ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގައި ބެލްޖިއަމް ކުޅުނު ފުރަތަމަ މެޗުން އެޓީމު ބަލިވެއްޖެއެވެ. ގްރޫޕް އީގެ ދެވަނަ މެޗުގައި ބެލްޖިއަމްއާ ސްލޮވާކިއާ ވާދަކުރި މެޗު ބެލްޖިއަމް ސިއްސުވާލާ ސްލޮވާކިއާ ކާމިޔާބުކުރީ 1-0 އިންނެވެ.

މިމެޗުގެ ޖެހި ހަމައެކަނި ލަނޑު ސްލޮވާކިއާއިން ކާމިޔާބުކުރީ މެޗުގެ 7 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޝްކްރާންޒެވެ. މިއީ ބެލްޖިއަމްގެ ޑިފެންސުން ހެދުނު ގޯހަކުން ސްލޮވާކިއާއިން ޖެހި ލަނޑެކެވެ.

މެޗުގައި ބެލްޖިއަމްއިން ގިނަ ފުރުސަތުތައް އުފެއްދި އިރު ފޯވަޑް ރޮމަލޫ ލުކާކޫއަށް ލަނޑު ޖަހާނެ ރަނގަޅު ތިން ފުރުސަތު ލިބި އެއްވެސް ލަނޑެއް ނުޖެހެއެވެ. މުޅި މެޗުގައި ލުކާކޫ ބޯޅައިގައި ފައިޖައްސާފައިވަނީ އެންމެ 27 ފަހަރެވެ.

މެޗުގެ ދެވަނަ ހާފްގައި މުޅިން ހެން ކުޅުނީ ބެލްޖިއަމްއެވެ. އަދި އެޓީމުން ހަމަލާއަކަށް ފަހު ހަމަލާއެއް އުފެއްދި އިރު ސްލޮވާކިއާގެ ޑިފެންސުން ވަނީ ހުޝިޔާރު ކުޅުމެއް ދައްކާފައެވެ.

މެޗުގެ ދެވަނަ ހާފްގައި ބެލްޖިއަމްއިން ދެލަނޑު ޖެހި ނަމަވެސް މެޗުގެ ވީޑިއޯ އެސިސްޓަން ރެފްރީ ވަނީ ދެ ލަނޑު ވެސް ކެންސަލްކޮށްފައެވެ. އެއް ލަނޑު އޮފްސައިޑް ވެގެން އަދި ދެވަނަ ލަނޑު ބެލްޖިއަމްގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހިގެންނެވެ. މިދެލަނޑު ވެސް ޖެހީ ލުކާކޫއެވެ.

މިމެޗުން މޮޅުވެގެން ސްލޮވާކިއާ މިވަނީ ތިން ޕޮއިންޓާއެކު ގްރޫޕް އީގެ ދެވަނައަށް އަރަފާއެވެ.