ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފުރަތަމަ ރައުޑްންގައި އެންމެ ފަހުން ކުޅުނު މެޗުގައި ޗެކް ރިޕަބްލިކްއާ ޕޯޗުގަލް ވާދަކުރި މެޗު 1-2 އިން ޕޯޗުގަލް ކާމިޔާބުކޮށްފިއެވެ.

ގްރޫޕް އެފްގެ މިމެޗުގައި ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޕޯޗުގަލްއެވެ. އަދި އެޓީމުން ގިނަ ހަމަލާތައް އުފެއްދި އިރު ޗެކް ރިޕަބްލިކް ޓީމުން ވަނީ ހުޝިޔާރު ކަމާއެކު ޑިފެންޑްކޮށްފައެވެ.

މިމެޗަކީ ޕޯޗުގަލްގެ ލެޖެންޑް ކްރިސްޓީއާނޯ ރޮނާލްޑޯ އަނެއްކާ ވެސް ރެކޯޑެއް ބްރޭކް ކުރި މެޗަކަށް ވީއިރު ރޭގެ މެޗުގައި ޕޯޗުގަލްގެ ފުރަތަމަ 11 ޖާގަ ލިބުނު ރޮނާލްޑޯ އަކީ މިހާތަނަށް 6 ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅުނު ހަމައެކަނި ކުޅުންތެރިޔާއެވެ.

މިއީ ރޮނާލްޑޯގެ 6 ވަނަ ޔޫރޯ ފުޓްބޯޅަ މުބާރާތް/ފޮޓޯ: އެކްސް

ރޭގެ މެޗުގައި ރޮނާލްޑޯއަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތު ލިބި އޭނގެ ބޭނުން ނުހިފި ދިޔަ އިރު މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-0 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފަށައިގެން މެޗުގެ 62 ވަނަ މިނެޓްގައި ޗެކް ރިޕަބްލިކް އިން ވަނީ ލަނޑެއް ޖަހާ ޕޯޗުގަލް ސިއްސުވާލާފައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ޕްރޮވޯދެވެ. އެހެން ނަމަވެސް އޭނގެ 7 މިނެޓް ފަހުން ޕޯޗުގަލްއިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑަކީ ޗެކްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ޗެކް ރިޕަބްލިކްގެ ޕްރޮވޯޑް ޖެހި ލަނޑު/ފޮޓޯ: އެކްސް

މެޗުން މޮޅުވުމަށް ޕޯޗުގަލްއިން އިތުރު ހަމަލާތައް އުފެއްދި އިރު މެޗުގެ 87 ވަނަ މިނެޓްގައި ޕޯޗުގަލްގެ ޑިއާގޯ ޖޮޓާ ވަނީ ލަނޑެއް ޖަހާ އެޓީމަށް ލީޑު ނަގާ ދީފައެވެ. އެހެން ނަމަވެސް މިލަނޑު މެޗުގެ ވީޑިއޯ އެސިސްޓަންޓް ރެފްރީ ވަނީ އޮފްސައިޑްވެގެން ކެންސަލްކޮށްފައެވެ.

މެޗުގައި ދެން ވެސް ލަނޑެއް ޖެހީ ޕޯޗުގަލްއިންނެވެ. މެޗުގެ 90 މިނެޓްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރުވި ފްރެންސިސްކޯ ކޮންސެންސިއޯ ވަނީ މެޗުގެ 92 ވަނަ މިނެޓްގައި ލަނޑެއް ޖަހާ މިމެޗުން ޕޯޗުގަލް މޮޅުކޮށްދީފައެވެ.

މި ނަތީޖާއާއެކު ޕޯޗުގަލް އޮތީ ގްރޫޕް އެފްގެ ދެވަނައިގައިއެވެ. އެއްވަނައިގައި އޮތް ތުރުކީއާ އެއްވަރަކަށް ޕޯޗުގަލް އަށް ޕޮއިންޓް ލިބިފައިވާ ނަމަވެސް އެޓީމު ދެވަނައިގައި އޮތީ ޖެހި ގޯލުގެ ތަފާތުންނެވެ.