ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ތިން ގްރޫޕެއްގެ މެޗުތައް ކުޅޭ ނިމިފައިވާ އިރު މިއަދު ވެސް ދެ ގްރޫޕެއްގައި ތިން މެޗު ކުޅޭނެއެވެ. މި ގޮތުން، ގްރޫޕް ޑީގެ އެއް މެޗާއި ގްރޫޕް އީ ގެ ދެމެޗު މިއަދު ކުޅޭނެއެވެ.

ހަވީރު ހައެއް ޖަހާ އިރު ރޯމޭނިއާ އަދި ޔޫކްރެއިން

ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ގްރޫޕްގެ ފުރަތަމަ މެޗުގައި ރޯމޭނިއާ އަދި ޔޫކްރެއިން ވާދަކުރާ އިރު މިއީ 2016 ވަނަ އަހަރުގެ ފަހުން މި ދެޓީމު ވާދަކުރާ ފުރަތަމަ ފަހަރެވެ. 3-4 ގެ ސްކޯލައިނަކުން ނިމުނު އެފޯރިގަދަ މެޗު ކާމިޔާބުކުރީ ޔޫކްރެއިނެވެ.

ޔޫކްރެއިން އިން ބޭނުންވަނީ ގައުމުގެ ރޫހު މުބާރާތުގައި ދައްކަން/ފޮޓޯ: ސީއެންއެން

މިއަދުގެ މެޗަށް ނިކުންނަ އިރު ޔޫކްރެއިން އޮތީ އެންމެ ރަނގަޅު ފޯމެއްގައެއް ނޫނެވެ. މިގޮތުން، ކުޅުނު ތިން މެޗުގެ ތެރެއިން ޔޫކްރެއިން އިން މޮޅުވީ އެންމެ މެޗަކުންނެވެ. އަނެއް ދެމެޗުގެ ތެރެއިން އެއް މެޗުން އެއްވަރުވި އިރު ޕޮލެންޑާ ވާދަކުރި މެޗުން ޔޫކްރެއިންވީ ބައްޔެވެ.

ހަމައެއާއެކު ރޯމޭނިއާގެ ފޯމު ވެސް ރަނގަޅެއް ނޫނެވެ. މިގޮތުން އެޓީމުން އެންމެ ފަހުން ކުޅުނު ހަތަރުގެ މެޗުގެ ތެރެއިން އެއް މެޗުން ބަލިވި އިރު އަނެއް ތިން މެޗުން ވެސް ވީ ބައްޔެވެ. އެހެން ކަމުުން މިއަދު ހަވީރު ކުޅޭ މެޗުން ދެ ޓީމަށް ވެސް ރަނގަޅު ކުޅުމެއް ދެއްކި ދާނެ ކަމާ މެދު ސުވާލު އުފެދެއެވެ.

މުބާރާތުގައި ބެލްޖިއަމް ކުޅޭ ފުރަތަމަ މެޗު މިރޭ ނުވައެއް ޖަހާ އިރު

ޔޫރަޕްގެ ބޮޑެތި ގިނަ ޓީމުތަކުގެ ކުޅުން ޔޫރޯ 2024 އިން މިހާރު ފެނިފައިވާ އިރު ގިނަ ބައެއްގެ 'ފޭވަރިޓް' ޓީމު ބެލްޖިއަމް މިމުބާރާތުގައި ކުޅޭ ފުރަތަމަ މެޗަށް ސްލޮވާކިއާއާ ދެކޮޅަށް ނިކުންނާނެއެވެ.

މިމެޗުގެ ކުރިން ބެލްޖިއަމްގެ ފޯމަށް ބަލާ އިރު އެޓީމުން އެންމެ ފަހުން ކުޅުނު ހަތަރު މަޗުގެ ތެރެއިން ތިން މެޗުން މޮޅުވެ އެއްމެޗުން ވަނީ އެއްވަރުވަފައެވެ. އަދި މި ހަތަރު މެޗުގައި ބެލްޖިއަމް ވަނީ ޖުމްލަ 7 ލަނޑު ޖަހާފައެވެ.

ޔޫރޯ 2024 އަށް ސިޓީގެ ޑެ ބްރައިނާ ފިޓްވުމަކީ ބެލްޖިއަމް އަށް ލިބުނު ހިތްވަރެއް/ފޮޓޯ: ސްޕޯޓިންގް ނިއުސް

ސްލޮވާކިއާއަށް ބަލާ އިރު މިމެޗުގެ ކުރިން އެޓީމުން ކުޅުނު 4 މެޗުގެ ތެރެއިން ދެ މެޗުން މޮޅުވި އިރު އަނެއް ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އަނެއް މެޗުން ވީ އެއްވަރެވެ. މިއީ މިގްރޫޕްގައި ސްލޮވާކީއާ ކުޅޭނެ އެންމެ އުނދަގޫ މެޗަށްވާނެ އިރު މެޗުން އެއް ޕޮއިންޓް ނަމަވެސް ހޯދަން އެޓީމުން މަސައްކަތް ކުރާނެއެވެ.

މިރޭ ދަންވަރު 12 ޖަހާ އިރު ފްރާންސްގެ ފުރަތަމަ މެޗު

ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގައި ފްރާންސްގެ ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނިކުންނާނީ އޮސްޓްރިއާއާ ދެކޮޅަށެވެ. 2022 ވަނަ އަހަރު ގަތަރުގައި އޮތް ވޯލްޑްކަޕް މުބާރަތުގެ ރަނާ ރަޕް މިމެޗަށް ނިކުންނަ އިރު އޮތީ ރަނގަޅު ފޯމެއްގައެވެ. މިގޮތުން އެޓީމުން އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވި އިރު އަނެއް މެޗުން ވީ އެއްވަރެވެ.

ފްރާންސްގެ ތަމްރީނުތަކުގެ ތެރެއިން/ފޮޓޯ: އެކްސް

ފްރާންސް ޓީމާ ދެކޮޅަށް ނިކުންނަ ވެސް އޮތީ ރަނގަޅު ފޯމެއްގައެވެ. މިގޮތުން، އެޓީމުން އެންމެ ފަހުން ކުޅުނު 4 މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ އެއް މެޗުން ވަނީ އެއްވަރުވެފައެވެ.