ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީ އަކީ ވެސް ވާދަވެރިވާނެ ކަމަށް ބެލެވޭ ގްރޫޕެކެވެ. މި ގްރޫޕްގައި ހިމެނެނީ ބެލްޖިއަމްގެ އިތުރުން ޔޫކްރެއިން، ރޯމޭނިއާ އަދި ސްލޮވާކިއާއެވެ.

ބެލްޖިއަމް

ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގެ އެއްވަނަ ހޯދާނީ ބެލްޖިއަމް ކަމަށް ގިނަ ޕަންޑިޓުން މިހާރު ވެސް ބުނަމުން އަންނަ އިރު ބައިނަލްއަޤްވާމީ ފުޓްބޯޅަ މުބާރާތްތަކުގައި ބެލްޖިއަމްއަށް މާބޮޑު ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ. 2021 ގެ ޔޫރޯ ގައި ބެލްޖިއަމް ކެޓީ ކުއާޓާ ފައިނަލްއިން އެމުބާރަތް ކާމިޔާބުކުރި އިޓަލީގެ އަތުންނެވެ. އަދި 2022 ވަނަ އަހަރުގެ ވޯލްޑްކަޕުން އެޓީމު ވަނީ ގްރޫޕް ސްޓޭޖުން ކަޓާފައެވެ.

ޔޫރޯ 2024 އަށް ސިޓީގެ ޑެ ބްރައިނާ ފިޓްވުމަކީ ބެލްޖިއަމް އަށް ލިބުނު ހިތްވަރެއް/ފޮޓޯ: ސްޕޯޓިންގް ނިއުސް

އެހެން ނަމަވެސް މި މުބާރާތަށް ބެލްޖިއަމްގެ ސަޕޯޓަރުން ކުރާ އުއްމީދު ބޮޑެވެ. ފަސޭހަ ގްރޫޕެއްގައި ލައްވާލާފައި އޮތުމުން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ގިނަ އިރު ބެލްޖިއަމްގެ ސްކޮޑަށް މިވަނީ ޒުވާން އަދި ހުނަރުވެރި ކުޅުންތެރިންތަކެއް އިތުރުވެފައެވެ. މީގެ ތެރޭގައި މެންޗެސްޓާ ސިޓީގެ ޖެރަމީ ޑޯކޫ އަދި އެޓަލޭންޓާގެ ޗާލްސް ޑި ކަޓެލާރާގެ އިތުރުން ޕީއެސްވީގެ ޔޯހަން ބަކަޔޯކޯ ހިމެނެއެވެ. މި ކުޅުންތެރިންގެ އިތުރުން ތަޖުރިބާކާރު މިޑްފީލްޑަރު ކެވިން ޑެ ބްރައިނާ އަދި ރޮމަލޫ ލުކާކޫއާއެކު ޓީމު އިތުރަށް ވަރުގަދަ ވާނެ ކަމަށް ބެލެވެއެވެ.

ޔޫކްރައިން

ޔޫކްރައިން ޔޫރޯ 2024 މުބާރާތަށް އައި އުނދަގޫ ކުއަލިފައިން ކެމްޕޭނަކަށް ފަހުއެވެ. އެހެން ނަމަވެސް ކުއަލިފައިންގައި އެޓީމު ބަލިވީ ހަމައެކަނި އިންގްލޭންޑް އަދި އިޓަލީގެ އަތުންނެވެ. އެއަށް ފަހު ޕްލޭ އޮފްގައި ބޮސްނިއާ އަދި އައިސްލޭންޑް ބަލިކުރުމަށް ފަހު ޔޫރޯ 2024 އިން ޔޫކްރެއިން އަށް ޖާގަ ކަށަވަރުވެގެން ދިޔައެވެ.

