އުމުރުން 28 އަހަރުގެ ވަފާ އަބްދުﷲ އަކީ 3 ދަރިންގެ މަންމައެކެވެ. އޭނާގެ ދޮށީ ދަރިފުޅު 8 އަހަރުގެ ހުޒައިލް ބިން ހޫދު އަބްދުލްގަފޫރަކީ އުމުރުން 4 އަހަރުން ފެށީގެން ފިޓް ޖެހޭތީ އެކަމަށް ބޭސް ކުރަމުން އަންނަ ކުއްޖެކެވެ. މެދަށް ހުންނަ އަންހެން ދަރިފުޅުގެ އެއްވެސް ސިއްހީ މައްސަލަައެއް ނެތް ނަމަވެސް އޭނާގެ ހަގަށް ހުންނަ ފިރިހެން ދަރިފުޅަށް 2 އަހަރު ފުރުނު ފަހުން ސިއްހީ މައްސަލަތަކެއް ވަނީ ފެންނަން ފަށާފައެވެ. އެ ކުއްޖާގެ އުޅުމަށް ވެސް ބަދަލުތަކެއް އައުމާއި އަނގައިން ސޮނި ފޭބުން ފަދަ ކަންކަމުގެ ސަބަބުން ޑޮކްޓަރަށް ދައްކައިގެން ވަނީ ޓެސްޓްތައް ހަދާފައެވެ.

ހަގު ދަރިފުޅުގެ ހާލަތު 'ދަ ޕްރެސް' އާ ހިއްސާ ކުރަމުން ވަފާ ބުނީ، އެ ކުއްޖާގެ ސިއްހީ މައްސަލަތަކެއް ދިމާވަމުން އަންނަ ކަން ފާހަގަ ކުރެވުނީ ކުއްޖާއަށް 2 އަހަރު ފުރުނު ފަހުން ކަމަށެވެ. މިދިޔަ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު 2 އަހަރު ފުރުނު ނަވާފް ނަޝަތު ނަސީމް ރޯގާ ޖެހި ދެ ދުވަހަކު ހުން އައި ކަމަށް ވަފާ ބުނެއެވެ.

އެއަށް ފަހު ކުއްޖާ ހެލިފެލިވެ އުޅޭ މިންވަރު މަދުވި ކަމަށާއި ކުއްޖާ ވާހަކަ ދައްކަން އުނދަގޫވާ ކަން އޭނާ އަށް ފާހަގަ ކުރެވުނެވެ. ހަރު ކާއެއްޗެއް ވެސް ނުކެވޭ ކަމަށާއި އަނގައިން ސޮނި ފޭބުން އާންމުވިއެވެ. މިއީ އޭނާގެ ދޮށީ ދަރިފުޅު ވެސް ފިޓް ޖެހެން ފެށި އިރު ފެނުނު އަލާމާތްތައް ކަމަށް ވަފާ ބުނެއެވެ.

ވަފާ އަބްދުﷲ އޭނާގެ ތިން ދަރިންނާ އެކު

ނަވާފްގެ ފަރާތުން ފެންނަމުން ދިޔަ އަލާމާތްތަކުން ކޮންމެވެސް ގޯހެއް އުޅޭ ކަމުގެ ސިގްނަލް އެ މަންމަ އަށް އިހްސާސް ކުރިއެވެ. އެހެންކަމުން އޭނާ ދިރިއުޅެމުން ދިޔަ ގއ. މާމެންދޫ ސިއްހީ މަރުކަޒަށް ދެއްކި ކަމަށާއި ކުއްޖާ ބެލުމަށް ފަހު އެދުނީ އަތޮޅު ހޮސްޕިޓަލަށް ދެއްކުމަށެވެ. އަދި އަތޮޅު ހޮސްޕިޓަލަށް ދެއްކުމުން އެދުނީ އަވަހަށް މާލެއަށް ދިއުމަށް ކަމަށް ވެސް ވަފާ ބުނެއެވެ.

"ދެ އަހަރު ފުރުމުގެ ކުރިން ވަރަށް އެކްޓިވްވާނެ، ވާހަކަ ދައްކާ ސަކަރާތް ޖަހާ ވަރަށް އެކްޓިވް ކޮށް އުޅޭނީ. ދެއަހަރު ފުރުނުފަހުން މާގިނަ ދުވަހެއް ނުވެ އައީ ހުމެއް. ހުން އައިސް ރޯގާ ޖެހިގެން ވަރަށް އެބްނޯމަލް މޫވްސްތަކެއް އައި. ބޮޑު ދަރިފުޅަށް ވެސް ވާން ފެށި ގޮތެއް އެއީ."
ވަފާ އަބްދުﷲ

އެއާއެކު އެ ކުއްޖާ ގޮވައިގެން ވަފާ މާލެ އައިސް ޑޮކްޓަރަށް ދެއްކީ މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅެވެ. ކުއްޖާއަށް އަންނަމުން ދިޔަ ބަދަލުތަކާއި ފެންނަމުން ދިޔަ އަލާމަތްތަކަށް ބަަލައި އެތައް ޓެސްޓްތަކެއް ވަނީ ހަދާފައެވެ. އެގޮތުން އޭޕްރީލް 27 ވަނަ ދުވަހު އެކުއްޖާގެ ސިކުނޑީގެ އެމްއާރްއައިއެއް ހެދި ކަމަށާއި އަދޮ އީއީޖީ އެއްވެސް ހެދިއެވެ.

