ޔޫރޯ 2024 ގެ ގްރޫޕް އޭގެ ދެވަނަ މެޗުގައި މިއަދު ހަންގަރީ އަދި ސުވިޓްޒަލޭންޑް ބައްދަލުކުރި މެޗު 3-1 އިން ސުވިޓްޒަލޭންޑް ކާމިޔާބުކޮށްފިއެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 12 ވަނަ މިނެޓްގައި ޖަހާ ދިނީ ސުވިޓްޒަލޭންޑްގެ ޒުވާން ފޯވަޑް ޑުއާއެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހާ ދިން ފުރަތަމަ ލަނޑަށްވާ އިރު މިއަދުގެ މެޗަކީ އޭނާ ގައުމީ ޓީމަށް ކުޅުނު ދެވަނަ މެޗެވެ.

މިއީ ޑުއާ ސުވިޓްޒަލޭންޑް ލަނޑެއް ޖެހި ފުރަތަމަ ފަހަރު/ފޮޓޯ: އެކްސް

މެޗުގައި ދެން ވެސް ފެނިގެން ދިޔައީ ސުވިޓްޒަލޭންޑްގެ ފަރާތުންނެވެ. ފޯވަޑް އަބިޝާ ޖަހާ ދިން މިލަނޑަކީ ދުރުން ޖެހި ހިތްގައިމު ލަނޑެކެވެ.

0-2 ގެ ސްކޯއަކުން ސުވިޓްޒަލޭންޑް ކުރީގައި އޮވެގެން ފުރަތަމަ ހާފް ނިމުނު އިރު މެޗުގެ ދެވަނަ ހާފްގައި ހަންގަރީއިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އަދި މެޗުގެ 66 ވަނަ މިނެޓްގައި އެޓީމުން ވަނީ ލަނޑެއް ޖަހާ މެޗުގެ ސްކޯގެ ފަރަގު ކުޑަކޮށްފައެވެ. ކެޕްޓަން ޑޮމިނިކް ސަބޮސްލާއީ ނަގާ ދިން ހުރަރެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ވައްދާލައިގެން އެޓީމަށް މި ލަނޑު ޖަހާ ދިނީ ބާނަބަސް ވާގައެވެ.

މެޗުގެ ފަހު ކޮޅު ސުވިޓްޒަލޭންޑް ޕްރެޝަރުގައި އޮވެގެން ކުޅުނު ނަމަވެސް މެޗު ނިމެން ދަނިކޮށް އެޓީމުގެ ބްރީލް އެމްބޯލޯ ޖަހާ ދިން ލަނޑާއެކު ސުވިޓްޒަލޭންޑަށް ނަތީޖާ ކަށަވަރުވިއެވެ.

މިމެޗުން މޮޅުވެގެން ސުވިޓްޒަލޭންޑަށް ތިން ޕޮއިންޓް ލިބުނު އިރު އެޓީމު އޮތީ ޖާމަނީގެ ފަހަތުން ގްރޫޕްގެ ދެވަނައިގައެވެ. އެއީ ގޯލުގެ ތަފާތުންނެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ގްރޫޕް ބީގެ ދެމެޗު އަދި ކުޅޭނެ އިރު ރޭގަނޑު ނުވައެއް ޖަހާ އިރު ވާދަކުރާނީ ސްޕެއިން އަދި ކްރޮއޭޝިއާއެވެ. އަދި ދަންވަރު 12 ޖަހާ އިރު އިޓަލީ ނިކުންނާނީ އަލްބޭނިއާއާ ދެކޮޅަށެވެ.