެއެވެ. އޭނގެ ބަދަލުގައި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސުވިޓްޒަލޭންޑް އަތުން 3-1 އިން ބަލިވި ހަންގަރީ މިރޭގެ މެޗުން ބަލިވެއްޖެނަމަ މުބާރާތުގެ ފުރަތަމަ ބުރުން ކެޓުމުގެ ފުރުސަތު ބޮޑެވެ. އެހެން ކަމުން ޖާމަނީއާ ކުޅޭ މެޗުން ރަނގަޅު ނަތީޖާއެއް ނެރުން ހަންގަރީއަށް މުހިންމުވާނެއެވެ.
ސްކޮޓްލޭންޑާ ސުވިޓްޒަލޭންޑް ވާދަކުރާ މެޗު ދަންވަރު 12 ޖަހާ އިރު
މުބާރާތުގެ ފުރަތަމަ މެޗުން 5-1 އިން ޖާމަނީ އަތުން ލަދުވެތި ގޮތަކަށް ބަލިވި ސްކޮޓްލޭންޑުން މިރޭގެ މެޗަށް ނިކުންނާނީ އާއުއްމީދާ އާ ހިތްވަރަކާއެކުއެވެ. އަދި މުބާރާތަށް ޖާމަނީއަށް ދަތުރުކުރި ސްކޮޓްލޭންޑްގެ އެތަށް ހާސް ސްޕޯޓަރުންނަށްޓަކައި ނަމަވެސް މިރޭގެ މެޗުން ނަތީޖާއެއް ނެރެ ފުރަތަމަ މެޗުގެ ސްކޯލައިނާއެކު ވެސް ދެވަނަ ބުރަށް ދިއުމަށް އެޓީމުން ބޭނުންވާނެއެވެ.
އަނެއްކޮޅުން، ފުރަތަމަ މެޗުގައި 3-1އިން ހަންގަރީ ބަލި ކުރި ސުވިޓްޒަލޭންޑުން ބޭނުންވާނީ މިރޭގެ މެޗުން މޮޅުވެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ފުޅާކުރާށެވެ. އަދި ފަހު މެޗުގައި ޖާމަނީއާ ކުޅެންވާ އިރަށް ދެވަނަ ބުރުގެ ޖާގަ ކަށަވަރުކުރަން ވެސް ސުވިޓްޒަލޭންޑުން މަސައްކަތް ކުރާނެއެވެ.