ކުރިއަށް މިއޮތް ބޮޑު އީދު ބަންދާއި ދިމާކޮށް ބާރުބޮޑުވާތީ ކުރިއާލާ ދަތުރުވެރިން އެއާޕޯޓަށް ދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެދިއްޖެއެވެ.

އެމްއޭސީއެލް އިން ބުނީ އެއާޕޯޓު މަގުހެދުމުގެ މަސައްކަތް ކުރިއަށްދާތީއާއި، އެއާޕޯޓުގެ ބާރު ބޮޑުވާތީ ކޮންމެ ޕަސިންޖަރަކުވެސް ފްލައިޓު ޗެކިންއަށް ކުރިއާލާ އެއާޕޯޓަށް އައުމަށް އެދޭ ކަމަށެވެ.

ކުރިއަށް އޮތް އީދުގެ ބަންދު ދުވަސްތަކާ ދިމާކޮށް ގައުމީ އެއާލައިން މޯލްޑިވިއަން އިން 111 ފްލައިޓް ދަތުރު އަޅާނެ ކަމަށް އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުންވެސް ވަނީ ބުނެފައެވެ.

މޯލްޑިވިއަން އިން ކޮންމެ އީދަކާ ދިމާކޮށް ވެސް ޑިމާންޑަށް ބަލައި ދަތުރުތައް އިތުރު ކުރަމުން އަންނައިރު މިއަހަރު އެންމެ ގިނަ ދަތުރުތައް ކުރަނީ ލ.ކައްދޫއަށް ކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފައެވެ.

އެގޮތުން މޯލްޑިވިއަން އިން ދަތުރުކުރާ ހުރިހާ މަންޒިލަކަށް ވެސް މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހާއި ހަމައަށް ކުރާ ދަތުރުތައް އިތުރު ކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ. އީދު ޗުއްޓީ މާދަމާ ފެށިގެންދާއިރު، އީދުގެ ފަހު ދުވަހަކީ އަންނަ ހަފްތާގެ ހޯމައެވެ. އަދި އެ ހަފްތާގައި ބާކީ އޮތް ތިން ދުވަސް ސަރުކާރު ބަންދު ނުކުރާގޮތަށްވެސް ވަނީ ނިންމާފައެވެ.