ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުން ބަންދު ނުކުރަން ހައިކޯޓުން ހުކުމް ކުރުމާ ގުޅިގެން ދައުލަތުން އެ މައްސަލަ އަނެއްކާވެސް ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ އަނަސް މަރާލާފައި ވަނީ ޖުލައި 31، 2017 ގައެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އަނަސްގެ މަރުގެ ދައުވާ 7 މީހެއްގެ މައްޗަށްކޮށްފައެވެ.
އެ ހަތް މީހުންނަކީ މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރައްޒާގް، ސ. ފޭދޫ/ ވެސްޓަންވިލާ ހަސަން މަހްފޫޒް، ޅ. ކުރެންދޫ/ އަސަރުމާގެ އަހުމަދު ޒަޔާން، ތ. ކިނބިދޫ/ ގުލްފާމްގެ މުހައްމަދު ޝާޒް، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ، ލ. ގަން/ނަންނާރިގެ ޖުނައިހު އަބްދުﷲގެ އިތުރުން މ. ދިމިޝްގު އުސްމާން ޝަރީފްއެވެ. މީގެ އިތުރުން ކުޑަކުއްޖަކުވެސް ހިމެނެއެވެ.
ދައުލަތުން އެދުނު ގޮތާ ހިލާފަށް އިސްތިއުނާފްގެ ޝަރީއަތް ނިމެންދެން މި ހަތް މީހުން ބަންދު ނުކުރުމަށް ހައި ކޯޓުން ފުރަތަމަ ނިންމީ މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހުއެވެ. އެގޮތަށް ހައި ކޯޓުން ނިންމާފައި ވަނީ އިސްތިއުނާފް މަރުހަލާގައި މީހަކު ބަންދުކުރަން ޖެހޭ އެއްވެސް ހާލަތެއް އަދި ސަބަބެއް ދައުލަތަށް ދެއްކިފައިނުވާތީ ކަމަށް ބުނެއެވެ.
އެއަށް ފަހު މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރަން ދައުލަތުން ހުށަހެޅީ ހަމަ އެމަހުގެ ފަހުކޮޅުއެވެ. އެހެންވެ، އެ މައްސަލަ ސުޕްރީމް ކޯޓުން ބެލުމަށްފަހު، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ހުކުމް ކުރެއްވީ ހައި ކޯޓުން އެ މީހުން ބަންދު ނުކުރަން ނިންމި ނިންމުމުގައި ބެލި ކަންކަމަކީ ގާނޫނުގައި ބަލަން ބުނެފައިވާ ކަންކަމުގެ ބޭރުން އިތުރަށް ބަލާފައިވާ ކަންކަން ކަމަށެވެ.
އެ މައްސަލައާއި ގުޅިގެން ނިމިދިޔަ މެއި މަހު ހައި ކޯޓުން އަނެއްކާވެސް ނިންމީ ދައުވާލިބޭ މީހުން ޝަރީއަތް ނިމެންދެން ބަންދު ނުކުރުމަށެވެ. އެފަދައިން ނިންމާފައި ވަނީ ދައުވާލިބޭ މީހުން އެ ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް ބުރަވެވޭ ފަދަ ތަފްސީލެއް ދައުލަތެއް ހުށަހަޅާފައިނުވާ ކަމަށް ބުނެއެވެ.
އެއާއެކު ދައުލަތުން ވަނީ ހައި ކޯޓުގެ އެ ނިންމުން އަނެއްކާވެސް ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. މިއަދު އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު، ދައުލަތުން އެދުނީ ހައި ކޯޓުން ނިންމުން ބާތިލްކޮށް އެ މީހުންނަކީ ބަންދުގައި ތިބެންޖެހޭ ފަދަ ހާލަތެއްގައި ތިބި ބައެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.
އަދި އެ ހަތް މީހުންނަކީ ވެސް މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާ ފަދަ ބައެއް ކަން އަންގައިދޭ ލިޔުންތައް ވަކިވަކިން ކޯޓަށް ހުށަހަޅާފައިވާ ކަމަށް ވެސް ދައުލަތުން މިއަދު ބުނެފައި ވެއެވެ.
މިއަދުގެ އަޑުއެހުމުގައި ދެ މީހަކު ވަނީ މައްސަލައިގައި ބުނާނެ އެއްވެސް އެއްޗެއް ނެތް ކަމަށް ބުނެފަ އެވެ. އަދި ތިން މީހަކު ވަކީލަކު ހޯދަން ފުރުސަތަކަށް އެދުނުއިރު، އަނެއް މީހާ ވަނީ ލިޔުންތައް ދިރާސާކުރަން އިތުރު ވަގުތަށް އެދިފަ އެވެ. އެހެންވެ ދައުވާލިބޭ މީހުން ޖަވާބުދާރީވުމަށް އިތުރު އަޑު އެހުމެއް ބާއްވަން ނިންމާ، މިއަދުގެ އަޑުއެހުން ވަނީ ނިންމާލާފައެވެ.