ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ދެ ގްރޫޕްގެ ހަތަރު މެޗު މިހާރު ކުޅެފައިވާ އިރު މިއަދު ދެ ގްރޫޕެއްގެ ތިން މެޗު ކުޅޭނެއެވެ. މިގޮތުން ގްރޫޕް ޑީގެ އެއް މެޗު ކުޅޭނެ އިރު ގްރޫޕް ސީގެ ދެމެޗު ވެސް މިއަދު ކުޅޭނެއެވެ.
ހަވީރު ހައެއް ޖަހާ އިރު ޕޮލެންޑް އަދި ނެދެލޭންޑްސް ވާދަކުރާނެ
ގްރޫޕް ސީގެ ފުރަތަމަ މެޗު މިއަދު ކުޅޭ އިރު މިމެޗުގައި ވާދަކުރާނީ ނެދެލޭންޑްސް އަދި ޕޮލެންޑެވެ. މިމެޗަށް ނިކުންނަ އިރު ޕޮލެންޑް އޮތީ ރަނގަޅު ފޯމެއްގައެވެ. މިގޮތުން، އެޓީމުން އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް މޮޅުވެފައިވާ އިރު މިމަހުގެ 10 ވަނަ ދުވަހު ތުރުކީއާ ދެކޮޅަށް ކުޅުނު މެޗު ޕޮލެންޑް ކާމިޔާބުކުރީ 2-1 އިންނެވެ.
ނެދަލޭންޑްސް ވެސް މިމެޗަށް ނިކުންނަނީ ރަނގަޅު ފޯމެއްގައި އޮވެގެންނެވެ. މިގޮތުން، އެޓީމުން އެންމެ ފަހުން ކުޅުނު ހަތަރުގެ މެޗުގެ ތެރެއިން ތިން މެޗުން ވަނީ މޮޅުވެފައެވެ. މީގެ ތެރެއިން މިމަހު ކުޅުނު ދެ މެޗުގައި އެޓީމުން ވަނީ 8 ލަނޑު ޖަހާފައެވެ. އަދި އެދެމެޗުގައި ނެދަލޭންޑްސްގެ ކޮޅަށް އެއްވެސް ލަނޑެއް ވަދަފައެއް ނުވެއެވެ.
ރޭގަނޑު ނުވައެއް ޖަހާ އިރު ޑެންމާކް ވާދަކުރާނީ ސްލޮވޭނިއާއާ
މުބާރާތުގައި ގްރޫޕް ސީގެ ފުރަތަމަ މެޗުގައި މިރޭ ޑެންމާކާ ސްލޮވޭނިއާ ވާދަކުރާނެއެވެ. މިމެޗުގެ ކުރިން ސްލޮވޭނިއާއިން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފައިވާ އިރު އަނެއް ދެ މެޗުން ވީ އެއްވަރެވެ. މެޗަށް ނިކުންނަ އިރު ސްލޮވޭނިއާގެ ސްކޮޑުގައި އިންޖަރީގެ އެއްވެސް މައްސަލައެއް ނެތެވެ.
ޑެންމާކަށް ބަލާ އިރު އެޓީމުން އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ވަނީ މޮޅުވެފައެވެ. މިމަހުގެ 8 ވަނަ ނޯވޭއާ ދެކޮޅަށް ކުޅުނު މެޗު ޑެންމާކުން ކާމިޔާބުކުރީ 3-1 އިންނެވެ. މިމުބާރާތުގެ ކޮލިފައިންގައި ވެސް މިދެޓީމު އޮތީ އެއް ގްރޫޕެއްގައެވެ. އަދި އެފަހަރު ކުޅުނު ދެމެޗުގެ ތެރެއިން އެއް މެޗު 2-1 އިން ޑެންމާކް ކާމިޔާބުކުރި އިރު އަނެއް މެޗު ވީ 1-1 އިން އެއްވަރެވެ.
ދަންވަރު 12 ޖަހާ އިރުގެ މެޗުގައި އިންގްލޭންޑް ކުޅޭނީ ސާބިއާއާ
އެންމެ ފަހުން އޮތް ޔޫރޯގެ ފައިނަލަށް ދަތުރުކުރި އިންގްލޭންޑް މިއަހަރުގެ މުބާރަތް ފަށާނީ ސާބިއާއާ ދެކޮޅަށެވެ. މުބާރާތުގެ ކުރިން އެޓީމުން އެންމެ ފަހުން ކުޅުނު މެޗުގައި އައިސްލޭންޑުން އަތުން ބަލިވުމުން ސްޕޯޓަރުން ތިބީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އެހެން ކަމުން މިރޭގެ މެޗުން ރަނގަޅު ނަތީޖާއެއް ނެރެ މުބާރާތުގެ ފެށުން ރަނގަޅުކުރަން އިންގްލޭންޑުން ބޭނުންވާނެއެވެ.
މިރޭގެ މެޗަށް ނިކުންނަ އިރު ސާބިއާ އޮތީ ރަނގަޅު ފޯމެއްގައެވެ. މިގޮތުުން، އެޓީމުން އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅުވެފައިވާ އިރު މިމަހުގެ 8 ވަނަ ދުވަހު ސުވިޑަންއާ ދެކޮޅަށް ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 3-0 އިންނެވެ.