މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް)އިން ''އޮފިޝަލް ޑެސްޓިނޭޝަން ޕަޓްނަރު' ގެ ގޮތުގައި އައިޓީބީ ޗައިނާ 2024ގައި ދިވެހިރާއްޖެ ޕްރޮމޯޓް ކުރަން ފަށައިފިއެވެ.
އެމްއެމްޕީއާރްސީ އިން ބުނީ މި މޭ މަހުގެ 27-29 އަށް ޝެންހާއީ ވޯލްޑް އެކްސްޕޯ އެންޑް އެގްޒިބިޝަން ސެންޓަރުގަައި ބާއްވާ މި ޝަރަފުވެރި ފެއާގައި ފަތުރުވެރިކަމުގެ ދާއިރާގެ 45 ކުންފުންޏަކަށް ނިސްބަތްވާ 100 މަންދޫބުންނާއެ ދިވެހިރާއްޖެ ޕްރޮމޯޓުކުރުމުގައި ބައިވެރިވާނެކަމަށެވެ.
އެމްއެމްޕީއާރުސީއިން ބުނީ އައިޓީބީ ޗައިނާ 2024 ގެ އޮފިޝަލް ޑެސްޓިނޭޝަން ޕާޓްނަރުގެ ގޮތުގައި ބައިވެރިވުމަކީ ޗައިނާގެ މާކެޓާއި ދަތުރުފަތުރުގެ ދާއިރާގައި ރާއްޖޭގެ ޕްރެސެންސް އިތުރުކުރުމަށް އެހީތެރިވެދޭ ކަމެއް ކަމަށެވެ. އަދި އެއީ ވިޔަފާރި އާއި މީޑިއާ ގުޅުންތަކަށް ހިތްވަރުދީ، ފަތުރުވެރިކަން ކުރިއަރުވައި، ސަރަހައްދީ އަދި ދުނިޔޭގެ ޓްރެވަލް ޕާޓްނަރުންނާ އެއްބަޔަކު އަނެއްބަޔަކާ މުއާމަލާތްކޮށްގެން ރާއްޖޭގެ އެންމެ ފަހުގެ ފަތުރުވެރިކަމުގެ ހުށަހެޅުންތައް ދައުރުކުރުމަށް މަގުފަހިކޮށްދޭ ކަމެއްކަމުގައި އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ. "އައިޓީބީ ޗައިނާ 2024 އަކީ އަޅުގަނޑުމެންގެ އިންޑަސްޓްރީ ޕާޓްނަރުންނަށް އެބޭފުޅުންގެ ވަކިވަކި އުފެއްދުންތަކާއި ޕްރޮޕަޓީތައް މި މުހިންމު މާކެޓަށް ދައްކާލުމަށް ޕްލެޓްފޯމެއް ފޯރުކޮށްދޭ ރަނުގެ ފުރުސަތެއް" އެމްއެމްޕީއާރުސީ އިން ވަނީ ބުނެފައެވެ.
އައިޓީބީ ޗައިނާ 2024ގެ ހަވާސާގައި އެމްއެމްޕީއާރުސީއިން ގިނަ ހަރަކާތްތައް ހިންގުމަށްވަނީ ރާވާފައެވެ. މީގެ ތެރެއިން ފެއާގެ ފުރަތަމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 'މޯލްޑިވްސް މީޑިއާ މީޓް' ނަމުގެ ނޫސްވެރިންގެ ބައްދަލުވުން ފާހަގަކޮށްލެވެއެވެ. މި ނޫސްވެރިންގެ ބައްދަލުމުގައި ޗައިނާއާއި ދުނިޔޭގެ މީޑިއާގެ އިސް މަންދޫބުންނަށް މަންޒިލާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ކުރިއަށް އޮތް ފޯރިގަދަ ހަރަކާތްތަކާއި ފަތުރުވެރިކަމާ ގުޅޭ ސިޔާސަތު އަޕްޑޭޓްތައް ދެވިގެންދާނެއެވެ. އަދި ބައްދަލުވުމަގައި އެމްއެމްޕީއާރުސީ އާއި ޗައިނާގެ 'ވެއިޒިން ޕޭ'އާ ދެމެދު އެއްބާރުލުމުގެ އެމްއޯޔޫ އެއްގައި ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އެމްއެމްޕީއާރުސީ އިން ބުނީ އައިޓީބީ ޗައިނާ 2024 ގައި ރާއްޖޭގެ ސްޓޭންޑު ފަރުމާކޮށްފައިވަނީ ރާއްޖޭގެ މުއްސަނދި ސަގާފަތާއި އުޖާލާ ކުލަތައް ދައްކުވާދީ، ސަނީ ސައިޑް އޮފް ލައިފްއިން ޗައިނާގެ ފަތުރުވެރިން ލިބެންހުރި ގިނަގުނަ ތަޖުރިބާތައް ދައްކާލުމަށް ކަމަށެވެ. އެގޮތުން ސްޑޭންޑުގައި ފަތުރުވެރިކަމާއި ބެހޭ ޓްރޭޑް ރެޕްރެޒެންޓެޓިވުންނާއި އެހެނިހެން ޕާޓްނަރުންނާ ބައްދަލުކޮށް މައުލޫމާތާއި ގުޅުން ބަދަހި ކުރެވި ގެންދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި ރާއްޖޭގެ ސަގާފީ ނެށުންތައް ދައްކާލާ، އާދަކާދަޔާ ދިވެހި ބަހުން ލިޔުމާއި މީރު ލުއިކާނާ ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް ސްޑޭންޓުން ލިބިގެންދާނެކަމަށް އެމްއެމްޕީއާރުސީ އިން ބުނެފައެވެ. މީގެ އިތުރުން، އެމްއެމްޕީއާރުސީއިން ރާއްޖޭގެ ފަތުރުވެރިކަމާއި ގުދުރަތީ ރީތިކަން ޕްރޮމޯޓުކުރުމަށް ސްޑޭންޑުގައި މީޑިއާ އިންޓަވިއުތަކެއް ދީ، ވީހާވެސް ބޮޑަށް ދިވެހިރާއްޖެ މި މުހިންމު މާކެޓުގައި އިޝްތިހާރުކުރަމުން ގެންދާނެއެވެ.
