ވިލިމާލެ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް އިމާރާތްކުރުމަށްޓަކައި ލެޓާ އޮފް އެކްސްޗޭންޖު ގައި ސޮއިކޮށްފިއެވެ.
ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ވިލިމާލޭގައި ހެދުމަށް ހަމަޖެހިފައިވާ 112 އެނދުގެ ޖެނެރަލް ހޮސްޕިޓަލް ގާއިމުކުރުމަށްޓަކައި ހިންގުމަށް ހަމަޖެހިފައިވާ "ވިލިމާލެ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް ޕްރޮޖެކްޓް"ގެ ފީސިބިލިޓީ މަރުހަލާ ނިންމުމަށްފަހު، ޑީޓެއިލްޑް ޑިޒައިން މަރުހަލާ ފެށުމަށްޓަކައި ލެޓާ އޮފް އެކްސްޗޭންޖުގައި ސޮއިކޮށްފައިވަނީ މިއަދުއެވެ.
މި ރަސްމިއްޔާތުގައި ޢިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ، ޑރ. އަބްދުﷲ މުއްތަލިބްއެވެ. އަދި، ޗައިނާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކޮންގް ޒިއަންހުއާ އެވެ.
ވިލިމާލޭގައި އަޅަން ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލް އިމާރާތް ކުރުމަށް ވިލިމާލެ ހޮސްޕިޓަލް މިހާރު ހުރި ބިން ހުސްކުރަން ނިންމާފައިވާއިރު، ޗައިނާއިން ހޮސްޕިޓަލުގެ ފީސިބިލިޓީ ހަދަން ހަވާލުކޮށްފައި ވަނީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީއާއެވެ.