އީރާނުގެ ރައީސް އިބްރާހީމް ރައީސީ، ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އެމަނިކުފާނު އަވަހާރަވެފައި ވާއިރު، މިއަދަކީ އެ ގައުމުގެ އިތުރުން އިސްލާމީ ގިނަ ގައުމުތަކަށްވެސް ހިތާމައިގެ ދުވަހެކެވެ.

އީރާނާއި އަޒަރުބައިޖާން ގުޅޭ ބޯޑަރު ސަރަހައްދުގައި ހެދި ޑޭމް އެއް ހުޅުވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އާއި ހާރިޖީ ވަޒީރު ހޮސައިން އަމްރު އަބްދުއްލޯހިޔާން އާއި ތަބްރީޒީ މިސްކިތުގެ އިމާމު އާޔަތުއްލޯ އަލްހާޝެމީ އާއި އަޒަރުބައިޖާންގެ އިރުމަތީ ޕްރޮވިންސުގެ ގަވަރުނަރު މާލިކް ރަހްމަތީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓިފައި ވަނީ މޫސުން ގޯސްވެ ބޯ ދުންފިނީގެ ސަބަބުންނެވެ.

ރައީސީ އިންނެވި ހެލިކޮޕްޓަރު އުދުހި ދަނީ

ރައީސީގެ އުމުރުފުޅުން 15 އަހަރުގައި މަޝްހޫރު ގުމް ދީނީ ސެމިނާރީގައި ކިޔަވާ ވިދާޅުވާން ފެއްޓެވީ، އެ ދުވަސްވަރުގެ މުސްލިމް އިލްމުވެރިންގެ ތެރެއިން ބައެއް އިލްމުވެރިންގެ އިރުޝާދާ އެކުގައެވެ.

1988 ވަނަ އަހަރު އީރާނުގެ ސިޔާސީ ގައިދީން މެރުމުގައި ބައިވެރިވި ހަތަރު މީހުންގެ ތެރެއިން އެކަކުގެ ގޮތުގައި ރައީސީގެ ނަން ހިމެނުނެވެ. އީރާނުގެ އިދިކޮޅު ފަރާތްތަކުގެ ނުރުހުން އަމާޒުވެގެން ދިޔައިރު އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އެޅިއެވެ. އެމަނިކުފާނުގެ މައްޗަށް އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ތުހުމަތު ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން އެޅުވިއެވެ.

1989 ވަނަ އަހަރު އީރާނުގެ ފުރަތަމަ ރޫހީ ލީޑަރު އާޔަތުالله ރޫހުالله ހުމޭނީ އަވަހާރަވުމުން، ތެހެރާނުގެ ޕީޖީއަކަށް ރައީސީ އައްޔަން ކުރިއެވެ. ރައީސީގެ ދުރު ވިސްނޭ ސިޔާސަތުގެ ސަބަބުން މަގުބޫލުކަން އިތުރުވެ، މަޝްހަދުގެ އެންމެ ބޮޑު ދީނީ ވަފުދު ކަމަށްވާ އަސްތާން ގުދުސް ރަޒާވީގެ ޗެއާމަން ކަމަށް 2016 ވަނަ އަހަރުގެ މާޗް މަހުގެ 7 ވަނަ ދުވަހު އައްޔަން ކުރެވިގެން ދިޔައެވެ. އުމުރުން 63 އަހަރުގެ ރައީސީ އަކީ ޝަރުއީ ދާއިރާ އާއި ދީނީ ޝަހްސިއްޔަތުގައި ވަރުގަދަ، ދީނީ ގޮތުން ކޮންޒަވޭޓިވް ސިޔާސީ ބޭފުޅެކެވެ.

ރައީސީ އެންމެ ފުރަތަމަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވީ 2017 ވަނަ އަހަރުއެވެ. އެ އިންތިހާބުގައި ސިޔާސީ ވަރުގަދަ ލީޑަރެއް ކަމުގައިވާ ހަސަން ރޫހާނީއާ ވާދަކުރައްވައި ބަލިވެވަޑައިގެންނެވި ނަމަވެސް، ނާކާމިޔާބީ އަށް ފަހު ރައީސީ ވަނީ އެމަނިކުފާނުގެ ސިޔާސީ މަސައްކަތްޕުޅުތައް ވަރުގަދަ ކުރައްވައި އިންތިހާބަށް ވަރުގަދައަށް ތައްޔާރުވެ ވަޑައިގަންނަވަން ފައްޓަވާފައެވެ. އެ ގޮތުން 2021 ވަނަ އަހަރުގެ ޖޫން މަހު ބޭއްވި އިންތިހާބުގައި އިސްލާހަށް މަސައްކަތްކުރާ މީހުންނާއި މެދުމިނުގެ ވިސްނުން ގެންގުޅުނު ފަރާތްތަކުގެ ސަބަބުން ވޯޓުލާ ނިސްބަތް މަދުވެ، ގިނަ ހަމަނުޖެހުންތަކެއް ހިނގިނަމަވެސް 62.9 ޕަސެންޓް ވޯޓާއެކު އިންތިހާބު ކާމިޔާބު ކުރެއްވިއެވެެ.

