މާލެ ސިޓީ ކައުންސިލުން މާލޭ ރައްޔިތުންނަށް، 50 ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.
މަސައްކަތްތެރިކާމާއި ފަންނީ ތަމްރީނު ހޯދުމަށް ތަފާތު ހަ ދާއިރާ އަކުން ހުޅުވާލި މި ފުރުސަތުތަކަކީ މާލެ ސިޓީ ކައުންސިލާއި، ސްޓްރޯންގް ސިޓީސް ސައުތު އޭޝިއާ ރީޖަނަލް ހަބާއެކު ވެފައިވާ އެއްބަސް ވުމެއްގެ ދަށުން ސިޓީ ކައުންސިލުން ހޯދާފައިވާ ފުރުސަތުތަކެކެވެ.
އިއްޔެ ހުޅުވާލި މި ސްކޮލާޝިޕް ފުރުސަތު ތަކުގެ ތެރޭގައި، ސިއްހީ ދާއިރާއާއި، އިމާރާތް ކުރުމާއި، އިންޖެނިއަރިންގެ ދާއިރާއާއި، ތައުލީމީ ދާއިރާގެ އިތުރުން، އައިޓީ އަދި ޑިޖިޓަލް ދާއިރާ ހިމެނެއެވެ. މީގެ އިތުރުން ވެސް ވިޔަފާރީގެ ދާއިރާއާއި ހޮސްޕިޓަލިޓީ އަދި ކަސްޓަމާ ކެއާގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާއިން ފުރުސަތު ހުޅުވާލާފައިވެއެވެ.
3 މަހާއި 6 މަހާ ދެމެދުގެ މުއްދަތަކަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވަނީ ޕާކިސްތާނުގައެވެ. މި ޕްރޮގްރާމްތަކަށް ހޮވޭ ފަރާތްތަކަށް، މާލެއިން ޕާކިސްތާނަށް ދިއުމުގެ ދަތުރު ހަރާދާއި، ހުރުމާއި ކެއުން އަދި ކޯސް ފީ ލިބިގެންދާނެ ކަމަށް ކައުންސިލުން ބުނެއެވެ.
މި ސްކޮލާޝިޕްތަކަށް މީހުން ހޮވުމުގައި އޯލެވެލް ނަތީޖާގެ އިތުރުން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ މެދުގައި ކުރެވޭ އިންޓަވިއު އިން ލިބޭ ނަތީޖާއަށް ބަލާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. މި ފުރުސަތުތަކަށް ކުރިމަތިލެވޭނީ މާލެ ސިޓީގައި ރަށްވެހިވެފައިވާ، 18 އާއި 35 އަހަރާ ދެމެދުގެ، ގްރޭޑް 10 ނިންމާފައިވާ، އިނގިރޭސި ބަހުން މުއާމަލާތުކުރަން ދަންނަ ފަރާތްތަކަށެވެ.
އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 20 އޭޕްރީލް 2025 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ. އަދި އިންޓަވިއުތަކަށްފަހު ހޮވޭ 50 ފަރާތުގެ ނަން 25 އޭޕްރީލް 2025 ގެ ކުރިން އިއުލާންކުރާނެ ކަމަށް ކައުންސިލުން ބުނެއެވެ.