ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި މިރޭ ނެދެލޭންޑްސްއާއި ޕޮލެންޑް ވާދަކުރި މެޗު 2-1 އިން ނެދަލޭންޑްސް ކާމިޔާބު ކޮށްފިއެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 16 ވަނަ މިނެޓްގައި ޖެހީ ޕޮލެންޑުންނެވެ. ޕީޓޯ ޒެލިންސްކީ ނަގާ ދިން ހުރަހަކުން މި ގޯލު ޕޮލެންޑަށް ކާމިޔާބުކޮށް ދިނީ ބުކްސާއެވެ.

ޕޮލެންޑް އަށް ލަނޑު ޖަހާ ދިނީ ބުކްސާ/ފޮޓޯ: އެކްސް

ޕޮލެންޑްގެ ލަނޑަށް ފަހު ނެދެލޭންޑްސްގެ ކުޅުން ވަރުގަދަ ކުރި އިރު މެޗުގެ 29 ވަނަ މިނެޓްގައި އެޓީމުގެ ފޯވަޑް ކޯޑި ގެކްޕޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ ލީޑު ނަގަން ދެ ޓީމަށް ވެސް ފުރުސަތު ލިބުނު އިރު ފުރަތަމަ ހާފް ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

ގެކްޕޯ މިވަނީ ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުގައި ލަނޑު ޖަހާފައި/ފޮޓޯ: އެކްސް

ފުރަތަމަ ހާފާ ހިލާފަށް މެޗުގެ ދެވަނަ ހާފްގައި މުޅިން ވެސް ކުޅުނީ ނެދެލޭންޑްސްއިންނެވެ. އަދި އެޓީމުން ވަނީ ޕޮލެންޑްގެ ގޯލަށް އަމާޒުކޮށް 13 ޝޮޓް ފޮނުވާލާފައެވެ.

ނެދެލޭންޑްސްގެ ގިނަ ހަމަލާތަކުގެ ނަތީޖާއަކަށް ވީ މެޗުގެ 83 ވަނަ މިނެޓްގައި އެޓީމުގެ ބަދަލު ކުޅުންތެރިޔާ ވެގްހޯސްޓް ލަނޑެއް ޖަހާ އެޓީމަށް ލީޑު ނަގާ ދިނުމެވެ. އަދި ޕޮލެންޑަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ފުރުސަތު ލިބުނު ނަމަވެސް މިމެޗު ނިމުނީ 2-1 އިން ނެދެލޭންޑްސް ކުރީގައި އޮވެގެންނެވެ.

މި ނަތީޖާއާއެކު ނެދެލޭންޑްސް މިވަނީ ގްރޫޕް ޑީގެ އެއްވަނަ އަށް އަރާފައެވެ. މި ގްރޫޕްގެ ދެވަނަ މެޗު އޮންނީ މާދަމާ ރޭ ދަންވަރު 12 ޖަހާ އިރުއެވެ.

މިރޭ ނުވައެއް ޖަހާ އިރު ގްރޫޕް ސީގެ ސްލޮވޭނިއާ އަދި ޑެންމާކް ވާދަކުރާ އިރު ދަންވަރު 12 ޖަހާ އިރު އިންގްލޭންޑް ކުޅޭނީ ސާބިއާ ދެކޮޅަށެވެ.