6 ހަފްތާއަށް ދެމިގެން ދިޔަ އިންޑިއާގެ އާމްނު އިންތިހާބުގައި ވޯޓު ލި 543 ދާއިރާގެ ތެރެއިން 542 ދާއިރާގެ ވޯޓު ގުނާ ނިމިފައިވާ އިރު މިހާރުގެ ބޯޑުވަޒީރު ނަރެންދްރަ މޯދީ އަށް 3 ވަނަ ދައުރު ކަށަވަރު ވެއްޖެއެވެ.

ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ 543 ގޮނޑީގެ ތެރެއިން ސޫރަތަށް ކުރިމަތިލި ބީޖޭޕީގެ ކެންޑިޑޭޓު އޮޓޯއިން ހޮވިފައިވާތީ އެ ގޮނޑީގެ ވޯޓު ގުނާކަށް ނުޖެހެއެވެ.

ގައުމިއްޔަތު ސްލޯގަނާއެކު ކެމްޕެއިނަށް ނިކުމެވަޑައިގެންނެވި މޯދީ އާއި އެލަޔަންސަށް ލިބިވަޑައިގަންނަވާނެ ކަމަށް ކުރިން އަންދާޒާ ކުރެވުނު 350 ގޮނޑިއާ ގާތަށް ވެސް ދެވިފައެއް ނުވެއެވެ. އިލްކެޓްރޯނިކް ވޯޓިން ސިސްޓަމަކުން މުޅި ގައުމުގައި ކުރިއަށް ގެންދިޔަ އިންތިހާބުން މޯދީގެ ބީޖޭޕީއަށް ލިބުނީ 240 ގޮނޑިއެވެ. ނަމަވެސް ބީޖޭޕީއާއެކު ކޯލިޝަން ހެދި ޕާޓީތަކާއެކު 290 ގޮނޑި ކަށަވަރުވެފައި ވުމުން މޯދީއަށް ބޮޑުވަޒީރު ކަމުގެ 3 ވަނަ ދައުރު ވަނީ ކަށަވަރުވެފައެވެ.

ބީޖޭޕީ ނިކުތީ މޯދީގެ ހިޔަނީގައި 303 ގޮނޑިއަށް ޓާގެޓްކޮށް މަޖިލީހުގެ މެޖޯރިޓީއަށް ބޭނުންވާ 272 ގޮނޑި ހޯދުމަށް ނަމަވެސް އެ އަދަދަށް އެ ޕާޓީއަށް އެކަނި ގޮނޑި ލިބިފައި ނުވުމަކީ މޯދީއަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއެއް ކަމަށް ބައެއް ފަރާތަތްކުން ސިފަ ކުރެއެވެ.

މޯދީ އާ ވާދަ ކުރި އިދިކޮޅު ކޮންގްރެސް ޕާޓީއަށް ކޯމިޝަން ނުހިމަނާ ލިބިފައި ވަނީ 99 ގޮނޑިއެވެ. ކޯލިޝަން ހެދި 27 ޕާޓީގެ ގޮނޑިތައް އެއްކޮށްލުމުން ހަމަވަނީ 234 އެވެ.

ކޮންގްރެސް ކޯލިޝަންގެ މި ނަތީޖާއާއެކު ސަރުކާރެއް އެކުލަވާލެވޭނީ މޯދީގެ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުން ކުރެ ޕާޓީއަކުން އިދިކޮޅާ ބައިތު ހިފާ 272 އަށް އަދަދު އިތުރު ކުރެވިއްޖެ ނަމައެވެ. މުރާސިލުން ބުނާގޮތުގައި އެއީ މޯދީގެ ސިޔާސަތާއި އިންޑިއާގައި އޮތް ވަތަނީ ރޫހަށް ބަލާއިރު ވުމަށް ވުރެ ނާދިރު ކަމެކެވެ. ނަމަވެސް މޯދީގެ ކޯލިޝަނުގައި ހިމެނޭ ބައެއް ޕާޓީތަކުގެ މެންބަރުން, މިހާރުގެ ހޯމް މިނިސްޓަރާ މެދު ހިތްހަމަ ނުޖެހޭކަން ފާޅުކޮށްފައި ވާ އިރު އާ ދައުރުގައިވެސް ހޯމް މިނިސްޓަރަކަށް އަމިތް ޝާހު ބަހައްޓާނަމަ ކޯލިޝަނާ ވަކިވާނެކަމުގެ އިޝާރާތެއް ކުރަމުން ދެއެވެ.

އިންޑިއާގެ އިންތިހާބުގައި 640 މިލިއަން މީހުން ވޯޓު ލައިފައި ވެއެވެ.