ރާއްޖޭގެ ދިރިއުޅުމާއި އީދު ކުޅިވަރުތައް ބަލައިލުމަށް ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ފަރާ ހާން ރާއްޖެ އައިސްފައިވާއިރު އޭނާގެ ތަޖުރިބާތައް ދައްކުވައިދޭ ހާއްސަ ޔޫޓިއުބް ވްލޮގަކާ އެކު ރާއްޖޭގެ އީދު ކުޅިވަރުތަކާއި ޖަޒީރާ ދިރިއުޅުން ދައްކާލައިފިއެވެ.

ފަރާ ރާއްޖެ އައިސްފައި ވަނީ ޖޫން 6 ވަނަ ދުވަހު އެމްއެމްޕީއާރްސީގެ ދައުތަކަށެވެ. އޭނާ ރާއްޖެ އައުމާއެކު މަރުހަބާ ކިޔާފައި ވަނީ ވެސް އެމްއެމްޕީއާރުސީގެ ޗެއާޕާސަން އަބްދުﷲ ގިޔާސް ރިޔާޒާއި ސީއީއޯ އިބްރާހިމް ޝިއުރީއެވެ. އެމްއެމްޕީއާރްސީން ބުނީ، މިއީ މިހާރު ފާހަގަ ކުރަމުން އަންނަ އަޟްހާ އީދު ހަރާތްތައް ފަރާ އަށް ދައްކާލައި އޭނަ މެދުވެރިކޮށް ކޮންޓެންޓްތަކާ އެކު ރާއްޖެ ޕްރޮމޯޓް ކުރުމަށްޓަކައި ދިން ދައުވަތެއް ކަމަށެވެ. އެގޮތުން އެމްއެމްޕީއާރްސީގެ ޓީމާ އެކު ރާއްޖޭގެ އެކި ހިސާބުތަކުން ފަރާ ކޮންޓެންޓްތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއެމްޕީއާރްސީ އިން ބުނީ ފަރާ އާއެކު ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށާއި، މި ހަރަކާތް ކުރިއަށް ދާނީ ޖޫން މަހުގެ 5 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

20 އަހަރަށްވުރެ ދިގު މުއްދަތަކަށް އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޝަހުސިއްޔަތު ފަރާ ހާން އަކީ މަޝްހޫރު ޑާންސް ޕާފޯމަންސްތަކާއި ކާމިޔާބު ފިލްމުތަކުން މަޝްހޫރު ފަންނާނެކެވެ. އޭނާގެ ކެރެކްޓާ އާއި މަޝްހޫރުކަމުގެ ސަބަބުން 13 މިލިއަނަށް ވުރެ ގިނަ ސޯޝަލް މީޑިއާ ފޮލޮވަރުން ހޯދާފައިވާކަމަށްވެސް އެމްއެމްޕީއާރްސީ އިން ވަނީ ބުނެފައެވެ.

އެއާއެކު އެމްއެމްޕީއާރްސީ އިން ބުނީ އިންޑިޔާގެ އާއިލާތަކަށާއި، ޗުއްޓީ ހޭދަކުރާ ފަރާތްތަކާ ވާސިލުވުމަށް ފަރާ އަކީ އެކަށީގެންވާ ފަންނާނެއްކަމަށާއި، ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ތަފާތު ހުށަހެޅުންތައް ދައްކާލުމަށް އެއީ ފުރިހަމަ ބައިވެރިޔެއް ކަމަށެވެ.

ފަރާ ހާން އާއި އޭނާގެ ފަސް މެމްބަރުންގެ ޓީމް މިދަތުރުގައި ހޯސްޓްކޮށްފައިވަނީ އޮޅުވެލި އައިލެންޑް ރިސޯޓާއި އެރީނާ ހޮޓެލްސް މާފުށީގައެވެ. މި ހައި އިމްޕެކްޓް ކެމްޕެއިންގެ ސަބަބުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ސޯސް މާކެޓެއް ކަމަށްވާ އިންޑިއާގެ މުހިންމުކަމަށް އަލިއަޅުވާލެވުނު ކަމަށްވެސް އެމްއެމްޕީއާރްސީ އިން ވަނީ ބުނެފައެވެ.