ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ދިވެހިރާއްޖެ އަކީވެސް ކިޔައިވެގެން ސެޓްފިކެޓް އޮތަސް ވަޒީފާގެ ޔަގީންކަން މިހާރު އޮތް ގައުމެއް ނޫނެވެ. މަދަރުސީ ތައުލީމު ނިންމާ ކޮންމެ އަހަރަކު 7000 – 8000 ދަރިވަރުން 'އޭ' ފާހާ އެކު ނިކުންނަ މި ގައުމުގައި މި މައްސަލަ ފެންމަތިވާން ފަށާފައި ވަނީ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގެ ދުވަސްވަރުއެވެ.

ވެރިކަން ދެމެހެއްޓުމުގެ ބޭނުމުގަ އާއި ކެމްޕެއިންގެ ތެރޭގައި 'ހަމަޖައްސައިދޭނެ' ކަމަށް ބުނެވިފައި އޮތުމުން ދޭން ފެށި ވަޒީފާތައް ޖެހިގެން އައި އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރުގައި އިންތިހާ އަށް ދިޔައީ އިތުރުވެގެންނެވެ.

ފެނަކަ އާއި އެމްޓީސީސީ އަދި އެމްޕީއެލް ފަދަ ކުންފުނިތަކަށް ނުކަތާ ވަރަށް މުވައްޒަފުން ނެގިއެވެ. އެ މުވައްޒަފުންގެ ތެރެއިން 90 ޕަސެންޓަކީ ކޮންމެވެސް ސިޔާސީ ގުޅުމެއްގެ ތެރެއިން ދީފައި ހުރި ވަޒީފާތަކެވެ. ކިޔަވައިގެން 5-6 މާއްދާއިން 'އޭ' ހިފައިގެން ނިކުންނަ ކުދިން ބާކީ ވެ މަގުމަތިވަމުން ދިޔުމުގެ ސަގާފަތް އަދިވެސް ދަނީ ކުރިއަށެވެ.

ހިނގަމުން މިދާ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ވެސް އިއުލާން ކުރާ ވަޒީފާއަށް ކުރިމަތިލާ ސްކޫލު ނިންމާ ކުދިންނަށް ވުރެ އިސްކަން ލިބެނީ ސިޔާސީ ގޮތުން ކޮންމެވެސް އެއް ނުފޫޒަކާ ގުޅިފައި އޮންނަ ފަރާތްތަކަށެވެ.

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އާންމުކޮށް އިއުލާން ކުރި އެތައް ވަޒީފާއަކަށް 'އޭ' ފާހުގައި ފާސް ވި އެތައް ކުދިންނެއް ކުރިމަތި ލި އިރު އިންޓަވިއު އަށް ވެސް ކިޔާލާފައި ނުވާކަން ބައެއް ކުދިންގެ ފަރާތުން އެނގިފައި ވެއެވެ.

"ނަމަވެސް މި ސަރުކާރުގައި ބައެއް ތަންތަންނުން އިންޓަވިއު އަށް އެބަ ގުޅާ, ވަރަށް ރަނގަޅޭ, ގުޅާނަމޭ ވެސް ބުނޭ, ނަމަވެސް ހަބަރެއް ނުވެގެން ބަލާ އިރު އޮންނަނީ ވަޒީފާ ދީފައި"
ޒުވާނެއް

އެހެން ދަރިވަރަކު ބުނީ, އޭނާ ސްކޫލު ނިންމީ 2021 ގައި ކަމަށާއި މިވީ މުއްދަތުގެ ތެރޭގައި ސަރުކާރުގެ އެކިއެކި ކުންފުނިތަކަށާއި އަދި ސިވިލް ސާވިސްގެ ވަޒީފާތަކަށް ކުރިމަތި ލި ކަމަށެވެ. ކޮންމެ ފަހަރަކު ހުރިހާ ސެޓްފިކެޓްތަކާއި ޕޮލިސް ރިޕޯޓާއި އެހެންގޮސް ރިފަރެންސް ސިޓީތަކުގެ ކޮޕީ ހެދުނު އަދަދު ނޭނގޭކަމަށް ބުނި ކުދިންވެސް އެބަ ތިއްބެއެވެ.

"ވަރުބަލި ވެއްޖެ, ވަޒީފާއެއް ނުދޭ" އޭނާ ބުންޏެވެ.

