އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓް އޮފް ދަ ޖަސްޓިސް (އައިސީޖޭ) އަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަށް ދިވެހި ސަރުކާރުން ތާއީދު ކޮށްފިއެވެ.
ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރަފާ ގައި ހިމާޔަތް ހޯދަމުންދާ ފަލަސްތީނުގެ އެތައް ހާސް އާންމުން ވަގުތުން ބޭރުކުރުމަށް އިޒްރޭލުން އަންގަމުން ދިއުމަކީ، އިޒްރޭލާ ދެކޮޅަށް ސައުތު އެފްރިކާއިން ހުށައަޅާފައިވާ "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް އިން ދަ ޣައްޒާ ސްޓްރިޕް" މައްސަލައިގައި އައިސީޖޭ އިން އަންގާފައިވާ ވަގުތީ ފިޔަވަޅުތަކަށް އިޒްރޭލުން އަމަލުނުކުރާކަމުގެ ހެއްކެއް ކަމަށެވެ.
މިއާއެކު މެދުކެނޑުމެއްނެތި ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ އަނިޔާތަކަށް ނިމުމެއް ގެނެސް، ދާއިމީ ހައްލެއް ހޯދައިދިނުމަށް ދިވެހި ސަރުކާރުން ސާބިތުކަމާއެކު މަސައްކަތް ކުރަމުން ގެންދާނެކަމަށްވެސް ވަނީ ބުނެފައެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އިޒްރޭލްގެ އަސްކަރީ ބާރުން ދެމުންދާ ހަމަލާތަކުގައި ޣައްޒާ ނެތިގެންދާ ތަން ބަލަން ބައިނަލްއަގްވާމީ މުޖުތަމައު ނޯންނާނެ ކަމަށާއި މިކަން ހުއްޓުވުމަށް ބައިނަލްއަގްވާމީ ގާނޫނަށް އަމަލު ކުރުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ. އަދި އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން ވެސް މިކަމުގައި ފިޔަވަޅު އަޅަންވީ ވަގުތު މިއީ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް އިތުރަށް ވިދާޅުވީ 1967 ވަނަ އަހަރުގެ ބޯޑަރާ އެއްގޮތަށް މިނިވަން ދައުލަތެއް ހޯދުމަށް ފަލަސްތީނުގެ ރައްޔިތުންގެ ކުރަމުންދާ މަސައްކަތުގައި ދިވެހިން އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނާ އެކު ދެމިތިބޭނެ ކަމަށާއި މިކަމުގައި ފަލަސްތީނުގެ ރައްޔިތުންނަށް ރާއްޖޭން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
އިޒްރޭލުން ފަލަސްތީނަށް ހަމަލާ ދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާގެ ބަދަލުގައެވެ. މި ހަމަލާތަކުގައި ފަލަސްތީނުގެ 34،700 މީހަކު ވަނީ މިހާތަނަށް ޝަހީދު ކޮށްލާފައެވެ.