މި އަހަރުގެ އަޟްހާ އީދު މާލެ ސަރަހައްދުގައި ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ، ގައުމީ ދިފާއީ ބާރާއި ދައުލަތުގެ ބައެއް އިދާރާތަކާއި މުއައްސަސާތައް އަދި ކުންފުނިތައް ގުޅިގެން އީދުގެ އުފާ ފާޅުކުރުމަށް، "އީދުހަވީރު 1446"ގެ ނަމުގައި ގައުމީ ފެންވަރުގައި މާލެ ސަރަހައްދުގައި އީދު ފާހަގަ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުގެ މަތިން މާލެއާއި ހުޅުމާލޭގެ ހަތަރު ސަރަހައްދެއްގައި "އީދުހަވީރު 1446"ގެ ގައުމީ ހަރަކާތްތައް ކުރިއަށްގެންދަން ނިންމަވާފައި ވާއިރު، މި ހަރަކާތްތައް އަންނަ ހުކުރު ދުވަހުން ފެށިގެން ތިން ދުވަސް ވާންދެން ކުރިއަށްގެންދާނެ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މި ތިން ދުވަހު، "އީދުހަވީރު 1446"ގެ ހަރަކާތްތައް ކުރިއަށްދާނީ ހަވީރު 16:00އިން 18:00އަށެވެ. އަދި، ރޭގަނޑު ބައެއް ސްޓޯލްތައް، ރޭގަނޑު 20:30އިން ފެށިގެން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.

ސަރުކާރު ވުޒާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާ އެކު ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން އިންތިޒާމްކޮށްގެން ކުރިއަށްގެންދަން ނިންމަވާފައި ވާ އީދުގެ ހަރަކާތްތައް އޮންނާނީ، މާލޭގައި ސަލްޓަން ޕާކާއި، ޖުމްހޫރީ މައިދާނުގެ އިތުރުން ހުޅުމާލޭގެ ސެންޓްރަލް ޕާކާއި، ހުޅުމާލޭ ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދުގައެވެ.

މި ހަރަކާތްތައް އިންތިޒާމްކޮށްފައި ވަނީ ސްޓޯލްތަކުން ވީހާ ވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނޭ ގޮތަށް، އަދި އެކި އުމުރުފުރާގެ ކުދިންނާއި މީހުން ވެސް ޝައުގުވެރިވާނެހެން ތަފާތު ހަރަކާތްތަކާ ކުޅިވަރުތައް ހިމަނައިގެންނެވެ. އެގޮތުން، މި ހަރަކާތްތަކުގައި ރާއްޖޭގެ އިހުގެ ސަގާފަތާއި، އިހުގައި ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ސްޓޯލްތަކުން ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޒަމާނީ ކެރެކްޓާތައް ފިއުޝަންގޮތަށް ވެސް ދައްކާލުމަށްވެސް ހަމަޖެހިފައިވާ ކަަމަށް ވެއެވެ.

ހަމަ އެހެންމެ ސަރުކާރު ވުޒާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުން ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ އިރު، އެ ސްޓޯލްތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ އެކި ތީމްތަކަށް، ތަފާތު އެކި ތަޖުރިބާތައް ކުރެވޭނެހެން، ހަމައެހެންމެ ކުޑަކުދިން ގަޔާވާނެ އެކި ކަހަލަ ކަންކަން ހިމަނައިގެން ކަމަށް ވެއެވެ.

އީދުހަވީރުގައި، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ފަރާތުން ހާއްސަ ހަރަކާތްތަކެއް ވެސް ވަނީ ކުރިއަށްގެންދަން ނިންމާފައެވެ. މީގެ ތެރޭގައި ސިފައިންގެ ޔުނިފޯމްތަކާއި، އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކިކަހަލަ ހަތިޔާރުތަކާއި، އެއްގަމާއި ކަނޑުމަތީ ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި، އެ ތަކެއްޗާ އެކު ފޮޓޯ ނެގުމާއި ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހިކޮށްދީ ބޭންޑުގެ ހަރަކާތްތައް ކުރިއަށްގެންދަން ހަމަޖެހިފައިވެއެވެ. އަދި ފޯމްބާތް ޕޫލަކާއި ފެންކުޅީގެ އެކި ހަރަކާތްތައް ވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވެއެވެ.

މި އަހަރުގެ ބޮޑު އީދު ގައުމީ ފެންވަރުގައި ފާހަގަކުރާ ރަށްތަކުގެ ތެރޭގައި ދެން ހިމެނެނީ ހއ. ކެލާ އާއި ކ. ގުރައިދޫގެ އިތުރުން ލ. ގަމެވެ.