ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި މިރޭ ޑެންމާކާ ސްލޮވޭނިއާ ކުޅުނު މެޗު 1-1 އިން އެއްވަރު ވެއްޖެއެވެ.

މި ގްރޫޕްގެ ފުރަތަމަ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު ޑެންމާކުން ވަނީ މެޗުގެ 17 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ތަޖުރިބާކާރު މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންއެވެ. އެރިކްސަން އަކީ 2021 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކުން ކުޅުނު ފުރަތަމަ މެޗުގައި ހިތް ހުއްޓިގެން ދަނޑު މައްޗަށް ވެއްޓުނު ކުޅުންތެރިޔާއެވެ. ދަނޑު މަތީގައިއާ ހޮސްޕިޓަލުން ބޭރުގައި ދިން ފަރުވާއާ އެކު އެރިކްސަން އަށް އަލުން ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ލިބިގެން ދިޔަ އިރު މިރޭ ޖެހި ލަނޑާއެކު 32 އަހަރުގައި އެރިކްސަން އަކީ ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި ޑެންމާކްއަށް ލަނޑެއް ޖަހާ ދިން އެންމެ އުމުރުން ދޮށީ ކުޅުންތެރިޔާއެވެ.

ކްރިސްޓަން އެރިކްސަން ލަނޑު ޖެހުމަށް ފަހު/ފޮޓޯ: އެކްސް

މެޗުގެ ފުރަތަމަ ހާފް ނިމުނީ 1-0 އިން ޑެންމާކް ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފްގައި ޑެންމާކްއަށް ލީޑު ފުޅާ ކުރާނެ ފުރުސަތުތައް ލިބުނު އިރު ސްލޮވޭނިއާގެ ކީޕަރު ޔާން އޮބްލާކް ވަނީ މުހިއްމު ސޭވްތަކެއްވެސް ކޮށްފައެވެ.

މެޗުގެ ދެވަނަ ހާފްގައި ސްލޮވޭނިއާއިން ޑެންމާކްގެ ގޯލަށް ގިނަ ހަމަލާތައް އަމާޒުކުރި އިރު މެޗުގެ 77 ވަނަ މިނެޓްގައި އެޓީމުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ސްލޮވޭނިއާއަށް ކާމިޔާބުކޮށް ދިނީ އެރިކް ޔަންޒާއެވެ.

އެއަށް ފަހު މެޗުން މޮޅުވުމަށް ދެ ޓީމަށް ވެސްް ފުރުސަތުތައް ލިބުނު އިރު ގްރޫޕް ސީގެ ފުރަތަމަ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި ނަތީޖާއާއެކު ދެ ޓީމަށް ވެސް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

މިރޭ ދަންވަރު 12 ޖަހާ އިރު މި ގްރޫޕްގެ ދެވަނަ މެޗު ކުޅޭ އިރު އެމެޗުގައި ވާދަކުރާނީ އިންގްލޭންޑާއި ސާބިއާއެވެ.