ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގެ ފުރަތަމަ މެޗުގައި ޔޫކްރެއިންއާއި ރޯމޭނިއާ ވާދަކުރި މެޗު 3-0 އިން ރޯމޭނިއާ ކާމިޔާބުކޮށްފިއެވެ.
މިމެޗުގައި ރޯމޭނިއާގެ ފަރާތުން އާދިޔާ ހިލާފު މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު އެޓީމުން މިމެޗުގައި ޖެހި ފުރަތަމަ ލަނޑު ކާމިޔާބުކުރީ މެޗުގެ 29 ވަނަ މިނެޓްގައެވެ. ކެޕްޓަން ސްޓަނިޗޫ ޖަހާ ދިން މިލަނޑަކީ ބަލާލަން ވަރަށް ހިތް ގައިމު ލަނޑެކެވެ.
މެޗުގެ ފުރަތަމަ ހާފް ރޯމޭނިއާ ކުރީގައި އޮވެގެން ނިމުނު އިރު މެޗުގެ ދެވަނަ ހާފްގައި ރޯމޭނިއާއިން ކުޅުން އިތުރަށް ވަރުގަދަ ކުރިއެވެ. އަދި ދެވަނަ ހާފް ފެށިތާ މާ ގިނަ އިރެއް ނުވެ މެޗުގެ 53 ވަނަ މިނެޓްގައި އެޓީމުން ދެވަނަ ލަނޑެއް ޖަހާ ލީޑު ފުޅާ ކުރިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މިޑްފީލްޑަރު މާރިއަސް މާރިންއެވެ.
އަދި އޭނގެ ހަތަރު މިނެޓް ފަހުން ޑެޑިސް ޑްރާގުސް ޖެހި ލަނޑަކާއެކު ސްކޯ 3-0 އަށް ހެދިއެވެ. އެލަނޑަށް ފަހު ޔޫކްރެއިން ކުޅުން ވަރުގަދަ ކުރި އިރު އެޓީމުން ރޯމޭނިއާގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމަލާތައް ވެސް އިތުރު ކުރިއެވެ. އަދި ފޯވަޑް ޑޮބްވިކް ފޮނުވާލި އެއް ޝޮޓް ރޯމޭނިއާގެ ގޯލުގެ ދަނޑީގައި ވެސް ޖެހުނެވެ. ރޯމޭނިއާގެ ފޯވަޑް ލައިނާ އެއް ގޮތަށް އެގައުމުގެ ޑިފެންސްއިން ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
އަދި މިމެޗު ނިމުނީ 3-0 އިން ރޯމޭނިއާ ކުރީގައި އޮވެގެންނެވެ. މިއީ ރޯމޭނިއާގެ ތާރީހުގައި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗެއް އެންމެ ތަފާތު ބޮޑު ސްކޯ އަކުން އެޓީމުން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
މި މޮޅާއެކު ލިބުނު ތިން ޕޮއިންޓާއެކު ރޯމޭނިއާ ވަނީ ގްރޫޕް އީގެ އެއްވަނަ އަށް އަރާފައެވެ. މި ގްރޫޕްގެ ދެވަނަ މެޗު އޮންނަނީ މިރޭ 9 ޖަހާ އިރެވެ. އަދި މިމެޗުގައި ވާދަކުރާނީ ބެލްޖިއަމްއާ ސްލޮވާކިއާއެވެ.