ޔޫރޯ 2024 ޗެމްޕިއަން ފުޓްބޯޅަ މުބާރާތުގައި އިންގްލޭންޑް ކުޅުނު ފުރަތަމަ މެޗުގައި 1-0 އިން ސާބިއާ ބަލިކޮށްފިއެވެ.

ގްރޫޕް ސީގެ ދެވަނަ މެޗުގައި ދެ ޓީމަށް ވެސް މާ މޮޅު ކުޅުމެއް ދެއްކިފައި ނުވާ އިރު މެޗުގައި ފެނުނު ހަމައެކަނި ލަނޑު މެޗުގެ 13 ވަނަ މިނެޓްގައި ޖަހާ ފައިވަނީ ސްޕެއިންގެ ރިއާލް މެޑްރިޑްއަށް ކުޅޭ ޖޫޑް ބެލިންގްހަމްއެވެ. 20 އަހަރުގެ ބެލިންގްހަމް ބޮލުން ޖަހާ ވައްދާލި މިލަނޑަކީ އާސަނަލްގެ ވިންގާ ބަކާޔޯ ސާކާ ނަގާ ދިން ހުރަހަކުން ޖެހި ލަނޑެވެ.

ބެލިންގްހަމް އަކީ ނިމިދިޔަ ލަ ލީގާ ސީޒަންގެ އެންމެ މޮޅު ޔަންގް ޕްލޭޔާއެވެ.

އެލަނޑަށް ފަހު އިންގްލޭންޑުން އިތުރުން ލަނޑެއް ޖަހަން މަސައްކަތް ކުރި ތަން ނުފެނު އިރު ސާބިއާއިން ވަނީ މެޗުގެ ދެވަނަ ހާފްގައި ކުޅުން ވަރުގަދަކޮށް އިތުރު ހަމަލާތައް އުފައްދާފައެވެ.

އަދި އިންގްލޭންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މުހިންމު ސޭވްތަކެއް ވެސް ކޮށްފައެވެ. އެހެން ނަމަވެސް މިމެޗު ނިމުނީ 1-0 އިން އިންގްލޭންޑް ކުރީގައި އޮވެގެންނެވެ. މިމެޗުން މޮޅުވެގެން އިންގްލޭންޑް ވަނީ ގްރޫޕް ސީގެ އެއް ވަނައަށް އަރާފައެވެ.