މާލޭގެ އާ ސަހަރާ މިސްކިތުގެ ފިނިޝިން މަސައްކަތް ކުރުމަށް މާލެ ސިޓީ ކައުންސިލުން އެހެން ބަޔަކާ ހަވާލުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ހައިމަން ކުންފުންޏާއެވެ. ދެ މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި އެއްބަސްވުމުގައި އިއްޔެ ސޮއި ކޮށްފައިވާއިރު ހައިމަން ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރީ މުހައްމަދު އައިމަން އެވެ. އަދި މާލެ ސިޓީ ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ ސެކްރެޓަރީ ޖެނެރަލް ވަޖީހު ނަސީރެވެ.

ކައުންސިލުން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، އާ ސަހަރާގެ ފިނިޝިން މަސައްކަތްތައް އެއްކޮށް ނިންމުމަށް ހަވާލުކޮށްފައި ވަނީ 2.7 މިލިއަން ރުފިޔާއަށެވެ.

މީގެ ކުރިންވެސް އާ ސަހަރާ މިސްކިތުގެ މަސައްކަތް ކުރުމަށް ދެ ފަހަރެއްގެ މަތިން ދެ ކުންފުންޏަކާ ހަވާލުކޮށްފައި ވެއެވެ. ފުރަތަމަ އެ މަސައްކަތް ހަވާލުކުރީ 4.9 މިލިއަން ރުފިޔާއަށް ޕީއެންޕީ ކުންފުންޏާއެވެ. އަދި އެ ކުންފުންޏަށް އޭރު ވަނީ 4.9 މިލިއަން ރުފިޔާގެ ތެރެއިން 3.6 މިލިއަން ރުފިޔާ ދީފަ އެވެ.

ނަމަވެސް އެ މަސައްކަތް އެ ކުންފުނިން ކުރިއަށް ނުގެންދިޔުމުން މިދިޔަ އަަހރުގެ ޑިސެމްބަރު މަހު ވަނީ ބީ ސިކްސް ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައެވެ. 4.6 މިލިއަން ރުފިޔާއަށް އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ އާ އިމާރާތުގެ ސްޓްރަކްޗާ ނިންމުމަށެވެ. މިފަހަރު ހައިމަން ކުންފުންޏާ މަސައްކަތް ހަވާލުކޮށްފައި މިވަނީ އިމާރާތުގެ ފިނިޝިން މަސައްކަތް ނިންމުމަށެވެ.

އާ ސަހަރާ މިސްކިތަށް ބޮޑެތި މަރާމާތު ތަކެއް ކުރަމުންދާތީ މިދިޔަ އަހަރުގެ މެއި މަހު އާސަހަރާ ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. އެއާއެކު މައްޔިތުން ވަޅުލަމުންދަނީ ހުޅުމާލެ ސަހަރާގައެވެ. އާސަހަރާ ބަންދުކުރި ނަމަވެސް، އާ ސަހަރާ މިސްކިތުގައި ނަމާދުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.