އީރާނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކޮށްފާނެ އަސަރަކާ ގުޅިގެން އެފަދަ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުން ދުރާލައި އަޅަންޖެހޭ ފިޔަވަޅުތަކާ ދޭތެރޭ ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތް ހާމަކުރުމަށް ގަރާރެއް ހުށަހަޅައިފިއެވެ.
މި ގަރާރު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
މި ގަރާރާއި ގުޅޭ ގޮތުން މީކާއިލް ވިދާޅުވީ މިއީ އިޒްރޭލް-އިރާން ހަނގުރާމައިގެ ސަބަބުން ކުރިޔަށް އޮތް ދުވަސްތަކުގައި ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ކުރިޔާލާ އަޅާންޖެހޭ ފިޔަވަޅުތަށް އަޅަމުންގެންދޭތޯ ކަށަވަރުކުރުމަށް ރައްޔިތުންގެ މަޖިލީހަަށް ހުށަހެޅި ގަރާރެއްކަމަށެވެ.
ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް އިޒްރޭލުން އީރާނަށް ދިން ކުއްލި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ދަތި ހާލަތެއް ކުރިމަތިވުމަކީ ނުހަނު އެކަށީގެންވާ ކަމެއްކަން މި ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެފަދަ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުން ދުރާލައި އަޅަންޖެހޭ ފިޔަވަޅުތަކާ ދޭތެރޭ ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތް ހާމަކުރުމަށް މި ގަރާރުގައިވަނީ އެދިފައެވެ.
ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކޮށްފާނެ އަސަރުތަކާ ގުޅޭގޮތުން ކަންބޮޑުވުންފާޅުކޮށް މި ގަރާރުގައިވަނީ ދިވެހިރާއްޖެއަކީ، ކާބޯތަކެތި، ބޭސް އަދި ޒަރޫރީ އެންމެހާ މުދާ އިމްޕޯޓުކޮށްގެން ބޭނުންކުރާ ގައުމެއްކަމަށެވެ. ރާއްޖޭގެ އިގްތިސޯދުގެ އެންމެ ބޮޑު ސިނާއަތަކީ އަދި ބޭރު ފައިސާ ހޯދައިދޭ މައި ވަސީލަތަކީ ފަތުރުވެރި ސިނާއަތްކަން ފާހަގަކޮށް މި ގަރާރުގައި ވަނީ ހަނގުރާމައިގެ ސަބަބުން ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރަށް ބުރޫ އަރައިފިނަމަ އެންމެ ފުރަތަމަ އަސަރުކުރާނެ ސިނާއަތަކީ ރާއްޖޭގެ ފަތުރުވެރިކަން ކަމަށެވެ. އަދި އެ އަސަރުތައް ރާއްޖެއަށް ކޮށްފިނަމަ، ދައުލަތުގެ އާމްދަނީ ދަށްވުމާއި، ބޭރު ފައިސާ ލިބުން ނުހަނު ބޮޑަށް ދަށްވުން އެކަށީގެންވާ ކަމެއްކަމަށް މި ގަރާރުގައިވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން އަސާސީ ހިދުމަތްތަކަށް ބޭނުންވާ ތެލާއި، ގޭހާއި، ބޭސް އަދި ކާޑުގެ ބާވަތްތައް ފަދަ ތަކެތި މެދުނުކެނޑި އެތެރެކުރެވޭނެކަން ކަށަވަރުކުރުމަށްޓަކައި ފިޔަވަޅުތައް އެޅުމަކީ ސަރުކާރުގެ މައްޗަށް ލާޒިމުކަމެއްކަމަށް ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ. އަދި މި ގަރާރު ހުށަހެޅީ މިކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކޭގޮތް ހާމަކުރުމަށް ކަމަށް ގަރާރުގައި ވަނީ ބުނެފައެވެ.