ވިނަރެސް ފްލެޓުގެ އާންމު ސަރަަހައްދުތަކުގައި ބަހައްޓާފައިވާ ތަކެތި ނަގަން ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.

އެޗްޑީސީ އިން ބުނީ ހުޅުމާލެ ފޭސް 2 ގައި ގާއިމުކޮށްފައިވާ ވިނަރެސް ފްލެޓުތަކުގެ ވަކި ވަކި ޔުނިޓުތަކުން ހިފާ ގެންގުޅޭ ތަކެތި ކަމުގައިވާ ގަސްމުށި، ފައިވާން، ބޫޓު އަދި ފަރުނީޗަރު ފަދަ ތަކެތި ބަހައްޓާފައިވާކަން ފާހަގަކުރެވޭ ކަމަށާއި މިކަމުގެ ސަބަބުން އިމާރާތުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ދަތިވާކަމަށްވެސް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

އެގޮތުން މި ފެށޭ ޖޫން މަހުގެ 9 ގެ ކުރިން މިފަދަ ތަކެތި ނެގުމަށް އެޗްޑީސީ އިން ބުނެފައިވާއިރު، މި މުއްދަތުގައި ނުނަގައިފިނަމަ އެ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ކަމަށްވެސް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

އެޗްޑީސީ އިން ބުނީ ވިނަރެސް ފްލެޓުތަކުގައި ދިރިއުޅެމުން ދަނީ ތަފާތު ގޭބީސީތަކުން ކަމަށާއި އެއް ފްލެޓުން ކުރާ ކަމެއްގެ ސަބަބުން ޖެހިގެން ހުންނަ ފްލެޓުގައި ދިރިއުޅޭ ފަރާތްތަކަށް އުނދަގޫ ވުމަކީ ރައްކާތެރި އަދި ހިތްގައިމު މާހައުލެއް ބިނާ ކުރަން ދަތިވާނެ ކަމެއް ކަމަށެވެ.

މީގެއިތުރުން "ވިނަރެސް ފްލެޓުގެ ވަސީލަތްތަށް ބޭނުންކުރުމާއި ގުޅޭ އުސޫލު" އާއި އެއްގޮތަށް ހުރިހާ ފަރާތްތައް އަމަލުކުރުމަށް ވެސް އެޗްޑީސީ އިން ވަނީ އިލްތިމާސްކޮށްފައެވެ.