ހުރިހާ ޓެސްތްތަކެއްގެ ނަތީޖާއިން އެއްވެސް މައްސަލައެއް ހުރި ކަމަކަށް ނުދައްކައެވެ. ނަމަވެސް އެ ކުއްޖާ ލޮލުގެ ނާރެއް ދުޅަ ވަމުން އަންނަ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. ފަރުވާއެއްގެ ގޮތުން އެންޓިބައޮޓިކްސް ވަނީ ފަށާފައެވެ.

އައިޖީއެމްއެޗް އިން ދީފައިވާ ލިޔުމެއް

ޑޮކްޓަރުން ބުނާ ގޮތުގައި ހެލިފެލިވެ އުޅޭ އެންމެ ހަލަނިކޮށް ކުދިން އުޅެން ޖެހޭ އުމުރުގައި ނަވާފް ބަލިވެ ހަރަކާތް މަދުވެ، ވާހަކަ ދެއްކުން މަދުވުމަކީ ކޮންމެވެސް ސިއްހީ މައްސަލައެއްގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އައިޖީއެމްއެޗް އިން ހެދި ޓެސްޓުތަކުން އެ މައްސަލަ ދެނެނުގަނެވޭތީ ރާއްޖެއިން ބޭރަށް ގޮސް ވީޑިއޯ އީއީޖީއެއް ހެދުމަށް ވަނީ ލަފާ ދީފައެވެ. ކުއްޖާގެ ބަލި ކުރިއާލާ ދެނެގަނެވިއްޖެ ނަމަ ބައްޔަށް އަވަސް ފަރުވާއެއް ހޯދިގެން ދިއުމަކީ ކުއްޖާގެ ފުރާނައަށް އޮތް ނުރައްކާ ކުޑަކުރެވޭނެ ކަމެއް ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

ކުއްޖާ ގޮވައިގެން ރާއްޖެއިން ބޭރަށް ދިއުމަށް އާސަންދަ ހަމަޖެހިފައިވީ ނަމަވެސް އެ އާއިލާގެ މާލީ ހާލަތު ހުރި ގޮތުން އިތުރު އެހީތެރިކން ބޭނުންވާ ވަފާ ބުނެއެވެ. ތިން ދަރިންނާއެކު އުޅޭ އެ ދެމަފިރިންގެ ތެރެއިން ވަފާގެ ފިރިމީހާ މާމެންދޫގައި ވަޒީފާ އަދާ ކުރާއިރު، ފިރިމީހާގެ މުސާރައިން ދިރިއުޅުމުގެ ކަންކަން ބެލެހެއްޓެނީ ހަމަ ކިރިޔާއެވެ.

ނަވާފް ގޮވައިގެން އިންޑިއާ ދާ ދަތުރުގައި ބޮޑު ދަރިފުޅު ހުޒައިލް ވެސް ގޮވައިގެން ގޮސް ޑޮކްޓަރަށް ދެއްކުމަކީ ވަފާ އެދޭ ގޮތެވެ. އުމުރުން 4 އަހަރުން ފެށިގެން ފިޓް ޖެހެމުން އަންނަ އޭނާގެ ދޮށީ ދަރިފުޅަށް ބޭސްކުރަން މީގެ ކުރިން ރާއްޖެއިން ބޭރަށް ގޮސްފައިވާ އިރު، މިދިޔަ ޑިސެމްބަރު މަހުގެ ފަހުން ހުޒައިލް ފިޓް ޖެހިފައެއް ނުވެއެވެ. އެހެންކަމުން ހުޒައިލް އަށް އާސަންދަ ހަމަޖެހިފައި ނުވާތީ އެ ކުއްޖާގެ ހަރަދަކީ އަމިއްލަ އަތުން ކުރަން ޖެހޭނެ ހަރަދެކެވެ.

ދެކުދިންނާ އެކީ އެ ދެމަފިރިން ބޭސްފަރުވާ އަށް ދާން ބޭނުންވެފައި ތިބި އިރު، މި ވަގުތު މާލީ ގޮތުން އެ އާއިލާއަށް ވަރަށް ބޮޑު އެހީތެރިކަމެއް ވަނީ ބޭނުންވެފައެވެ. މީގެ ކުރިން ހުޒައިލްގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ވެސް އެހީ ތެރިކަން ހޯދުމަށް ކުރި މަސައްކަތުގައި އެތައް ބައެއްގެ ފަރާތުން އެހީތެރިކަން ލިބިފައިވާ ކަން ފާހަގަކޮށް އެކަމަށް ހާއްސަ ޝުކުރެއް އޭނާ ވަނީ އަދާކޮށްފައެވެ.

ވަފާ އަބްދުﷲ އޭނާގެ ހަގު ދަރިފުޅު ނަވާފް އުރާލައިގެން

ނަވާފާއި ހުޒައިލް އަށް އެހީވާން ބޭނުންވާ ފަރާތްތަކުން އެ ދެކުދިންގެ މަންމަ ވަފާ އަބްދުﷲ 7669254 އަށް ގުޅައިގެން ކުރިއަށް ގެންދިއުން އެދެމެވެ.

ރުފިޔާ އެކައުންޓް

  • އެކައުންޓްގެ ނަން: ވަފާ އަބްދުﷲ (ކުއްޖާގެ މަންމަ)
  • އެކައުންޓް ނަންބަރު (ރުފިޔާ): 7730000428234

ޑޮލަރު އެކައުންޓް

  • އެކައުންޓްގެ ނަން: އަހްމަދު ނަޝާތު (ކުއްޖާގެ ބައްޕަ)
  • އެކައުންޓް ނަންބަރު (ޑޮލަރު): 7730000598106

'ދަ ޕްރެސް' ގެ ދުއާއަކީ ނަވާފް ނަޝަތު ނަސީމަށް، މާތް ﷲ އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ. އަދި އަހަރެމެން ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލެއްވުމެވެ.