ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގައި މިރޭ ފްރާންސް އަދި ސުވިޓްޒަލޭންޑް ކުޅުނު މެޗު 1-0 އިން ފްރާންސް ކާމިޔާބުކޮށްފިއެވެ.
މިމެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ ފުރަތަމަ 45 މިނެޓްގައި ގިނަ ހަމަލާތައް އުފެއްދީ ފްރާންސުންނެވެ. އެހެން ނަމަވެސް ފްރާންސް ޓީމުގައި ހިމެނޭ ތަރިން ކަމަށްވާ ކެޕްޓަން ކިލިއަން އެމްބާޕޭ އަދި އެންޓޯން ގްރިޒްމަން ފަދަ ކުޅުންތެރިންނަށް މާ މޮޅު ކުޅުމެއް ދެއްކިފައެއް ނުއެވެ.
ފުރަތަމަ ހާފްގެ 36 މިނެޓް ހިސާބުގައި އޮސްޓްރިއާއަށް ލީޑު ނަގާނެ ރަނގަޅު ފުރުސަތެއް ލިބުނު އިރު ފްރާންސްގެ ކީޕަރު މިނިއޯން ވަނީ މުހިންމު ސޭވެއްކޮށްފައެވެ. އޭގެ ދެތިން މިނެޓް ފަހުން ފްރާންސުން ލަނޑެއް ޖަހާ މެޗުގެ ލީޑު ނެގިއެވެ. އެމްބާޕޭ ކަނާތް ފަރާތު އަރިމަތިން އޮސްޓްރިއާގެ ޕެނަލްޓީ އޭރިއާގެ ތެރެއަށް ފޮނުވާލި ކްރޮސެއް ގޯލުގެ ތެރެއަށް ވަނީ އޮސްޓްރިއާގެ ކުޅުންތެރިއެއް ކަމަށްވާ ވޮބާގެ ގައިގައި ޖެހިފައެވެ. އަދި އެގޯލު ވީ ބައިކޮޅަށް ވަތް ގޯލަކަށެވެ.
މެޗުގެ ދެވަނަ ހާފްގައި ވެސް އޮސްޓްރިއާއިން ވަރުގަދަ ކުޅުމެއް ދެއްކި ނަމަވެސް އެޓީމަށް މާ ނުރައްކާތެރި ހަމަލާއެއް ނުއުފެއްދެއެވެ. އެއާ ހިލާފަށް ފްރާންސަށް ލީޑު ފުޅާ ކުރާނެ ގިނަ ފުރުސަތު ލިބުނު އިރު އެމްޕާބޭއަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތެއްގައި ވެސް އޭނާއަށް ބޯޅަ ޖެހުނީ ބޭރަށެވެ.
2022 ވަނަ އަހަރު ގަތަރުގައި އޮތް ވޯލްޑްކަޕް ފައިނަލްގައި ހެޓްރިކް ހެދި ފްރާންސްގެ ކެޕްޓަންއަށް އަދި ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި ލަނޑެއް ނުޖެހެއެވެ. މިމެޗުގައި ވެސް އޭނާއަށް އިތުރު ފުރުސަތެއް ނުލިބި ދަނޑުން ފައިބަން ޖެހުނީ އޮސްޓްރިއާގެ ކުޅުންތެރިއެއްގެ ކޮނޑުގައި މޫނު ޖެހި ނޭފަތް ފަޅައިގެން ގޮސްގެން ލޭ މަނާ ނުވެގެންނެވެ.
ފްރާންސްއިން ދެން ކުޅެން ޖެހޭނީ ނެދަލޭންޑްސްއާ ދެކޮޅަށް ކަމަށްވާ އިރު ފްރާންސްގެ މެނޭޖްމަންޓުން އުއްމީދުކުރާނީ އެމްބާޕޭގެ އިންޖަރީ މާ ސީރިއަސް ނުވާނެ ކަމަށެވެ.
މިރޭގެ މެޗުގެ ފަހުކޮޅު އޮސްޓްރިއާއިން ހަމަލާތައް އުފައްދަން މަސައްކަތް ކުރި ނަމަވެސް މެޗު ނިމުނީ 1-0 އިން ފްރާންސް ކުރީގައި އޮވެގެންނެވެ. މެޗުން މޮޅުވުމުން ފްރާންސަށް ލިބުނު ތިން ޕޮއިންޓާއެކު އެޓީމު ވަނީ ގްރޫޕް ޑީގެ ދެވަނައަށް އަރާފައެވެ. އެއްވަނައިގައި ނެދެލޭންޑްސް އޮތީ ހަމައެކަނި ޖެހި ގޯލުގެ ތަފާތުންނެވެ.