ދިވެހިން ދަތުރުކުރާ އަވަށްޓެރި ގައުމުތަކުގައި ޗިކުންގުންޔާ ފެތުރޭތީ ސަމާލުވާން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ހަލުވިކަމާއެކު ފެތުރެމުން ދާކަމަށާއި، އެހެންކަމުން ކުރިއަށް މި އޮތް ބަންދުގައި ދަތުރު ކުރާ ފަރާތްތަކުން މަދިރި ހެފުމުން ރައްކާތެރިވުމަށް ސަމާލުކަން ދިނުން މުހިންމު ކަމަށެވެ.
ގިނަ އަދަދެއްގެ ދިވެހިން ގޮސްއުޅޭ ސްރީލަންކާގައި މާރިޗު 14ގެ ނިޔަލަށް ޗިކުންގުންޔާގެ 173 ކޭސް ފެނިފައިވާކަމަށް އެ ގައުމުގެ ހެލްތް މިނިސްޓްރީން ރިޕޯޓު ކޮށްފައިވެއެވެ. އަދި ތައިލެންޑުގެ އިތުރުން އިންޑިއާގައިވެސް ޗިކުންގުންޔާގެ ކޭސްތައް ދަނީ ފެންނަމުންނެވެ.
އެއާއެކު އެޗްޕީއޭ އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު ތަކެއް އެޅުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން މަދިރި ހެފުމުން ރައްކާތެރި ވުމަށް މަދިރި ލޯޝަން ބޭނުންކުރުމާއި، ވީހާވެސް ބޮޑަކަށް ހަށިގަނޑު ނިވާވާގޮތަށް ފޭރާން ލުން ހިމެނެއެވެ.
އަދި ގޭތެރޭގައި މަދިރިގެ ބޭނުންކުރުމުގެ އިތުރުން މަދިރި ގިނަވާ ވަގުތުތަކުގައި ދޮރާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ޗިކުންގުންޔާ ފެތުރެނީ އީޑީސް ނަމަކަށް ކިޔާ މަދިރިއަކުންނެވެ. ސާފު ފެން ހަރުލާ ކޮންމެ ތަނެއްގައި އީޑީސް މަދިރީގެ ބިސް އާލާވާއިރު، މި މަދިރި އާއްމުކޮށް ހަފަނީ ދުވާލު ގަޑީގައެވެ. އެހެންކަމުން ހުރިހާ ވަގުތެއްގައިވެސް ހާއްސަކޮށް މަދިރިން ރައްކާތެރިވެ ތިބުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.