އަވަށްޓެރި އިންޑިއާއިން ދިވެހިންނަށް ލިބެމުންދާ ސިއްހީ ފަރުވާ އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.

އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނަރު މަރިޔަމް އަޒީމާ، މިއަދު ވަނީ ތިރުވަނަންތަޕޫރަމް (ޓީއާރްވީ) ގައި ހުންނަ ހޮސްޕިޓަލްތަކަށް ޒިޔާރަތް ކުރައްވާފައެވެ.

މި ޒިޔާރަތުގެ މައިގަނޑު މަގުސަދަކީ ދިވެހިންނަށް ލިބެމުންދާ ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ދެ ގައުމުގެ ސިއްހީ ދާއިރާގެ ގުޅުން އިތުރަށް ބަދަހިކުރުމެވެ. މި ބައްދަލުވުމުގައި ދިވެހިންނަށް ލިބޭ ސިއްހީ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ހުރި ފުރުސަތުތައް ދެނެގަތުމުގެ އިތުރުން ސިއްހީ ދާއިރާގެ އެކި ކަންކަމުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.

މިގޮތުން، ހާއްސަކޮށް، މެޑިކަލް އިންޓަރންޝިޕްގެ ފުރުސަތުތައް ފަހިކުރުމާއި، ދިވެހިރާއްޖޭގެ ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް އެހީތެރިވުމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައި ވެއެވެ.

މި މަޝްވަރާތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެ ކަމަށް އިންޑިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގެ ފަރާތުން ބުނެފައި ވެއެވެ.

އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނަރު މަރިޔަމް އަޒީމާ، ތިރުވަނަންތަޕޫރަމް ގައި ހުންނަ ހޮސްޕިޓަލްތަކަށް އަޒީމާ ޒިޔާރަތް ކުރައްވަނީ

އިންޑިއާއިން ދިވެހިންނަށް ލިބެމުންދާ ސިއްހީ ފަރުވާއާ ގުޅޭ ގޮތުން މަޝްވަރާތައް ކޮށްފައިވާއިރު ދާދި ފަހުން ވަނީ އިންޑިއާ އާއެކު ވިޔަފާރި އާއި އިންވެސްޓްމަންޓްގެ އިތުރު ގުޅުން ގާއިމް ކުރުމަށް އެގައުމުގެ ކޮމާސް ސެކްރެޓަރީ ސުނިލް ބަރަތުވާލްއާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައްދަލުކުރައްވައި ވެސް މަޝްވަރާ ކުރައްވާފައެެވެ.

ހުސްވި ހަފްތާތެރޭ ކުރިއަށްގެންދިޔަ މި މަޝްވަރާތަކުގައި ދެ ގައުމުގެ މެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓް އިތުރު ގުޅުންތައް ގާއިމްކުރުން ހިމެނެއެވެ.