ފަލަސްތީނުގެ ގާޒާގެ ޖަބަލިއާގައި ދިރިއުޅުމުން ދިޔަ އުމުރުން 44 އަހަރުގެ ވިޝުއަލް އާޓިސްޓް މުހައްމަދު އަލްމަދޫން ތައްޔާރުވަމުން ދިޔައީ އަޔަލޭންޑުގައި އޮތް އާޓް ރެޒިޑެންސީ އަކަށް ދިއުމަށެވެ. އޭނާގެ ފްލައިޓް އޮތީ އޮކްޓޯބަރު 7، 2022 ވަނަ ދުވަހުއެވެ. އެހެންނަމަވެސް އެ ދުވަސްވެގެން ދިޔައީ ފަލަސްތީނުގެ އިތުރުން މުޅި އިސްލާމީ އުއްމަތަށްވެސް ހިތާމަވެރި ދުވަހަކަށެވެ.

ހައްދުފަހަނަޅާފައިވާ އިޒްރޭލު ސިފައިން ގާޒާއަށް ދޭން ފެށި ހަމަލާތަކާއެކު މުހައްމަދު އަލްމަދޫން ޖަބަލިއާގައި ތާށިވީއެވެ. މުހައްމަދު އަލްމަދޫން ގާޒާއިން ނުކުންނަން މަސައްކަތް ކުރަމުން އަންނަތާ މަސްތަކެއްވެއްޖެއެވެ. އެހެންނަމަވެސް މިސްރަށް އެތެރެވުމަށް ނަގާ ފީ ބޮޑުވުމާއެކު ބޯޑަރު ހުރަސްކޮށް އެ ބިރުވެރިކަމުން ސަލާމަތްވެވޭނެ އެއްވެސް އަލި މަގެއް އޭނާއަކަށް ނުފެނެއެވެ. ބޯހިޔާވަހިކަން ގެއްލި ދިރިއުޅުމަށް ދެކެމުން އައި ފޮނި އުއްމީދުތައް ގެއްލިފައިވާ މުހައްމަދު އަލްމަދޫން މިހާރު ދިރިއުޅެނީ ފަލަސްތީނުގެ އެހެން ރައްޔިތުންނާއެކު ކުޑަކުޑަ ކްލާސްރޫމެއްގެ ކަނެއްގައެވެ.

އެތަނުގެ ދިރިއުޅުމުގެ ހާލަތުގެ ސަބަބުން ސިއްހީ މައްސަލަތައް ކުރިމަތިވަމުން އަންނަކަން ފާހަގަކޮށް މުހައްމަދު އަލްމަދޫން ބުނީ މީގެ މަހެއްހާ ދުވަސް ކުރިން އޭނާއަށް ފިނިގަދަވުމުގެ ސަބަބުން އޭނާގެ ފުއްޕާމޭގައި އިންފެކްޝަން ހެދުނު ކަމަށެވެ. ބޮން ގޮއްވުމުގެ ސަބަބުން ކުޑަދޮރުތައް ހުޅުވާފައި ބެހެއްޓުން ނޫން އިތުރު ގޮތެއް ނެތްކަމަށް މުހައްމަދު އަލްމަދޫން ބުންޏެވެ. ފާއިތުވި 7 މަސް ދުވަހު އިޒްރޭލުގެ ވައިގެ ހަމަލާތަކުގެ އަޑު އެއްގޮތަކަށްވެސް ކެނޑިގެން ނުދާކަން ފާހަގަކޮށް މުހައްމަދު އަލްމަދޫން ބުނީ މި ހަފްތާގެ ކުރީކޮޅު އިޒްރޭލުން އިރުމަތީ ރަފާއަށް ދޭން ފެށި ހަމަލާތަކާއެކު އެ އަޑު އިތުރަށް ގަދަވެފައިވާކަމަށެވެ. "މިތަނުގައި އަހަރެމެންގެ ދިރިއުޅުމަކީ އެއްވެސް އިންސާނިއްޔަތުކަމެއް ނެތް ޖަހަންނަމެއް ފަދަ ތަނެއް" މުހައްމަދު އަލްމަދޫން ބުންޏެވެ.

މި ހުރިހާ ހިތްދަތިކަމާއެކުވެސް މުހައްމަދު އަލްމަދޫން ވަނީ އޭނާގެ ފަންނުވެރިކަން ދޫކޮށް ނުލުމަށް އަޒުމު ކަނޑައަޅާފައެވެ. އެއްވެސް ދިރިމެއް އުއްމީދެއް ނެތް ތަނެއްގައި މިހާރު މުހައްމަދު އަލްމަދޫން ކުރާ މަސައްކަތަކީ އޭނާ ހިޔާވަހިކަން ހޯދަމުން އަންނަ ސްކޫލުގެ ކުދިންނަށް މީރަލް ޕެއިންޓިން ދަސްކޮށްދިނުމެވެ. އެ މަސައްކަތްކުރަމުން ދަނީ އޭނާއަށް ލިބޭ މަދު ވަސީލަތްތަކާއި ކުލަ ކޮތަޅުތަކެއް ބޭނުންކޮށްގެންނެވެ. ކުޑަކުދިންނަށް އާޓް ކްލާސްތައް ކިޔަވައިދިނުމުގެ އިތުރުން ލަނކުޑިތައް އެއްކޮށް އެތަނުން ލިބެން ހުރި މަސްހުސްކުރި ދަޅު ބޭނުންކޮށްގެން ދެލި އުފެއްދުމެއެވެ. މުހައްމަދު އަލްމަދޫން ދެކޭ ގޮތުގައި ޒަރޫރަތަކީ އީޖާދީގެ މަންމައެވެ. މި ވަގުތު އޭނާއަށް އިތުރު އެއްވެސް ގޮތެއް ނެތް ނަމަވެސް މުހައްމަދު އަލްމަދޫން އަދިވެސް އުއްމީދު ދޫކޮށް ނުލައެވެ.