ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ވިނަރެސް ފްލެޓުގެ އެކްސެސް ޓެގް ދޫކުރަން ފަށައިފިއެވެ.

އެޗްޑީސީ އިން ބުނީ ޓެގު ދޫކުރުން ކުރިއަށް ދާނީ މިއަދާއި މާދަމާގެ ހެނދުނު 9 ކުން ހަވީރު 6 އާ ދެމެދު ވިނަރެސް 10ގެ މެނޭޖްމެންޓު އޮފީހުން ކަމަށެވެ.

އެޗްޑީސީ އިން ބުނީ މި ކީ ޓެގު ދޫކުރާނީ ހަމައެކަނި އެޕާޓްމެންޓުގެ ވެރިފަރާތަށް ނުވަތަ ކޯއެޕްލިކެންޓަކަށް ކަމަށެވެ. މިއަދު ދޫކުރާ ޓެގްތަކުން އެކްސެސް ކޮންޓްރޯލް ކުރަން ފަށާނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކަމަށްވެސް އެޗްޑީސީ އިން ވަނީ ބުނެފައެވެ. އެޗްޑީސީ އިން ބުނީ ވިނަރެސް ޓަވަރުތަކުގެ އެކްސެސް ކޮންޓްރޯލް ނުކޮށް މިހާރު ހުރުމުން ވިނަރެސް ފްލެޓު ތަކުގައި ނޫޅޭ ފަރާތްތަކުން ވެސް އެތަނަށް ވަންނަ ކަމުގެ ޝަކުވާ ލިބެމުން ދާކަމަށެވެ.

ވިނަރެސް ފްލެޓު ގަތް އެތައް ބަޔަކު މިހާރު އެތަންތަނުގައި ދިރިއުޅެން ފަށާފައިވާއިރު މިއަދު ދޫކުރަންފެށި އެކްސެސް ޓެގް ދޫކޮށްފައިވާ ފަރާތްތަކަށް އެކަނި ވަދެވޭ ގޮތަށް ބަދަލުކުރުމުން އެ ފްލެޓުތަކުގެ ސެކިއުރިޓީ ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށްވެސް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޗައިނާގެ ސީއެމްއީސީން އަޅަން ފެށި ވިނަރެސް ފްލެޓުތަކުގެ މަސައްކަތްތައް ނިންމާލައި އާބަންކޯ އާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖޫން 20 ގައެވެ. ވިނަރެސް ފްލެޓުތައް އިމާރާތްކޮށްފައި ވަނީ ފަސޭހައިން ކުނި އުކޭ ގޮތަށް ކޮންމެ ފަންގިފިލާއެއްގައި ގާބޭޖް ޝޫޓެއް ހިމަނައި، އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ އަލިފާން ވެސް ފަސޭހައިން ނިއްވާލެވޭ ފަދަ ގޮތަކަށެވެ.

ވިނަރެސް މަޝްރޫއުގެ ދަށުން އިމާރާތްކުރި 10 ޓަވަރުގައި ޖުމްލަ 1،344 އެޕާޓްމެންޓު ހިމެނެއެވެ.