އިޒްރޭލުން ގާޒާގެ ރައްޔިތުންގެ ދިރިއުޅުން 'ނަރަކަ' އަކަށް ހަދާނާލެ ކަމަށް ބުނަމުން ހިންގަމުންދާ ޖަރީމާގައި އިއްޔެ އެކަނިވެސް 200 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފިއެވެ.
ރެފިޖީ ކޭމްޕް ދެއިރް ބަލަހުގެ އިތުރުން މެދުތެރޭގެ ނުސައިރަތަށް ދިން ވަރުގަދަ ހަމަލާ ތަކުގައި ޝަހީދުވި މީހުންގެ އަދަދު 214 އަށް އަރާއިރު ޒަހަމްވި މީހުންގެ އަދަދު 230 އަށް އަރާފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.
ގާޒާގެ ހެލްތް މިނިސްޓްރީން ބުނީ, ޝަހީދު ކޮށްލައިފައި ތިބި މީހުންނާއި ޒަހަމްވެފައި ތިބި މީހުން ހޮސްޕިޓަލަށް ގެންނަމުން ދާ އިރު އެތަން ފުރި ބާރުވެފައި ވާ ކަމަށެވެ.
އޮފިޝަލުން ބުނީ ޒަހަމްވެގެންނާއި ޝަހީދުވެގެން ގެންނަ މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށެވެ.
ރައްކާތެރި ތަނެކޭ ބުނެ ގާޒާގެ އުތުރުގައި ތިބި މީހުން، ރަފާ އަށް ފައްސާލުމަށް ފަހު އިޒްރޭލުން މިހާރު ރަފާ އަށް އަރާ އެތަނުން މީހުން ފައްސާލި އަލް މަވާސީ އާއި ދެއިރް ބަލާހު ފަދަ ތަންތަނުގައި ހުރި ރައްކާތެރި ކަމަށް ބުނާ ކޭމްޕްތަކަށް މިހާރު ދަނީ ހަމަލާ ދެމުންނެވެ.
އެއްގަމާއި ކަނޑާއި ވައިގެ މަގުން ދެމުން ގެންދާ މި ހަމަލާތައް ވަރުގަދަ ކޮށްފައި ވާއިރު އިޒްރޭލުން ބުނެފައި ވަނީ, ހަމަލާ ދެނީ ހަމާސްގެ މުޖާހިދުން ފިލާތިބި ތަންތަނަށް ކަމަށާއި ގިނަ ބަޔަކު މަރާލެވިއްޖެ ކަމަށެވެ.
މި މައްސަލައިގައި އެމެރިކާގެ ވައިޓްހައުސް އިން ވާހަކަ ދައްކާފައިވާ އިރު އެތާނގެ އޮފިޝަލުން ބުނެފައި ވަނީ, އިޒްރޭލުން ދޭ ހަމަލާތައް މާ ބޮޑަށްވެސް ހާމަ ކުރަން ޖެހޭ ކަމަށާއި ހަމަލާ ދިނީ މުޖާހިދުންނަށް ކަމަށް ވާނަމަ އެ ލިސްޓުވެސް ހާމަ ކުރަން ޖެހޭ ކަމަށެވެ. އެއާއެކު އޮފިޝަލް ބުނީ, ހަމަލާދީ މަރާލި ހަމާސްގެ މުޖާހިދުންގެ ލިސްޓު ހާމަ ކުރާނެ ކަމަށް އިޒްރޭލުން ބުނާ ކަމަށެވެ.
އިޒްރޭލުގެ މިއުދުވާނާ ގުޅިގެން ހަމާސް އިން ބުނެފައި ވަނީ އެމީހުންގެ ހަމަލާތަކުގެ ތެރެއިން ނުސެއިރަތުގައި ހުންނަ އދ ސްކޫލުގެ 3 ވަނަ ފަންގެފިލާއަށް ހަމަލާދީ 30 އެތައް މީހަކު ޝަހީދު ކޮށްލީ އެތާނގައި ހަމާސްގެ މުޖާހިދަކު ހުރެގެން ނޫން ކަމަށެވެ. ހަމާސް އިން އެހެން ބުނެފައި ވާ އިރު އެހެން ސަރަހައްދުތަކުގައި މުޖާހިދުން ނުތިބޭ ކަމަކަށް ބުނެފައެއް ނުވެއެވެ. ހަމާސް އިން އިތުރަށް ބުނީ, އިޒްރޭލުގެ ހަމަލާތަކުގައި ރަހީނުންގެ ތެރެއިން ބަޔަކު ވެސް މަރުވެފައި ވާ ކަމަށެވެ. ނަމަވެސް އެއީ ކިތައް މީހުން ކަމެއް އަދި ކޮން ބައެއް ކަމެއް ހާމައެއް ނުކުރެއެވެ.
އިޒްރޭލުގެ ހަމަލާތައް ވަރުގަދަ ކޮށްފައި ވާ އިރު, ހަނގުރާމައާ ދެކޮޅު އިޒްރޭލާއި އެމެރިކާގައި މުޒާހަރާތައް ވަނީ ވަރުގަދަ ކޮށްފައެވެ. އެގޮތުން އިޒްރޭލުގައި ކުރަމުން ދާ މުޒާހަރާގައި މައިގަނޑު ގޮތެއްގައި ގޮވަމުން ދަނީ ރަހީނުން މިނިވަން ކޮށްގެން ގެނައުމަށާއި ނަތަންޔާހޫގެ އިސްތިއުފާ އަށެވެ. އެމެރިކާގެ ވައިޓްހައުސްގެ ކުރިމަތީ ސަރަހައްދުގައި އާންމުންގެ ގިނަ ބަޔަކު އެއްވެ ކުޒާ މުޒާހަރާގައި ގޮވަމުން ދަނީ އިޒްރޭލު ހުއްޓުވުމަށާއި ހަތިޔާރު ދިނުންވެސް ހުއްޓާލައި ފަލަސްތީނު މިނިވަން ކުރުމަށެވެ.