އިސްލާމީ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އީދުގެ ހަރަކާތްތައް ރާވައި، ކުރިއަށް ގެންދިއުމަށް ލޯކަލް ގަވަމެންޓް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ޒަމާނުއްސުރެ ދިވެހިންނަކީ ކުލަގަދަކޮށް އީދު ފާހަގަކުރާ ބައެއް ކަމަށާއި އީދު ހަރަކާތުގެ ސަބަބުން ދިވެހިންގެ ތެރޭގައި އެއްބައިވަންތަކަން ވަރަށް ބޮޑަށް އާލާވެ، އިޖުތިމާއީ ގުޅުން ވަރުގަދަވާ ކަމަށެވެ.

އަދި މިކަމުގެ ސަބަބުން އުހުއްވަތްތެރިކަމާއި އެއްބައިވަންތަކަން ވަރަށް ބޮޑަށް އާލާވެ، އިޖުތިމާއީ ގުޅުން ބަދަހިވުމުގެ އިތުރުން ސަގާފަތާއި އާދަކާދަ ތަމްސީލުކޮށްދޭ ކަން ފާހަގަކޮށް އެ މިނިސްޓްރީން ބުނީ، އިސްލާމީ ހަމަތަކުގެ ތެރޭގައި އީދު ފާހަގަކުރުމާއި ކުދިބޮޑު އެންމެން އީދުގެ އުފަލުގައި ބައިވެރިވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ.

"އަދި އިސްލާމީ އުސޫލުތަކާއި ހުދޫދުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުރިހާ ރަށްރަށެއްގައި ވެސް އީދުގެ ކުޅިވަރުތަކާއި ހަރަކާތްތައް ރާވައި، ހިންގުމަކީ ސަރުކާރުން ތަރުހީބުދޭ ކަމެކެވެ." ބަޔާނުގައި ވެއެވެ.

އެހެންކަމުން މި އަހަރުގެ އަޟްހާ އީދު ފާހަގަ ކުރުމުގައި ވެސް އިސްލާމީ ތަރަހައިގެ ތެރޭގައި އިސްލާމްދީނުގައި ހުއްދަ ކުރައްވާފައިވާ ގޮތުގެ މަތިން ރާއްޖޭގެ ހުރިހާ ރައްޔިތުން އަމަލު ކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މިނިސްޓްރީން ވަނީ އީދު ފާހަގަކުރުމުގެ ކަންކަން ކުރިއަށް ދަނީ ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތަކުގެ ތެރެއިންކަން ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުން ވެސް ކަށަވަރުކުރުމަށް އަންގައިފަ އެވެ.

މި އަހަރުގެ ބޮޑު އީދު ދުވަސް ދިމާވަނީ އަންނަ ހުކުރު ދުވަހާ އެވެ. ކަލަންޑަރުގައި ބަންދު ކަމަށް ކަނޑައަޅާފައިވާ ދުވަސްތައް ފިޔަވައި އިތުރު ދުވަހެއް އީދާ ގުޅިގެން ބަންދު ނުކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.