ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ އެންމެ ވަރުގަދަ ގްރޫޕް، ގްރޫޕް ބީގައި މިރޭ ސްޕެއިންއާއި ކްރޮއޭޝިއާ ވާދަކުރި މެޗު 3-0 އިން ސްޕެއިން ކާމިޔާބުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހާފްގައި ކްރޮއޭޝިއާއިން ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ހަމަލާތައް އުފައްދަން މަސައްކަތް ކުރި ނަމަވެސް މެޗުގެ 29 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ލީޑު ނެގީ ސްޕެއިނުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ފަބިއަން ރޫއިޒްގެ ޕާސް އަކުން ކެޕްޓަން އަލްވާރޯ މޮރާޓާއެވެ.

ސްޕެއިންގެ ދެވަނަ ލަނޑު މެޗުގެ 32 ވަނަ މިނެޓްގައި ޖަހާ ދިނީ ރޫއިޒެވެ. ތިން މިނެޓްގެ ތެރޭގައި ސްޕެއިންއިން ޖެހި ދެލަނޑާއެކު މެޗުގެ ކޮންޓްރޯލް އެޓީމުން ނެގި އިރު މެޗުގެ ނަތީޖާ ކަވަށަރުކުރުމަށް ސްޕެއިންއިން ވަނީ ފުރަތަމަ ހާފްގައި ލަނޑެއް ޖަހާފައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ރިއާލްގެ ޑިފެންޑަރު ޑެނީ ކަވަހާލްއެވެ. އަދި މިލަނޑުގެ އެސިސްޓް ދިޔައީ މިމުބާރާތުގައި ކުޅޭ އެންމެ އުމުރުން ހަގު ކުޅުންތެރިޔާ ކަމަށްވާ ސްޕެއިންގެ 16 އަހަރުގެ ވިންގާ ލަމީން ޔަމާލްއަށެވެ.

މިމުބާރާތުގައި ކުޅޭ އެންމެ ހަގު ކުޅުންތެރިޔާ ޔަމާލް ވަނީ ލަނޑެއް އެސިސްޓް ކޮށްދީފައި/ފޮޓޯ: އެކްސް

މެޗުގެ ދެވަނަ ހާފްގައި ކްރޮއޭޝިއާއިން ހަމަލާތައް އުފައްދަން މަސައްކަތް ކުރި ނަމަވެސް އެޓީމަށް މާގިނަ ހަމަލާތަކެއް އުފެއްދޭ ގޮތެއް ނުވިއެވެ. އެހެން ނަމަވެސް މެޗު ނިމެން ދަނިކޮށް ސްޕެއިންގެ ކީޕަރު ސިމޯންއަށް ހެދުނު ގޯހަކުން ކްރޮއޭޝިއާއަށް ޕެނަލްޓީއެއް ލިބުނެވެ. ސިމޯން މި ޕެނަލްޓީ ސޭވި ކުރި ނަމަވެސް ކްރޮއޭޝިއާގެ ޕެރަސިޗް ނަގާ ދިން ހުރަހަކުން ޕެނަލްޓީ ނެގި ޕެޓްކޮވިޗް ވަނީ ބޯޅު ގޯލުގެ ތެރެއަށް ވައްދާލާފަައެވެ. އެހެން ނަމަވެސް ޕެރެސިޗް މާ ކުރިން ޕެނަލްޓީ އޭރިއާގެ ތެރެއަށް ވަތް ކަމަށް ނިންމާ މިލަނޑު މެޗުގެ ރެފްރީ ކެންސަލް ކުރިއެވެ.

މެޗު ނިމުނީ 3-0 އިން ސްޕެއިން މޮޅުވެ ގްރޫޕް ބީގެ އެއްވަނައަށް އަރައިގެންނެވެ. މި ގްރޫޕްގެ ދެވަނަ މެޗުގައި މިރޭ ދަންވަރު ވާދަކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީއާ އަލްބޭނިއާއެވެ.