ކިޔަވައިގެން ތިއްބަސް ވަޒީފާ ނުލިބޭ އަސްލު ސަބަބަށް ބަލާއިރު, އެކަން ހިނގަނީ މުޅިން ސިޔާސީ ކަމެއްގެ ގޮތުގައެވެ. ނިމިދިޔަ އިބޫގެ ސަރުކާރާއި ހިނގަމުން މިދާ ސަރުކާރުގައި ސިޔާސީ މަގާމުތައް ދީފައި ތިބި އެތައް ސަތޭކަ ކުދިން ނުވަތަ މީހުންނަކީ އެކިއެކި ކުންފުނިތަކާއި ސިވިލްސާވިސްގައި ރަނގަޅު ވަޒީފާތަކުގައި ތިބެފައި ބަދަލުވި މީހުންނެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ވާހަކައިން ސާފުވީ އެމީހުން އެ ވަޒީފާތައް ދޫކޮށްލައި ސިޔާސީ ވަޒީފާއަށް ބަދަލުވަނީ ހުރި ވަޒީފާއަށް ވުރެ އިތުރަށް 5000-6000 ރުފިޔާ ލިބޭތީ އާއި އާންމު ދިރިއުޅުމުގެ ހަރަދުތައް ފޫބައްދަން ޖެހޭތީ ކަމަށެވެ. އެހެން ބައެއް ކުދިން [މީހުން] ބުނީ އެމީހުން އިބޫ ސަރުކާރުގައި ވެސް އަދި މުއިއްޒު ސަރުކާރުގައި ވެސް ދާއިރާގެ އެމްޕީ ހޮވައިދޭން މަސައްކަތް ކުރާ ކަމަށާއި އެމަސައްކަތުގެ ޝަރުތަކީ ވަޒީފާއެއް ކަމަށެވެ. އެހެން ބައެއް ކުދިން ބުނީ, ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އާރުކާޓީގައި ބޭބެ, ދައްތަ, ނުވަތަ އަންކަލް މަސައްކަތް ކުރާ ކަމަށާއި ވަޒީފާ ހަމަޖެހެނީ އެމަގުން ކަމަށެވެ.

ރާއްޖޭގެ އިތުރުން މި ސަރަހައްދުން ލަންކާ, ނޭޕާލް, ބޫޓާން ފަދަ ގައުމުތަކަކީވެސް ވަޒީފާ ނުލިބުމުގެ މައްސަލަތައް ބޮޑެތި ގައުމުތަކެވެ. ބަންގްލަދޭޝް ވެސް އެލިސްޓުގައި ހިމެނޭ އިތު އާބާދީ އެންމެ ބޮޑު އިންޑިއާގައި ވަޒީފާ ނުލިބޭ ޒުވާނުންގެ ދެބައިކުޅަ އެއްބަޔަކީ ޑިގްރީ ހޯލްޑަރުންނެވެ. އަދި ތިންބައިކުޅަ ދެބަޔަކީ ރަނގަޅަށް ތައުލީމު އުނގެނިގެން ތިބި ޒުވާނުންނެވެ.

ރިޕޯޓުތައް ބުނާގޮތުން, އެފަދަ މީހުންނަށް ވަޒީފާއެއް ނުލިބި އާމްދަނީ އެއް ލިބޭނެ މަސައްކަތެއް ނުކުރެވި އަތް އުރާލައިގެން ތިބެން ޖެހިފައި ވާއިރު އާންމު ދަނޑިވެރިއަކަށް މަހެއްގެ މައްޗަށް ލިބޭ ވަރުގެ އާމްދަނީއެއް ވެސް އެމީހުނަށް ނުލިބެއެވެ.

ޑިގްރީ ހަދައިގެން ބައެއް މީހުން މަގުމަތީގައި ސައި ވިއްކަން ތިބޭއިރު އެނެއް ބަޔަކު ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރެއެވެ.

އެފަދަ އެކަކީ މަހާރާޝްތުރައަށް ނިސްބަތްވާ އުމުރުން މިހާރު 42 އަހަރުވެފައި ވާ ޝިވަނާންދް ސަވާލޭއެވެ. އޭނާ އަކީ ސައިންސްގެ ދާއިރާއިން މާސްޓާސް އަދި ކިޔަވައިދިނުގެ ދާއިރާއިން ޑިޕްލޮމާއެއް އޮތް މީހަކެވެ. އަދާކުރާނެ ވަޒީފާއެއް ނުލިބި މިހާރު ބައްޕަގެ ދަނޑުގައި މަސައްކަތް ކުރާ އިރު އާމްދަނީ އަށް ދުވާލެއްގެ މައްޗަށް 5 ޑޮލަރު ނުލިބެއެވެ.

އިންޑިއާގައި އަންއެމްޕްލޯއިމަންޓް ރޭޓު ހުރި 7.6 ޕަސެންޓުގައެވެ. ރާއްޖޭގައި ހުރީ 5 ޕަސެންޓުން މަތީގައެވެ. ލަންކާގައި 11 ޕަސެންޓު ހުރި އިރު ބަންގްލަދޭޝްގައި ވެސް ވަނީ 5 ޕަސެންޓަށް އަރާފައެވެ. ނޭޕާލްގައި 11 ޕަސެންޓަށް އަރާ އިރު ބޫޓާންގައި 6 ޕަސެންޓަށް އަރައެވެ.

ސަވާލޭ ބުނީ, ކިޔެވުމުގެ ބޭނުމާ މެދު ސުވާލު އުފެދޭ މިންވަރަށް ހާލަތު ދަށަށް ގޮސްފައި ވާ ކަމަށާއި ކަންމަތީ ކަޑަގަނޑެއް ހިންގާ މީހާވެސް, ކިޔަވައިގެން ތިބޭ މީހުންނަށް ވުރެ ރަނގަޅު އާމްދަނީއެއް ހޯދާ ކަމަށެވެ.