ރައީސީގެ އިފްތިތާހުގެ ތަގުރީރުގައިވެސް އެމެރިކާ އިން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އޭނާގެ ސަރުކާރުން މަސައްކަތް ކުރާނެކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

ރައީސީ މަގާމަށް އިންތިހާބު ވެވަޑައިގަތުމަށް ފަހު ސަރުކާރުގެ ހުރިހާ ގޮފިތަކާއި، އަސްކަރީ އަދި ގާނޫނު ހަދާ މަޖިލީހުގެ ހުރިހާ ގޮފިތައް އިތުރަށް ވަރުގަދަ ކުރައްވައި ވެރިކަންކުރާ ފަންތީގެ މީހުންނާ ވެސް ރަނގަޅު ގުޅުންތަކެއް ބާއްވުމުގައި ކާމިޔާބު ހޯއްދެވިއެވެ. އިރާނުގެ އަސްކަރިއްޔާ ވަރުގަދަކޮށް އެންމެ ޒަމާނީ ޓެކްނޮލޮޖީ ތަކަށް ލޯ ހުޅުވިފައިވާ އަސްކަރިއްޔާއެއް ގާއިމުކުރެއްވިއެވެެ. އިރާނުގެ ނިއުކުލެއާ ޕުރޮގްރާމް އަލުން ފައްޓަވާ، އިދިކޮޅު ފަރާތްތަކުން ސިއްސައިގެންދާ ފަދަ ބޮޑެތި މަސައްކަތްތަކެއް ކުރެއްވިއެވެ.

އެމަނިކުފާނުގެ ސިޔާސަތުތަކުގެ ސަބަބުން އިދިކޮޅު ފަރާތްތަކާ ބައިނަލްއަގްވާމީ މުޖުތަމައުގެ ނުރުހުން އަމާޒުވެގެން ދިޔަ ނަމަވެސް އުސޫލުތަކުގައި ހިފަހެއްޓެވިއެވެ. އިރާނުގައި އިސްލާމީ ޝަރީއަތް ދިރުވައި ބޭރުގެ ބާރުތަކުގެ ކުރިމަތީ ކުޑަކަކޫ ނުޖަހާނެކަން ރައީސީ ސާބިތު ކޮށްދެއްވިއެވެ.

އީރާނުން ނިއުކްލިއާ ޕްރޮގްރާމް ވަރުގަދަ ކުރަމުންދާ ކަމުގެ ތުހުމަތު ތަކާއެކު އެމެރިކާގެ އިންޒާރުތަކާ ކުރިމަތިލަައްވަން ޖެހިވަޑައިގަތެވެ.

އަފްއާނިސްތާނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހުރިހާ ޕާޓީތަކުން ވެސް ހިމެނޭ ސަރުކާރެއް އެކުލަވާލުމަށް ރައީސީ މަޝްވަރާ ކުރެއްވިއެވެ.

ފަލަސްތީނުގެ އާންމުންނަށް ހައްދު ފަހަނަޅާފައިވާ އިޒްރޭލުން ދޭ އަނިޔާވެރި ހަމަލާތަކާ ދެކޮޅަށް އިރާނުން ތެދުވެފައި ވާއިރު ސީރިއާގައި ހުންނަ އިރާންގެ ކޮންސިއުލޭޓަށް އިޒްރޭލުން ދިން ހަމަލާއާ ގުޅިގެން އިރާނުން ވަނީ ޑްރޯން އާއި މިސައިލް ހަމަލާތަކެއް އިޒްރޭލަށް ދީފައެވެ. އިރާނާއި އިޒްރޭލާ ދެމެދު އޮތް ސަރަހައްދީ ވާދަވެރިކަން ބޮޑުވެފައި ވާއިރު، ކޮންމެ ވަގުތެއްގައި އިރާނުން ހަމަލާތައް ދީފާނެކަމަށް އިޒްރޭލުން ވެސް ގަބޫލު ކުރެއެވެ.

މެދުއިރުމަތީގެ އެންމެ ނުފޫޒުގަދަ ގައުމުގެ އެންމެ ބާރުގަދަ ލީޑަރު، ރައީސީ ގެންގުޅުއްވާ ހާރިޖީ ސިޔާސަތާއި ދާހިލީ އަދި ބައިނަލްއަގްވާމީ ސިޔާސަތުތަކުގެ ސަބަބުން އެމަނިކުފާނު ވެފައިވަނީ ވަރަށް ހިޔާލު ތަފާތު ލީޑަރަކަށެވެ. އީރާނުގެ ހުރިހާ ފެންވަރެއްގެ ފަރާތްތަކާއެކު ވެސް ގާއިމު ކޮށްފައިވާ ވަރުގަދަ ގުޅުންތަކުގެ ސަބަބުން ރައީސީގެ މަގުބޫލުކަން އިރާނުގައި އިތުރުވެފައި ވާއިރު ގިނަ ބަޔަކު އެ މަނިކުފާނު ސިފަކުރެއްވީ ދެވަނަ ރޫހީ ލީޑަރުގެ ގޮތުގައެވެ. ރައީސީއަކީ އިސްލާމީ ގައުމުތަކުގައި ހުޅަނގުން ހިންގަމުން ދިޔަ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް މަސައްކަތް ކުރެއްވި ލީޑަރަކެވެ. ދީނީ ގޮތުން އެމަނިކުފާނު ގެންގުޅުއްވި ސިޔާސަތުގެ ސަބަބުން އެމެރިކާގެ ސްޓޭޓް ޑިޕާޓުމަންޓުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ 9 މީހުންގެ ތެރޭގައި ރައީސީ ހިމެނިވަޑައިގަންނަވައެވެ.

އިއްޔެ ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައި އެމަނިކުފާނު އަވަހާރަވެފައި ވާއިރު އެގައުމުގެ ގާނޫނު ބުނާ ގޮތުގައި ރައީސް އަވަހާރަ ވެއްޖެނަމަ، 1 ވަނަ ނައިބު ރައީސް އެގައުމުގެ ވެރިކަމާ ހަވާލުވެ، މަދުވެގެން 50 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިހާބެއް ބާއްވައި އާ ރައީސަކު އިންތިހާބު ކުރަން ޖެހޭނެއެވެ.