ޔޫރޯ 2024 މުބާރާތުގައި 6 ގްރޫޕަކަށް ބަހާލައިގެން 24 ޓީމު މުބާރާތުގެ ތައްޓަށް ވާދަކުރާ އިރު މުބާރާތުގެ އެންމެ ފަހު ގްރޫޕް، ގްރޫޕް އެފް ވެސް ވާދަވެރިވާނެ ކަމަށް ބެލެވެއެވެ.

މިގޮތުން މިގްރޫޕްގައި 2016 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރި ޕޯޗުގަލް ހިމެނޭ އިރު އެޓީމުގެ އިތުރުން ތުރުކީ، ޗެކް ރިބަޕްލިކް އަދި ޖޯޖިއާ ވެސް މަސައްކަތް ކުރާނީ ދެވަނަ ބުރަށް ދިއުމަށެވެ.

ޕޯޗުގަލް

ޔޫރޯ 2024 ވަނަ މުބާރާތުގެ ކޮލިފައިންގައި އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ޓީމަކީ ޕޯޗުގަލްއެވެ. މިގޮތުން އެޓީމުން ވަނީ ކޮލިފައިންގައި ކުޅުނު 10 މެޗުން މޮޅުވެފައެވެ. އަދި އެ ދިހަ މެޗުގައި ޕޯޗުގަލް އިން 36 ލަނޑު ޖެހި އިރު އެޓީމުގެ ކޮޅަށް ވަދެފައިވަނީ އެންމެ 2 ލަނޑެވެ.

ޕޯޗުގަލް މުބާރާތަށް އައީ ކޮލިފައިންގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން/ފޮޓޯ: ޔޫރޯ ސްޕޯޓް

ރޮބާޓޯ މާޓީނޭޒްގެ ބެލުމުގެ ދަށުން ޔޫރޯ 2024 އާ ކުރިމަތިލާ ޕޯޗުގަލް މުބާރާތަށް ގެނައީ ވަރުގަދަ ސްކޮޑެކެވެ. މިގޮތުން ޑިފެންސްގައި ހާއޯ ކަންސެލޯ އަދި ރޫބެން ޑިއޭޒް ފަދަ ކުޅުންތެރިން ހިމެނޭ އިރު މެދު ތެރެއިން ކުޅޭ ބްރޫނޯ ފަނާންޑޭޝް އަދި ބާނާޑޯ ސިލްވާ އަކީ ވެސް ތަޖުރިބާކާރު ކުޅުންތެރިންނެވެ.

މީގެ އިތުރުން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް މުބާރާތުން ފެނިގެންދާނެ އިރު މިއީ އޭނާގެ ފަހު ބައިނަލްއަޤްވާމީ މުބާރާތަށް ވުން ވެސް އެކަށީގެންވެއެވެ.

ތުރުކީ

2021 ވަނަ އަހަރު އޮތް ޔޫރޯގައި ތުރުކީއިން ތަފާތު ދައްކާނެ ކަމަށް ގިނަ ބަޔަކު ހީކުރި ނަމަވެސް އެޓީމުން އެމުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓީ އެންމެ ލަނޑެއް ވެސް ނުޖަހައެވެ. އަދި 2022 ވަނަ އަހަރު ގަތަރުގައި އޮތް މުބާރާތަށް ތުރުކީ ކޮލިފައިވެސް ނުވެއެވެ.

ތުރުކީގެ އަރްޑާ ގޫލާ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކާނެ ކަމަށް ބެލެވޭ/ފޮޓޯ: އެކްސް

އެހެން ކަމުން މި މުބާރާތުގައި އެޓީމުގެ ފަރާތުން ފެންނާނެ ކުޅުމަކާ މެދު ޕަންޑިޓުންނަށް ބުނާނެ މާ ބޮޑު އެއްޗެއް ނޭނގެއެވެ. ތުރުކީގެ ސްކޮޑްގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމެނޭ އިރު ރިއާލްގެ އާރްޑޭ ގުލާ އަކީ މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކާނެ ކުޅުންތެރިއެއް ކަމަށް ބެލެއެވެ. ގުލާގެ އިތުރުން ވެސް ތުރުކީ ޓީމުގައި ހުނަރުވެރި އެހެން ކުޅުންތެރިން ހިމެނޭ އިރު މި މުބާރާތުގެ ދެވަނަ ބުރަށް ދާން ފަސޭހަ ނުވާނެ ކަން ތުރުކީ ޓީމަށް އެނގޭނެއެވެ.