ޔޫކްރެއިން އިން ބޭނުންވަނީ ގައުމުގެ ރޫހު މުބާރާތުގައި ދައްކަން/ފޮޓޯ: ސީއެންއެން

ބެލްޖިއަމް ފަދަ ވަރުގަދަ ސްކޮޑެއް ޔޫކްރެއިންގައި ނެތް ނަމަވެސް އެޓީމުގައި ވެސް ހުނަރުވެރި ކުޅުންތެރިން މަދެއް ނޫނެނެވެ. މިގޮތުން، ޒުވާން ފޯވަޑް އާޓެމް ޑޮވްބީކް އަކީ މިފަހަރު ސްޕެނިޝް ލަ ލީގާގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. މީގެ އިތުރުން އާސަނަލްގެ ޒިންޗެންކޯ ފަދަ ތަޖުރިބާކާރު ކުޅުންތެރިންނާއެކު ޔޫކްރެއިން އަށް ގްރޫޕް އީގެ ދެވަނަ ކަށަވަރު ކުރެވިދާނެ ކަމަށް ބެލެއެވެ.

ރޯމޭނިއާ

މިފަހަރުގެ ޔޫރޯއަށް ރޯމޭނިއާ ކުއަލިފައިވީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. މިގޮތުން ހަމެޗުން މޮޅުވި އިރު ހަތަރު މެޗުން އެއްވަރުވެ ރޯމޭނިއާ ކޮލިފައިވީ ސުވިޓްޒަލޭންޑްގެ ކުރީގައި އޮވެގެންނެވެ.

ރޯމޭނިއާ ޔޫރޯއަށް ކޮލިފައިވީ އެއްވެސް މެޗަކުން ބަލިނުވެ/ފޮޓޯ:ޔޫރޯ ސްޕޯޓް

ރޯމޭނިއާ ޓީމުގައި ސުޕާސްޓާރުން ފެންވަރުގެ ކުޅުންތެރިންތަކެއް ނެތް ނަމަވެސް ޓީމެއްގެ ގޮތުގައި ރޯމޭނިއާއަކީ މޮޅު ކުޅުމެއް ދައްކާ ބަލިކުރަން އުނދަގޫ ޓީމެކެވެ. މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ ފެންވަރު އެޓީމުގައި ހުރި އިރު ރޯމޭނިއާއަކީ ވެސް މުބާރާތުގައި ތަފާތު ކުޅުމެއް ދައްކާނެ ކަމަށް ބެލެވޭ ޓީމެކެވެ. މިފަހަރުގެ ސްކޮޑްގައި ރޯމޭނިއާގެ އެންމެ މަޝްހޫރު ކުޅުންތެރިޔާ ޖޯޖޭ ހާޖީގެ ދަރި އިއާނިސް ހާޖީ ވެސް ހިމެނޭ އިރު ޔޫރަޕްގެ ލީގުތަކުގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް ރޯމޭނިއާގެ ޓީމުން ފެނިގެންދާނެއެވެ.

ސްލޮވާކިއާ

ޔޫރޯ 2024ގެ ގްރޫޕްގެ އީގެ އެންމެ ބަލިކަށި ޓީމަކަށްވާނީ ސްލޮވާކިއާ ކަމަށް ގިނަ ޕަންޑިޓުން ބުނެއެވެ. ވޭތުވެދިޔަ މުބާރާތްތަކުގައި އެޓީމުން އެންމެ ބަރޯސާވީ ތަޖުރިބާކާރު ފޯވަޑް މަރެކް ހަމްސިޗް އަށް ކަމަށްވާ އިރު އިޓަލީގެ ނަޕޮލީއާ ކުޅުނު ހަމްސިޗް މިހާރު ވަނީ ރިޓަޔާކޮށްފައެވެ.

ސްލޮވާކިއާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ/ފޮޓޯ: ޑައިނަމޯ ކިއެވް

ޓީމުގެ މެދު ތެރެއިން ސްޓަނިސްލާވް ލޮބޮޓްކާ ފަދަ ކުޅުންތެރިން ފެނިގެންދާނެ އިރު ގްރޫޕްގެ އެހެން ޓީމުތަކާ އަޅާ ބަލާ އިރު ސްލޮވާކިއާގެ ސްކޮޑް ބަލިކައްޓެވެ. އެހެން ނަމަވެސް ކޮލިފައިންގައި ވެސް ހިތްވަރުގަދަ ކުޅުމެއް ދެއްކި ސްލޮވާކިއާއިން މުބާރާތުގައި ވެސް އެ ހިތްވަރު ނެރި ބޮޑެތި ޓީމުތައް ޖެހިލުންވާނެ ފަދަ ކުޅުމެއް ދައްކާނެ ކަމަށް ބެލެވެއެވެ.