އައިޓީބީ ޗައިނާއަކީ ޗައިނާގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ބޮޑު ސަމާލުކަމެއް ލިބޭ އެންމެ ބޮޑު އެއް ޓްރޭޑް ޝޯއެވެ. މިއީ ދާއިރާގެ ފަންނުވެރިން އެއްތަނަކުން ދިމާވާ ފަދަ ޕްލެޓްފޯމެކެވެ. މި ފެއާގައި ވިޔަފާރީގެ ފުރުސަތުތައް އިތުރުކޮށް އެންމެ ފުރިހަމައަށް ބޭނުންކުރުމަށް ނެޓްވޯކިން އިވެންޓްތަކާ ޒަމާނީ ސިސްޓަމްތައް ބޭނުންކުރެއެވެ.
ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަރުތުވެރިން އަންނަ ކީ ސޯސް މާކެޓެކެވެ. މިދިޔަ އަހަރު ޑައިރެކްޓް ފްލައިޓްތައް އަލުން ފެށުމާ ގުޅިގެން ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމުގެ ތަކުގެ ލިސްޓުގެ އެންމެ މަތީ މަގާމު ޗައިނާއިން މިހާރު ވަނީ އަލުން ހޯދާފައެވެ. އެމްއެމްޕީއާރުސީއިން ޗައިނާގެ މާކެޓުގައި ދިވެހިރާއްޖެ ދައްކާލުމަށް ބޭނުންކުރަނީ މުޅި އަހަރު ދުވަހަށް ދެމިގެންދާ ތަފާތު ގިނަ ހަރަކާތްތަކެއް ހިމެނޭ މާކެޓިން ސްޓްރެޓެޖީއެކެވެ. މިއަހަރުގެ މޭ މަހުގެ 22 ވީ ދުވަހުގެ ނިޔަލަށް ރާއްޖެއިން ޗައިނާގެ 95,952 ފަތުރުވެރިންނަށް މަރުހަބާ ކިޔާފައިވާއިރު، މިއީ ޖުމްލަ މާކެޓް ހިއްސާގެ 11.02 ޕަސަންޓެވެ.
އެމްއެމްޕީއާރުސީއިން ދަނީ ޗައިނާގައި ރާއްޖޭގެ ޕްރެޒެންސް ދެމެހެއްޓުމަށާ އަރައިވަލް އިތުރުކުރުމުގެ މަސައްކަތުގެ ދަށުން ގިނަ ހަރަކާތްތައް ރާވާ، ކުރިއަށް ގެންދަމުންނެވެ. މީގެ ތެރޭގައި ފަތުރުވެރިކަމުގެ ސްޓޭކްހޯލްޑަރުންނާ ގުޅިގެން ކުރިއަށް ގެންދާ ކެމްޕޭންތަކާއި، ފެމިލިއަރައިޒޭޝަން ދަތުރުތަކާއި، ލީޑިން ޕަބްލިކޭޝަންތަކާއި މަޖައްލާތަކާއެކު ޓާގެޓްޑް މާކެޓިން ހަރަކާތްތައް ހިންގުން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، އެމްއެމްޕީއާރުސީގެ ސްޓްރެޓަޖީގައި އައުޓްޑޯ އިޝްތިހާރުތަކާ، ބޮޑެތި އެއާލައިންތަކާއެކު ކޯޕަރޭޓިވް މާކެޓިން ޕްރޮގްރާމްތައް ހިންގުންވެސް ހިމެނެއެވެ. އެމްއެމްޕީއާރުސީއިން ދަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވާ މި ސަރަހައްދުގެ ދަތުރުފަތުރުގެ ދާއިރާގައި ނަގާކިޔާލެވޭ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގާމު ދެމެހެއްޓުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.