ޗެކް ރިޕަބްލިކް

2021 ވަނަ އަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާއިން ޗެކް ރިޕަބްލިކް ޖާގަ ހޯދިއިރު އެއީ ތިން ވަނަ ފަހަރު މުބާރާތުގައި ކުޅެ ކުއާޓާގައި އެޓީިމުން ވާދަކުރި ދެވަނަ ފަހަރެވެ. އެހެން ކަމުން މި ފަހަރުގެ މުބާރާތުގެ ވެސް ގަދަ 16 އަށް ދިއުމުގެ ފުރުސަތު އެޓީމަށް ބޮޑެވެ.

ޗެކް ރިޕަބްލިކްގެ ކުޅުންތެރިން ގޯލެއް ޖެހުމަށް ފަހު އުފާ ފާޅުކުރަނީ/ފޮޓޯ: ރޮއިޓާސް

ޗެކް ރިޕަބްލިކް އިން އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އަދި ވަރުގަދަ ޑިފެންސިވް ސިސްޓަމެއްގައި ކުޅޭ ޗެކް ރިޕަބްލިކްއަކީ ބަލިކުރަން ފަސޭހަ ވާނެ ޓީމެއް ނޫނެވެ.

މި ޓީމުގައި ދުނިޔޭގެ ފެންވަރުގެ ތަރިން ވެސް މަދެއް ނޫނެވެ. މި ގޮތުން ތޮމާޝް ސޫޗެކް، އެޑަމް ލޯޝެކް އަދި ޕެޓްރިކް ޝިކް ފަދަ ކުޅުންތެރިންނަކީ ކްލަބާއި ގައުމަށް ހުނަރުވެރި ކުޅުމެއް ދައްކާފައިވާ ތަޖުރިބާކާރު ކުޅުންތެރިންނެވެ.

ޖޯޖިއާ

ޔޫރޯ ކުއަލިފައިން ޕްލޭ އޮފްގައި ޖޯޖިއާއިން ގްރީސް ކަޓުވާލުމުން ގިނަ ބަޔަކު ހައިރާންވިއެވެ. އަދި ޖާމަނީގައި އޮންނަ މުބާރާތުގައި ވެސް މިފަދަ ހައިރާން ކުރުވަނި ނަތީޖާތައް ނެރުމަށް އެޓީމުން މަސައްކަތް ކުރާނެއެވެ.

ޖޯޖިއާ ޓީމު ޔޫރޯއަށް އައި ޕްލޭ އޮފްގައި ގްރީސް ބަލިކުރުމަށް ފަހު/ފޮޓޯ: އެޖެންޑާ

އެހެން ނަމަވެސް ކޮލިފައިންގައި ސްޕެއިން، ސްކޮޓްލޭންޑް އަދި ނޯވޭ ފަދަ ޓީމުތަކުގެ ކައިރިން ބަލިވި ޖޯޖިއާއަށް ބޮޑެތި ގަދަފަދަ ޓީމުތަކާ އެއް ހަމައެއްގައި ވާދަކުރެވޭނެ ކަމާ މެދު ސުވާލު އުފެދެއެވެ. ކޯޗު ވިލީ ސެގްނޯލް އުއްމީދުކުރާނީ ޖޯޖިއާގެ އެންމެ މޮޅު ކުޅުންތެރިޔާ ވިޗާ ވަރަޓްޝްކޭލިއާ ރަނގަޅު ފޯމެއްގައި މުބާރަތަށް އަންނާނެ ކަމަށެވެ.