އެޗްޑީސީން 'މައި ހުޅުމާލެ އީދު އުފާ' ގެ ނަމުގައި ބޭއްވި އީދު ހަރަކާތްތައް ނިންމާލުމުގެ ގޮތުން އިއްޔެ ބޭއްވި ގުރުއަތުލުމުގެ ނަސީބުވެރި ފަރާތަކަށް ކުޑަކުއްޖެއް ކަމަށްވާ އައިޝަތު ޔޫހާ ހޮވިއްޖެއެވެ.

މި އީދު ހަރަކާތްތަކުގެ ގޯލްޑް ސްޕޮންސަރު 'ޝީޝާ' އާ ގުޅިގެން ބޭއްވި ގުރުއަތުލުމުގައި ޔޫހާ އަށް ލިބުނީ، ހޮންޑާ އެއާބްލޭޑް 160 ސީސީގެ ރަތް ކުލައިގެ ސައިކަލެކެވެ. އެއާއެކު ޔޫހާ ވަނީ އެ ސައިކަލު އީދު ހަދިޔާއެއްގެ ގޮތުގައި އޭނާގެ ބައްޕައަށް ދީފައެވެ.

ތިން ދުވަހަށް ބަހާލައިގެން އެޗްޑީސީން ވަނީ 'މައި ހުޅުމާލެ އީދު އުފާ' ގެ ނަމުގައި ކުޑަކުދިންގެ ހަވީރާއި ހަވާ އެރުވުމާއި ލައިވް މިއުޒިކް ޝޯއެއް ގެނެސްދިނުމުގެ އިތުރުން ދިވެހީންގެ ސަގާފަތް ދައްކުވައިދޭ ކުޅިވަރު ހަރަކާތްތަކެއް ވެސް ބާއްވައިފައެވެ. އޭގެ ތެރޭގައި ބޮޑު މަސް ދުއްވުމާއި، މާލި ޕެރޭޑާއި ކޯޑި ކެނޑުން ހިމެނެއެވެ.

އެޗްޑީސީން ބުނީ، މި އަޟްހާ އީދު ވެގެން ދިޔައީ ހުޅުމާލޭގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމުގެ ރޫހު ދިރުވައިދިން އީދަކަށް ކަމަށެވެ.

މާލެ ސަރަހައްދުގެ އިތުރުން، ރަށްރަށުގައި ވެސް ފޯރިގަދަކޮށް މި އަހަރުގެ އަޟްހާ އީދު ފާހަގަކޮށްފައިވެއެވެ.