އދ ގެ ދާއިމީ މެންބަރުކަން ފަލަސްތީނަށް ދޭން އާންމު މަޖިލީހުން ދާދި ދެންމެ ފާސްކޮށްފިއެވެ.
އާންމު މަޖިލީހުން މިގޮތަށް ފާސްކުރި ނަމަވެސް ފަލަސްތީނަށް ދާއިމީ މެންބަރަކަށް ވެވޭވީ, އެ މަޖިލީހުގައި އެކަށައަޅާފައި އޮންނަ ސެކިއުރިޓީ ކައުންސިލުން ފާސް ވެގެންނެވެ. އެކަންއުންސިލްގައި އެމެރިކާ ހިމެނޭ އިރު, ފަލަސްތީނަށް ދާއިމީ މެންބަރުކަން ދޭން އެމެރިކާ ދެކޮޅުކަން މީގެ ކުރިން ހާމަ ކޮށްފައި ވެއެވެ.
193 މެންބަރުން ތިބޭ އދ ގެ އާންމު މަޖިލީހުން ފަލަސްތީނަށް ދާއިމީ މެންބަރުކަން ދޭން ފާސް ވުމަކީ ފަލަސްތީނުން އެ މީހުންގެ ހައްގުތައް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި ލިބިގެން ދިޔަ ބޮޑު ކާމިޔާބީއެކެވެ.
1948 އިން ފެށިގެން އދ ގައި އޮބްޒާވަރެއްގެ ގޮތުގައި އިނުން ފިޔަވައި ފަލަސްތީނަށް މެންބަރަކަށް ލިބޭ އެއްވެސް އިމްތިޔާޒެއް ނުލިބި ވަކާލާތު ކުރަމުން އައިސްފައިވަނީ އިޒްރޭލު ދައުލަތެއްގެ ގޮތުގައި އދ އިން ބަލައިގަންފައި ވާ ގޮތަށް ފަލަސްތީނަކީވެސް ދައުލަތެއްގެ ގޮތުގައި ބަލައި ގަތުމަށެވެ. ނަމަވެސް އޭރުވެސް އެކަން ނުވީ އެމެރިކާ އާއި ސެކިއުރިޓީ ކައުންސިލްގައި ތިބޭ ނުފޫޒުގަދަ ގައުމުތަކުގެ ސަބަބުންނެވެ. އެލިސްޓުގައި އޭރު ޗައިނާ އާއި ރަޝިއާ ހިމެނުނު ނަމަވެސް މި ފަހުން ޗައިނާ އާއި ރަޝިއާ ވަކާލާތު ކުރަމުން އައިސްފައި ވަނީ ފަލަސްތީނަކީ ދައުލަތަކަށް ހަދަން ޖެހޭ ކަމަށެވެ.
ފަލަސްތީނަކީ ދައުލަތެއް ކަމަށް ބަލައިގަތުމަށް އެދި ހުސްވި މަހުގައި ކުރިއަށް ދިޔަ ބަހުސްއަށް ފަހު އައި ވޯޓުގައި ވެސް ވީޓޯ ކުރީ އެމެރިކާ އެވެ.
މިއަދު ނެގި ވޯޓުގައި ފަލަސްތީނަށް މެންބަރުކަން ދޭން 143 ގައުމަކުން ތައީދު ކުރި އިރު އެމެރިކާ އާއި އިޒްރޭލު ހިމެނޭހެން 9 ގައުމަކުން ވަނީ އެކަމަށް ދެކޮޅު ހަދާ ނޫނެކޭ ބުނެފައެވެ. އަދި ވަކި ކޮޅަކަށް ވޯޓު ނުލައި 25 މެންބަރުން ތިއްބެވެ.
ވޯޓުގެ ކުރިން އދ މަޖިލީހުގައި ވާހަކަ ދައްކަވަމުން ފަލަސްތީނުގެ މަންދޫބު ރިޔާދު މަންސޫރު ވިދާޅުވީ, ފަލަސްތީނަށް އާނއެކޭ ބުނެ ވޯޓު ދިނުމަކީ އެ ގައުތަކުން ސުލްހައާއި މިނިވަން ކަމާއި އިންސާފަށް ދޭ ވޯޓެއް ކަމަށާއި އެކަމަށް ގައުމުތަކުން ފަހުރުވެރިވާނެ ކަމަށެވެ.
މިއަދުގެ ވޯޓާއެކު ފަލަސްތީނަށް ދައުލަތަކަށް ވުމަށް މަގު ފަހިވެގެން ދިޔަ އިރު މިއަދުގެ ގަރާރުގައި ވަނީ ދާއިމީ މެންބަރުކަން ގަބޫލު ކުރުމަށް ސެކިއުރިޓީ ކައުންސިލަށް ހުށަހެޅުމަށާއި މީގެ ކުރިން އެކައުންސިލުން ބޮލާލައި ޖަހާ ބޭރުކޮށްލި ކޮށްލުން އަނބުރާ އިއާދަ ކުރުމަށް އެދުމަށެވެ.
އާންމު މަޖިލީހުގެ ނިންމުމާއެކު އަންނަ ސެޕްޓެމްބަރުން ފެށިގެން ދާއިމީ މަންދޫބުންނާއެކު އދ ގެ މަޖިލީހުގެ ތަޅުމުގައި ފަލަސްތީން ތަމްސީލު ކުރަން ގޮނޑިއެއް ހުންނާނެއެވެ. ވޯޓުގައި ބައިވެރި ނުވެވުނު ނަމަވެސް އެހެން މެންބަރުންނާއެކު ތަޅުމުގައި އިނދެވުމަކީ މިއަދުގެ ނިންމުމާއެކު ފަލަސްތީނަށް ލިބިގެންދާނެ އިތުރު ހުއްދައަކާއި ދަރަޖައެކެވެ.