މިމަހުގެ 15 ވަނަ ދުވަހު ޖާމަނީގައި ފަށާ ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ އެއް ފޭވަރިޓުންގެ ގޮތުގައި އިންގްލޭންޑް ނިކުންނާނީ ގްރޫޕް ސީގައި ޑެންމާކް، ސްލޮވޭނިއާ އަދި ސާބިއާއާ ދެކޮޅަށެވެ.

މިއީ މުބާރާތުގެ އެންމެ ފަސޭހަ އެއް ގްރޫޕް ކަމަށް ގިނަ ޕަންޑިޓުން ބުނާ އިރު 2021 ވަނަ އަހަރު އޮތް މުބާރާތުގެ ފައިނަލަށް ދަތުރުކޮށް އެމެޗުން ބަލިވި އިންގްލޭންޑަށް މިފަހަރުގެ މުބާރާތުގެ ދެވަނަ ބުރަށް ދެވޭނެ ކަމުގެ އުއްމީދު ބޮޑެވެ.

އިންގްލޭންޑް

ޔޫރޯ 2024 އަށް އިންގްލޭންޑް ދަނީ ހުނަރުން ފުރިފައިވާ ޒުވާން ސްކޮޑަކާއި އެކުއެވެ. މިގޮތުން 2021 ވަނަ އަހަރުގެ މުބާރާތަށް ފަހު 2022 ވަނަ އަހަރު ގަތަރުގައި އޮތް ވޯލްޑްކަޕްގެ ކުއާޓާއިން އިންގްލޭންޑް ކެޓި އިރު އެ މުބާރާތުގައި ވެސް އިންގްލޭންޑުން މޮޅު ކުޅުމެއް ދެއްކިއެވެ.

އިންގްލޭންޑް ސްކޮޑްގައި ޒުވާން ގިނަ ކުޅުންތެރިން ތަކެއް ހިމެނޭ/ފޮޓޯ: އެކްސް

މިހާރު އެ ޒުވާން ސްކޮޑް އިތުރަށް ވަރުގަދަކޮށްފައިވާ އިރު މުބާރާތުގައި ވިދާލާނެ ކުޅުންތެރިންގެ ތެރޭގައި ރިއާލްގެ ޖޫޑް ބެލިންގްހަމް، އާސަނަލްގެ ބުކާޔޯ ސާކާ، ސިޓީގެ ފިލް ފޯޑަންގެ އިތުރުން ލިވަޕޫލްގެ ޓްރެންޓް އެލެކްޒެންޑާ އާނޯލްޑް ހިމެނެއެވެ. އަދި ފޯވަޑް ލައިންގައި ތަޖުރިބާކާރު ފޯވަޑް ހެރީ ކޭންއަށް ފުރަތަމަ 11 އިން ޖާގަ ކަށަވަރުވެފައިވާ އިރު މި ފަހަރުގެ މުބާރާތުގައި ވެސް އެންމެ ގިނަ ލަނޑު ޖަހާނެ އެއް ކުޅުންތެރިއަކީ ކޭން ކަމަށް ބެލެވެއެވެ.

ޑެންމާކް

2018 ވަނަ އަހަރުގެ ޔޫރޯ އާއި 2021 ވަނަ އަހަރުގެ ޔޫރޯގައި ޑެންމާކްއިން މޮޅު ކުޅުމެއް ދެއްކި އިރު 2022 ވަނަ އަހަރުގެ ވޯލްޑްކަޕްއަށް އެޓީމަށް ގިނަ އުއްމީދުތަކެއް ކުރެވުނެވެ. އެހެން ނަމަވެސް އެންމެ ޕޮއިންޓެއް ހޯދައިގެން ފުރަތަމަ ބުރުން ކަޓާ އެ މުބާރާތް ނިންމާލި ޑެންމާކް މި މުބާރާތަށް އައި ކުއަލިފައިން ގްރޫޕުގެ އެއްވަނަ ހޯދައިގެންނެވެ.

ޑެންމާކުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ/ފޮޓޯ: ރޮއިޓާސް

ޑެންމާކުން ވެސް ޔޫރޯ 2024 އަށް ގެންދަނީ ޒުވާން ސްކޮޑެކެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ރަސްމަސް ހޮއިލޭންޑްގެ އިތުރުން ރެއިމްސްގެ 23 އަހަރުގެ ޒުވާން ފޯވަޑް މުހައްމަދު ޑަރާމީގެ އިތުރުން ސެލްޓިކްގެ މެޓް އޯ ރައިލީއަކީ ނިމިދިޔަ ސީޒަންގައި މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިންތަކެކެވެ. އަދި ޑެންމާކުން އުއްމީދުކުރާނީ ގްރޫޕްގެ ސީގެ އެއްވަނަ ނުނެގުނު ނަމަވެސް ދެވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ގަދަ 16 އަށް ދެވޭނެ ކަމަށެވެ.

ސްލޮވޭނިއާ

މިއީ 2010 ވަނަ އަހަރުގެ ފަހުން ބައިނަލްއަޤްވާމީ މުބާރާތެއްގައި ސްލޮވޭނިއާއިން ކުޅޭ ފުރަތަމަ ފަހަރެވެ. އަދި އެޓީމުން އެންމެ ފަހުން ޔޫރޯ މުބާރާތެއްގައި ވާދަކުރީ މީގެ 24 އަހަރު ކުރިންނެވެ.

ޔޫރޯ 2024 އަށް ސްލޮވޭނިއާ ކުއަލިފައިވީ އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗު ކާމިޔާބުކޮށްގެންނެވެ. އަދި މިދިޔަ މާޗް މަހު އެޓީމުން ވަނީ 2-0 އިން ޕޯޗުގަލް ވެސް ބަލިކޮށްފައެވެ. ފޯވަޑް ބެންޖަމިން ސެސްކޯގެ އިތުރުން ކީޕަރު ޔާން އޮބްލަކް ފަދަ ކުޅުންތެރިންނަކީ ކުރިއަށް އޮތް ޓްރާންސްފާ ވިންޑޯގައި އެންމެ ބޮޑު އަގުގައި ކްލަބްތަކުން ގަންނާނެ ކުޅުންތެރިން ކަމަށް ބެލެވޭ އިރު ސްލޮވޭނިއާ ޓީމުގައި ހުނަރުވެރި އެހެން ކުޅުންތެރިން ވެސް ގިނައެވެ.

ޔޫރޯ 2024 ސްލޮވޭނިއާ ތަފާތު ދައްކާނެ ކަމަށް ބެލެވޭ/ފޮޓޯ: ފުޓްބޯލް ޕްލެނެޓް

އެހެން ކަމުން ސްލޮވޭނިއާއަކީ މި ފަހަރުގެ މުބާރާތުގައި އެންމެ ހައިރާންކޮށްލަނިވި ކުޅުން ދައްކާ ޓީމަށް ވެދާނެ ކަމަށް ޕަންޑިޓުން ދަނީ ބުނަމުންނެވެ.

ސާބިއާ

މިނިވަން ގައުމެއްގެ ގޮތުގައި ސާބިއާ އަދި ދުވަހަކު ވެސް ޔޫރޯގައި ވާދަކޮށްފައި ނުވާ އިރު އެޓީމުން ވަނީ އެންމެ ފަހު އޮތް ހަތަރު ވޯލްޑް ކަޕް މުބާރާތްތަކުގެ ތެރެއިން ތިން މުބާރާތަށް ކޮލިފައިވެފައެވެ. އެހެން ނަމަވެސް މީގެ ކޮންމެ މުބާރާތަކުން ވެސް ގްރޫޕް ސްޓޭޖުން ސާބިއާ ކަޓާފައިވާ އިރު 2022 ވަނަ އަހަރު ގަތަރުގައި އޮތް ވޯލްޑްކަޕުން ސާބިއާ ކެޓީ އެންމެ ޕޮއިންޓަކާއެކުއެވެ.

ސާބިއާގެ ޓީމުން ޔޫރޯއަށް ކުއަލިފައިވުމުން އުފާ ފާޅުކުރަނީ/ފޮޓޯ: ގޯލްޒް

ކުއަލިފައިންގައި ކުޅުނު 8 މެޗުގެ ތެރެއިން ހަތަރު މެޗު އެޓީމުން ކާމިޔާބުކުރި އިރު މުބާރާތުގެ ގަދަ 16 އަށް ދިއުމަށް ސާބިއާ އަށް އުނދަގޫވާނެ ކަމަށް ޕަންޑިޓުން ލަފާ ކުރެއެވެ.