އަންނަ ހޮނިހިރު ދުވަހު ޖާމަނީގައި ފަށާ ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީ އަކީ މިފަހަރު އެންމެ ވާދަވެރިވާނެ ގްރޫޕް ކަމަށް ބެލެއެވެ.
އެންމެ ފަހުގެ ޗެމްޕިއަން އިޓަލީގެ އިތުރުން ސްޕެއިން އަދި ކްރޮއޭޝިއާގެ ވެސް މި ގްރޫޕްގައި ހިމެނޭ އިރު ގްރޫޕް ބީގެ ހަތަރު ވަނަ ޓީމަކީ އަލްބޭނިއާއެވެ.
އިޓަލީ
2021 ވަނަ އަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ފަހަތުން އަރާ އިންގްލޭންޑް ބަލިކުރި އިޓަލީ މިފަހަރުގެ މުބާރާތަށް ކުރާ އުއްމީދުވެސް ބޮޑެވެ. މިފަހަރުގެ މުބާރާތުގެ ކޮލިފައިންގައި އިންގްލޭންޑާއި އެއް ގްރޫޕެއްގައި އިޓަލީ އޮތް އިރު އެޓީމު ކޮލިފައިން މެޗުތައް ނިންމީ ގްރޫޕް ތާވަލުގެ ދެވަނައިގައި އޮވެގެންނެވެ.
އާ ކޯޗު ލޫސިއާ ސްޕަލެޓީނީގެ ބެލުމުގެ ދަށުން މި ފަހަރުގެ މުބާރާތަށް ނިކުންނަ އިޓަލީގެ ޓީމުގެ ހުރިހާ ޕޮޒިޝަނެއްގައި ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިން ތިބި އިރު ގްރޫޕް ސްޓޭޖްގައި އެޓީމުން ކުޅޭ ފުރަތަމަ މެޗުން ވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އިތުރު ކުރެވޭނެ ކަމަށް ބެލެވެއެވެ. މި ގޮތުން އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ މި މުބާރާތް ފަށާ މެޗުގައި ވާދަކުރާނީ އަލްބޭނިއާއާ ދެކޮޅަށެވެ.
ސްޕެއިން
2021 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ސެމީއިން ސްޕެއިން ކެޓީ އެފަހަރު ތަށި އުފުލާލި އިޓަލީއާ ވާދަކޮށް ޕެނަލްޓީންނެވެ. އެންމެ ފަހުގެ ޔޫރޯގައި ސްޕެއިން ސެމީއާ ހިސާބަށް ދިޔަ ނަމަވެސް 2022 ވަނަ އަހަރު ގަތަރުގައި އޮތް ވޯލްޑްކަޕްގައި އެޓީމު ވަނީ މުބާރާތުގެ ދެވަނަ ބުރުން ކަޓާފައެވެ.
އެހެން ކަމުން، މި ފަހަރުގެ މުބާރާތުގައި ސްޕެއިންގެ ފަރާތުން ފެންނާނީ ކޮން ކަހަލަ ކުޅުމެއް ކަމެއް ބުނަން ނޭނގޭ އިރު ސްޕެއިންގެ ޓީމުގައި ޒުވާން އަދި ކުޅޭ ތަން ބަލާލާ ހިތްވާ ކަހަލަ ގިނަ ކުޅުންތެރިންތަކެއް އެބަތިއްބެވެ. މިގޮތުން ބާސަލޯނާގެ ޕެޑްރީގެ އިތުރުން މި އަހަރުގެ މުބާރާތުގައި ކުޅޭނެ އެންމެ ހަގު ކުޅުންތެރިޔާ ކަމަށްވާ ބާސަލޯނާގެ އުމުރުން 16 އަހަރުގެ ލަމީން ޔަމާލް ހިމެނެއެވެ.
ޒުވާން ކުޅުންތެރިންނާއި އެކު ސްޕެއިންގެ ޓީމުގައި ތަޖުރިބާ ހުރި ކުޅުންތެރިން ވެސް މަދެއް ނޫނެނެވެ. މިގޮތުން މެންޗެސްޓާ ސިޓީގެ ރޮޑްރީގެ އިތުރުން ކެޕްޓަން އަލްވާރޯ މޮރާޓާ ހިމެނެއެވެ.
ކްރޮއޭޝިޔާ
2022 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ސެމީއަށް ދަތުރުކުރި ކްރޮއޭޝިއާއަކީ ޔޫރޯ ފުޓްބޯޅަ މުބާރާތްތަކުގައި މާ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޓީމެއް ނޫނެވެ. ޔޫރޯ 2024 އަށް ކޮލިފައިވުމަށް ކުޅުނު ބައެއް މެޗުތަކުން ކްރޮއޭޝިއާ ބަލިވި އިރު އެޓީމު މުބާރާތަށް އައި ކުއަލިފައިން ގްރޫޕްގެ ދެވަނަައިގައި އޮވެގެންނެވެ.
ކްރޮއޭޝިއާއިން މިފަހަރުގެ ބަރޯސާވަނީ އެޓީމުގެ ތަޖުރިބާކާރު ކުޅުންތެރިންނަށެވެ. މިއީ ކެޕްޓަން ލޫކާ މޮޑްރިޗްގެ އެންމެ ފަހު ބައިނަލްއަޤްވަމީ މުބާރާތަށްވުން އެކަށީގެންވާ އިރު ސިޓީގެ ޑިފެންޑަރު ޔޮސްކޯ ގްވާޑިއޯލް ފަދަ ކުޅުންތެރިން މިމުބާރާތުގައި މޮޅު ކުޅުމެއް ދައްކާނެ ކަމަށް ބެލެއެވެ.
އަލްބޭނިއާ
ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ވާދަވެރި ގްރޫޕް ބީގެ ހަތަރު ވަނަ ޓީމު އަލްބޭނިއާ މުބާރާތަށް އައި ކުއަލިފައިން ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މިއީ ބައިނަލްއަޤްވާމީ ބޮޑު ފުޓްބޯޅަ މުބާރާތެއްގައި އަލްބޭނިއާއިން ވާދަކުރާ ދެވަނަ ފަހަރަށް ވާއިރު މިފަދަ އުނދަގޫ ގްރޫޕެއްގައި ލައްވާލުމަކީ އެޓީމަށް ކުރިމަތިވާނެ ހުރަހެކެވެ.
އެހެން ނަމަވެސް ކޮލިފައިންގައި އެޓީމުން ދެއްކި ކުޅުމަށް ބަލާ ގްރޫޕްގައި ދެން އޮތް 'ގަދަ' ތިން ޓީމު ވެސް ސިއްސުވާލާ ފަދަ ކުޅުމެއް އަލްބޭނިއާގެ ފަރާތުން ފެނިގެންދާނެ ކަމަށް ބައެއް ޕަންޑިޓުން ގަބޫލުކުރެއެވެ. މިގޮތުން، އަލްބޭނިއާއިން އެންމެ ފަހުން ކުޅުނު ވާދަވެރި 8 މެޗުން ވެސް ބަލިވެފައި ނުވާ އިރު އިޓަލީގެ ސީރިއާގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް އަލްބޭނިއާގެ ޓީމުގައި ހިމެނެއެވެ.