"ނަމަވެސް ކަންމަތީ ކަޑައެއްވެސް ހެދޭނީ އަތަށް ލާރިއެއް އަރައިގެންތާ, އެއްވެސް ތާކުން ވަޒީފާއެއް ނުދޭ, ދަނޑުން ލިބެނީ ދުވާލަކު 5 ޑޮލަރު, އާއިލާއާއި މައިންބަފައިން ބަލަހައްޓާނީ ކިހިނެއް" ސަވާލޭ ބުނެއެވެ.

އިންޑިއާގައި މިދުވަސްވަރަކީ އާންމު އިންތިހާބުގެ ވޯޓު ކުރިއަށް ދާ ދުވަސް ވަރެވެ. ވެރިކަން ކުރާ ބީޖޭޕީ އާއި އިދިކޮޅު ކޮންގްރެސް އިން އާންމުންނާ ހަމައަށް ގެނެސްދޭ އެއް ވައުދަކީ ވަޒީފާގެ ޔަގީން ކަމެވެ. ނަމަވެސް ކޮންގްރެސް އިން ބުނަމުން ދަނީ ބީޖޭޕީގެ 11 އަހަރުގެ ވެރިކަމުގައި އިންޑިއާގައި އުފެއްދުނު އިތުރު ވަޒީފާއެއް ނެތް ކަމަށާއި ވަޒީފާގެ ބާޒާރު ތާށިވެ އެތައް ބަޔަކު ދަނީ މަގުމަތިވަމުން ކަމަށެވެ. އެހެން ކަމުން ވަޒީފާގެ ބާޒާރު ތިޔާގި ގޮތް އެތައް ލައްކަ މިލިއަނަރުން އުފައްދާނެ ޕާޓީ އަކީ ކޮންގްރެސް ކަމަށެވެ.

އެންމެ އާބާދީ ބޮޑު އިންޑިއާގައި ވަޒީފާއަށް ޖެހިފައި ވާ އިރު ގައުމުން ބޭރުގައި ވަޒީފާ އަދާ ކުރާ މީހުންގެ ނިސްބަތަށް ބަލާ އިރު އެއްގައުމަކުން އެންމެ ގިނަ ބަޔަކު ވަޒީފާ އަދާކުރާ ގައުމަކީ އިންޑިއާ އެވެ. އދ އިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ގައުމުން ބޭރުގައި ވަޒީފާ އަދާ ކުރާމީހުން ގައުމަށް ފޮނުވާ ފައިސާގެ ނިސްބަތަށް ބަލާ އިރު އެންމެ ބޮޑު އަދަދެއް ފޮނުވަނީ އިންޑިއާގެ ރައްޔިތުންނެވެ. އެގޮތުން ނިމިދިޔަ އަހަރު އެކަނިވެސް 100 ބިލިއަން އެމެރިކާ ޑޮލަރު އިންޑިއާއަށް ފޮނުވާފައި ވާ ކަމަށް ބުނެއެވެ. ދެވަނަ އަށް އެންމެ ގިނައީ ޕާކިސްތާނެވެ. އިންޑިއާ އާއި ޕާކިސްތާންގެ ރައްޔިތުން އެންމެ ގިނައިން ވަޒީފާ އަދާކުރަނީ މެދުއިރުމަތީގެ ގައުމުތަކުގައެވެ. މެދުއިރުމަތިން ލިބޭ މުސާރަ ރަނގަޅު ވުމަކީ އެ ގައުމުތަކުގެ ރައްޔިތުން އެތަންތަން އިހުތިޔާރު ކުރާ އެއް ސަބަބެވެ. ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންނަށް ބަލާއިރު އެންމެ ގިނައީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. އެމީހުންގެ އާބާދީ 200,000 އާ ކައިރި ކުރާ އިރު ރާއްޖޭގެ އާދައިގެ ވަޒީފާތަކާއި އާންމު ބާޒާރުގެ ކޮންޓްރޯލް މިހާރު ނަގާފައި ވަނީ ބަންގާޅީންނެވެ. ދަނޑު ގޮވާން ކުރުމާއި, ރުކުއެޅުމާއި, އަނބު ބިނުމުން ފެށިގެން ގޮސް, ބާޒާރުގެ ގޮޅިތަކާއި ރަށުތެރޭގެ އެކިއެކި ފިހާރަތައް ވެސް އޮޕްރޭޓް ކުރަނީ އެމީހުންނެވެ. ބަންގްލަދޭޝް ގެ ބޭންކުތަކުގެ ރިޕޯޓުތަކަށް ބަލާއިރު ހުސްވި އޭޕްރީލް މަހު އެކަނިވެސް ރެމިޓޭންސްގެ ގޮތުގައި އެގައުމަށް 2 ބިލިއަން ޑޮލަރު ވައްދާފައި ވެއެވެ. މިއީ ގައުމުން ބޭރުގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ރައްޔިތުން އެގައުމަށް ފޮނުވާ ފައިސާއެވެ.