ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ސްކޮޓްލޭންޑާ މުބާރާތުގެ ހޯސްޓް ޖާމަނީ ކުޅުނު މެޗު 5-1 ގެ ތަފާތު ބޮޑު ސްކޯލައިނަކުން ޖާމަނީ ކާމިޔާބުކޮށްފައެވެ.
މިމެޗުގައި ޖާމަނީއިން ޖެހި ފަސް ލަނޑު އެޓީމަށް ޖަހާ ދިނީ ތަފާތު ފަސް ކުޅުންތެރިންނެވެ. މިގޮތުން، ފުރަތަމަ ލަނޑު މެޗުގެ 10 ވަނަ މިނެޓްގައި ޖަހާ ދިނީ ބަޔާ ލެވަކޫސަންގެ ހުނަރުވެރި މިޑްފީލްޑަރު ފްލޯރިއަން ވްރިޓްޒެވެ. މެޗުގެ 19 ވަނަ މިނެޓްގައި ބަޔާންގެ ޖަމާލް މުސިއާލާ ވަނީ ލަނޑެއް ޖަހާ ސްކޯލައިންގެ ފަރަގު އިތުރުކޮށްފައެވެ. މިމެޗުގައި މުސިއާލާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު މެޗުގެ 44 ވަނަ މިނެޓްގައި ސްކޮޓްލޭންޑްގެ ކުޅުންތެރިއަކު އެޓީމުގެ ޕެނަލްޓީ އޭރިއާ ތެރޭގައި ކުރި ފައުލަކަށް މެޗުގެ ރެފްރީ ރަތް ކާޑެއް ދެއްކިއެވެ. އަދި އެފައުލާއެކު ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްގެން ޖާމަނީ މެޗުގެ ސްކޯ 3-0 އަކަށް ހެދިއެވެ. މި ލަނޑު އެޓީމަށް ޖަހާ ދިނީ ކައި ހަވޭޓްޒެވެ.
މި ސްކޯލައިންގައި އޮވެގެން ފުރަތަމަ ހާފް ނިމިގެން ދިޔަ އިރު ދެވަނަ ހާފްގައި ވެސް ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތައް އުފެއްދީ ޖާމަނީންނެވެ. އަދި މީގެ ނަތީޖާއަކަށް ވީ މެޗުގެ 68 ވަނަ މިިނެޓްގައި ޖާމަނީގެ ބަދަލު ކުޅުންތެރިޔާ ނިކޮލަސް ފުލްކްރިކް ލަނޑެއް ޖަހާ ސްކޯ 4-0 އަކަށް ހެދުމެވެ. މި ލަނޑުގައި ވެސް މުސިއާލާގެ ހުނަރު ފެނިގެން ދިޔައެވެ.
އެއަށް ފަހު ދެން ލަނޑެއް ވަނީ ޖާމަނީގެ ގޯލަށެވެ. ސްކޮޓްލޭންޑަށް ލިބުނު ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާގެ ތެރެއަށް ވަތް ބޯޅަ ގޯލުގެ ތެރެއަށް ވަނީ ޖާމަނީގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާގެ ބޮލުގައި ޖެހިފައެވެ.
މިމެޗުގެ ފަހު ލަނޑު ޖަހާ ސްކޯ 5-1 އަކަށް ހެދީ ޖާމަނީގެ ބަދަލު ކުޅުންތެރިޔާ އެމްރޭ ޗޭންއެވެ. ޗޭން އަކީ މީގެ 48 ގަޑި އިރު ކުރިން ޖާމަނީގެ ސްކޮޑަށް ނެގި ކުޅުންތެރިއަކަށްވާ އިރު މިއީ އޭނާ ގައުމީ ޓީމަށް ޖަހާ ދިން ތިން ވަނަ ލަނޑެވެ.
މި ނަތީޖާއާއެކު ޖާމަނީ ގްރޫޕް އޭގެ އެއްވަނަ އަށް ޖެހިލާފައިވާ އިރު އެޓީމުން ދެން ކުޅޭނީ ހަންގެރީއާއެވެ. އަދި މިރޭގެ މެޗުން ބަލިވި ސްކޮޓްލޭންޑް ދެން ކުޅެން ޖެހޭނީ ސުވިޓްޒަލޭންޑާއެވެ.
މި ގްރޫޕްގެ ދެވަނަ މެޗު މާދަމާ މާލޭ ގަޑިން އިރު އޮއްސި 6 ޖަހާ އިރު ކުޅޭނެ އިރު މިމެޗުގައި ވާދަކުރާނީ ހަންގެރީއާއި ސުވިޓްޒަލޭންޑެވެ.