މިރޭ ފަށާ ޔޫރޯ 2024 ވަނަ މުބާރާތުގެ ގްރޫޕް ޑީގައި ހިމެނޭ ޓީމުތަކަށް ބަލާ އިރު ފްރާންސްއަކީ މުބާރާތުގެ ފޭވަރިޓުން ކަމަށް ގިނަ ބަޔަކު އެއްބަސްވާ ޓީމެވެ. މި ގްރޫޕްގައި އެޓީމާ ވާދަކުރާނީ ނެދެލޭންޑްސް، ޕޮލެންޑް އަދި އޮސްޓްރިއާއެވެ.

ފްރާންސް

އެންމެ ފަހުން ބޭއްވި ދެ ވޯލްޑްކަޕްގެ ވެސް ފައިނަލުން ޖާގަ ހޯދި ފްރާންސް އެންމެ ފަހުން ޔޫރޯ ފުޓްބޯޅަ މުބާރާތެއް ކާމިޔާބުކޮށްފައިވަނީ 2000 ވަނަ އަހަރުއެވެ. އަދި 2021 ވަނަ އަހަރު އޮތް މުބާރާތުގެ ދެވަނަ ބުރުން ފްރާންސް ކެޓި އިރު މިއަހަރުގެ މުބާރާތުން ނަތީޖާ ނެރެން ފްރާންސްގެ ގައުމީ ޓީމުގެ ކޯޗު ޑިޑިއޭ ޑިޝޯމްޕް ބޭނުންވާނެއެވެ.

އެންމެ ފަހުން ފްރާންސް ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގެ ތެރެއިން/ފޮޓޯ: ސަބާހް ޑެއިލީ

ޔޫރޯ 2024 އަށް ފްރާންސް ދަނީ ވަރުގަދަ ސްކޮޑަކާއި އެކުއެވެ. މިގޮތުން، ކެޕްޓަން ކިލިއަން އެމްބާޕޭގެ އިތުރުން އެޑުއާ ކަމަވިންގާ، ވިލިއަމް ސަލީބާ ފަދަ ކުޅުންތެރިން މިސީޒަންގައި އެކުޅުންތެރިންގެ ކްލަބްތަކަށް މޮޅު ކުޅުމެއް ދައްކާފައިވާ އިރު ތަޖުރިބާކާރު ފޯވަޑުން ކަމަށްވާ އެންޓޯނިއޯ ގްރިޒްމަން އަދި އޮލިވިއޭ ޖިރޫގެ ބޭނުން ވެސް ޓީމުން ރަނގަޅަށް ހިފާނެ ކަމަށް ބެލެއެވެ.

ނެދެލޭންޑްސް

މިމުބާރާތުގެ ކުރިން ޖާމަނީގަައި އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރީ ނެދެލޭންޑްސްއިންނެވެ. އެހެން ނަމަވެސް އެއީ 1988 ވަނަ އަހަރެވެ. 2010 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ފައިނަލަށް ދަތުރުކުރި ނެދެލޭންޑްސްގެ ފަރާތުން ވޭތުވެދިޔަ އަހަރުތަކުގައި މާ މޮޅު ކުޅުމެއް ފެނިފައެއް ނުވެއެވެ.

ވެން ޑައިކް އަދި އާކޭ އަކީ ނެދަލޭންޑްސް ޓީމުގެ އެންމެ ތަޖުރިބާކާރު ދެ ކުޅުންތެރިން/ފޮޓޯ: ރޮއިޓާސް

އެހެން ނަމަވެސް ޔޫރޯ 2024 އަށް ކޯޗު ރޮނާލްޑް ކޫމަން ގެންދަނީ ތަޖުރިބާކާރު ކުޅުންތެރިންނާ ޒުވާން ކުޅުންތެރިން ވެސް ހިމެނޭ ސްކޮޑެކެވެ. މިގޮތުން، ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެންޑައިކް އަދި ސިޓީގެ ނޭތަން އާކޭ ފަދަ ކުޅުންތެރިން ހިމެނޭ އިރު ބަޔާ ލެވަކޫސަންގެ ޖެރެމީ ފްރިންޕޮގް އަދި ޓޮޓެންހަމްގެ މިކީ ވެން ޑެ ވެން ފަދަ ކުޅުންތެރިން ބޭނުންވާނީ މުބާރާތުގެ އެންމެ އަލި ގަދަ ތަރިންނަށް ވާ ކަން ޔަގީނެވެ.

