ޔޫރޯ 2024 ގެ ގްރޫޕް ބީގެ ދެވަނަ މެޗުގައި މިރޭ އިޓަލީއާ އަލްބޭނިއާ ވާދަކުރި މެޗު 2-1 އިން އިޓަލީ ކާމިޔާބުކޮށްފިއެވެ.

އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ މިމެޗުން ފަސޭހަ ކަމާއެކު މޮޅުވާނެ ކަމަށް ގިނަ ބަޔަކު ހީކުރި ނަމަވެސް މެޗުގެ ފުރަތަމަ މިނެޓްގައި އަލްބޭނިއާ ޖެހި ލަނޑާއެކު ވަނީ ޗެމްޕިއަނުން ސިއްސުވާލާފައެވެ.

ބަރާމީގެ ލަނޑަކީ ޔޫރޯގެ ތާރީހުގައި ވެސް މެޗެއްގައި ޖެހި އެންމެ އަވަސް ލަނޑު/ފޮޓޯ: އެކްސް

މި ގޮތުން މެޗު ފެށިތާ 22 ވަނަ ސިކުންތުގައި އަލްބޭނިއާގެ ބަރާމީ ޖެހި މިލަނޑަކީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތާރީހުގައި ވެސް ޖެހި އެންމެ އަވަސް ލަނޑެވެ.

އަލްބޭނިއާގެ ލަނޑަށް ފަހު މެޗުގެ ކޮންޓްރޯލް އިޓަލީން ނެގި އިރު މެޗުގެ 11 ވަނަ މިނެޓްގައި އެޓީމުން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހާ ދިނީ ޑިފެންޑަރު ބަސްޓޯނީއެވެ.

އިޓަލީއަށް އެއްވަރުކޮށް ދިން ލަނޑު ޖަހާ ދިނީ ޑިފެންޑަރު ބަސްޓޯނީ/ފޮޓޯ: އެކްސް

ދެން ވެސް މިމެޗުގައި ލަނޑެއް ޖެހީ އިޓަލީންނެވެ. މިގޮތުން މެޗުގެ 16 ވަނަ މިނެޓްގައި އިޓަލީގެ ނިކޮލާ ބަރޭލާ ދުރުން ޖެހި ލަނޑަކީ ބަލާލަން ހިތްގައިމު ލަނޑެކެވެ.

ފުރަތަމަ ހާފް އިޓަލީ ކުރީގައި އޮވެގެން ނިމުނު އިރު ދެވަނަ ހާފްގެ ކުރީކޮޅު ވެސް ގަދައަށް ކުޅުނީ އިޓަލީންނެވެ. އަދި އެޓީމުން ލަނޑު ޖަހާނެ ފުރުސަތުތައް ހޯދި އިރު އަލްބޭނިއާއިން ވެސް ދޭތެރެ ދޭތެރެއިން ހަމަލާތައް އުފެއްދިއެވެ. އަދި މެޗު ނިމެން ދަނިކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ރަނގަޅު ފުރުސަތެއް އަލްބޭނިއާއަށް ލިބުނެވެ. އެހެން ނަމަވެސް ބަދަލު ކުޅުންތެރިޔާ ރޭ މަނާހް ފޮނުވާލި ޝޮޓް އިޓަލީގެ ކީޕަރު ޑޮނަރޫމާ ވަނީ ސޭވްކޮށްފައެވެ.

މިރޭގެ ނަތީޖާއާއެކު އިޓަލީއަށް ތިން ޕޮއިންޓް ލިބުނު އިރު އެޓީމު އޮތީ ގްރޫޕް ބީގެ ދެވަނައިގައެވެ. އެއް ވަނައިގައި އޮތް ސްޕެއިންއަށް އެމަގާމު ލިބުނީ ޖެހި ގޯލުގެ ތަފާތުންނެވެ.

މި ގްރޫޕްގައި އިޓަލީ ދެން ވާދަކުރަން ޖެހޭނީ ސްޕެއިންއާއެވެ. މިމަހުގެ 21 ވަނަ ދުވަހު އެމެޗު އޮންނަ އިރު މިމަހުގެ 19 ވަނަ ދުވަހު އަލްބޭނިއާ މި ގްރޫޕްގެ އަނެއް ޓީމު ކްރޮއޭޝިއާ ވާދަކުރާނެއެވެ.