ޕޮލޭންޑް

ޕޮލެންޑަކީ ޔޫރޯ 2024 އަށް އެންމެ ފަހުން ކުއަލިފައިވީ ޓީމެވެ. އަދި އެވެސް ޕްލޭ އޮފް މެޗުގައި ކިރިއާ ވޭލްސް ބަލިކުރުމަށް ފަހުއެވެ. މިސަބަބަށްޓަކައި ޕޮލެންޑް މުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓާނެ ކަމަށް ގިނަ ޕަންޑިޓުން އަންނަނީ ބުނަމުންނެވެ.

މިއީ ލެވަންޑޯސްކީގެ ފަހު ޔޫރޯއަށް ވެދާނެ/ފޮޓޯ: ބާސާ

ޔޫރޯ 2024 އަށް ޕޮލެންޑްގެ ކޯޗު މިކަލް ޕްރޮބިއޭޒް ގެންދަނީ ތަޖުރިބާކާރު އެހެން ނަމަވެސް އުމުރުން ދުވަސްވީ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ސްކޮޑެކެވެ. މީގެ ތެރޭގައި ފޯވަޑުން ކަމަށްވާ ރޮބާޓް ލެވެންޑޯސްކީ އަދި ޕީޓާ ޒިލިންސްކީ ހިމެނޭ އިރު ގްރޫޕްގެ އެހެން ޓީމުތަކާ ރަނގަޅަށް ވާދަކޮށްލެވޭނެ ފަދަ ސްކޮޑެއް ޕޮލެންޑްގައި ނެތެވެ.

އޮސްޓްރިއާ

މިއީ އޮސްޓްރިއާއިން ޖައްސަ ޖައްސައިގެން ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި ވާދަ ކުރާ ހަތަރުވަނަ ފަހަރެވެ. ކުއަލިފިންގް ގައި ބެލްޖިއަމްގެ ފަހަތުން ތާވަލުގެ ދެވަނަ ހޯދައިގެން ޔޫރޯ 2024 އަށް އައި އަޮސްޓްރިއާއަކީ ވެސް ޓީމުތައް ހައިރާންކޮށްލާނެ ފަދަ ޓީމެއް ކަމަށް ބެލެވެއެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ރަލްފް ރަންގްނިކްގެ ކޯޗު ކަމުގެ ދަށުން ކުޅެމުން އަންނަ އޮސްޓްރިއާއަކީ ރޭވުންތެރިކަމާއެކު ގަދައަށް މަސައްކަތްކޮށްގެން ކުޅޭ ޓީމަކަށްވާ އިރު އެހާ ފަސޭހައިން އެޓީމުން ބަލި ނުކުރެވޭނެ ކަމަށް ޕަންޑިޓުން ދަނީ ބުނަމުންނެވެ.

ގްރޫޕްގެ އެހެން ޓީމުތައް ސިއްސުވާލާނެ ފަދަ ހުނަރު އޮސްޓްރިއާ ސްކޮޑްގައި އެބަތިބި/ފޮޓޯ: ރޮއިޓާސް

މިފަހަރުގެ މުބާރާތުން ކެޕްޓަން ޑޭވިޑް އަލަބާ ނުފެނުނު ނަމަވެސް އޮސްޓްރިއާގެ ސްކޮޑްގައި ތަޖުރިބާކާރު މޮޅު ކުޅުންތެރިން މަދެއް ނޫނެވެ. މީގެ ތެރޭގައި ބޮރޫޝިއާ ޑޯޓްމަންޑްގެ މާސިލް ސަބިޓްޒާގެ އިތުރުން ބަޔާންގެ ކޮންރެޑް ލައިމާ ވެސް ހިމެނެއެވެ.