ރާއްޖޭގެ އިގްތިސޯދަށް އޮތް ގޮންޖެހުން ބޮޑުވާނެ ކަމަށާއި ދަރަނީގެ ނުރައްކާ ބޮޑުވެދާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.
ވޯލްޑް ބޭންކުން މިހެން ބުނީ، އަހަރަކު ދެ ފަހަރު އެ ބޭންކުން ނެރޭ އަޕްޑޭޓްގައެވެ. އެ ބޭންކުން ބުނީ، މި އަހަރު ރާއްޖޭގެ އިގްތިސޯދަށް 4.7 ޕަސެންޓްގެ ކުރިއެރުމެއް ލިބޭނެ ކަމަށް ލަފާ ކުރެވޭ އިރު، މިއީ ކުރިން އަންދާޒާ ކުރި މިންވަރަށް ވުރެ ދަށް ކުރި އެރުމެއް ކަމަށެވެ. ބޭރުގެ އަދި މާލީ ނާޒުކުކަމުގެ ސަބަބުން ނުރައްކާތައް ކުރިމަތިވެދާނެ ކަމަށާއި ފިސްކަލް ރިފޯމްތަކަށް އަމަލު ނުކޮށްފި ނަމަ ދަރަނީގެ ނުރައްކާ ބޮޑުވެދާނެ ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.
ހަމައެއާއެކު ފަތުރުވެރިކަމާއި އެހެނިހެން ބޮޑެތި ސިނާއަތްތަކަށް ހީނަރުކަމެއް އައިސްފައިވާ ކަމަށް އެ ރިޕޯޓްގައި ބުނެއެވެ. މިއަހަރު ތެރޭ ރާއްޖެއަށް ޓޫރިސްޓުން އަންނަ މިންވަރު އިތުރުވި ނަމަވެސް، ކޮންމެ ޓޫރިސްޓަކަށް ކުރާ ހޭދަ ކުޑަވުމާއި، މަޑުކުރާ މުއްދަތު ކުޑަވުމަކީ މުޅި ޖީޑީޕީއަށް ކުރާ ހެޔޮ އަސަރުތައް ކުޑަވާނެ ކަމެއް ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.
މީގެ އިތުރުން ސަރުކާރުން ސަބްސިޑީ އިސްލާހު ކުރުމުގެ ސަބަބުން ގޭބިސީތަކަށް ލިބޭ ހަގީގީ އާމްދަނީއަށް އަސަރުކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެއެވެ. އެކަމުގެ ސަބަބުން ސަރުކާރުގެ ހަރަދާއި އިންވެސްޓްމަންޓްތައް ދަށްވާނެ ކަމަށް ވެސް ވަނީ ލަފާ ކޮށްފައެވެ.
މި އަހަރުގެ އިގްތިސޯދަށް އޮތް ގޮންޖެހުން ބޮޑު ކަމަށް އެ ބޭންކުން ބުނާ އިރު، މިދިޔަ އަހަރު އެ ބޭންކުން ވަނީ ދައުލަތުގެ ދަރަނި ބޮޑުވެދާނެ ކަމަށް އިންޒާރުދީފައެވެ. އެ ގޮތުން ދައުލަތުގެ ދަރަނި ހުންނާނީ 8 ބިލިއަންގައި ކަމަށް އޭރު އެ ބޭންކުން ލަފާކޮށްފައިވާ އިރު އެއީ މިދިޔަ އަހަރު ޖީޑީޕީގެ 122.9 ޕަސެންޓާ އެއްވަރުގެ އަދަދެކެވެ.
މި އަހަރާއި އަންނަ އަހަރު އެވްރެޖްކޮށް އަހަރަކު ދަރަނި އަދާކުރުމަށް ބޭނުންވާ މިންވަރު ކަމަށް އެ ރިޕޯޓުގައި ބުނެފައި ވަނީ، 512 މިލިއަން ޑޮލަރަށް އެ އަދަދު އަރާނެ ކަމަށެވެ. ހަމައެއާއެކު 2026 ވަނަ އަހަރު އެ އަދަދު 1.07 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ބޭންކުން ބުނެއެވެ.
ފިސްކަލް ރިފޯމްތަކާ ނުލައި ބޭރުގެ އަގުބޮޑު ދަރަންޏަށް ބަރޯސާވުމަކީ އިގްތިސޯދީ ހަމަޖެހުމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ވޯލްޑް ބޭންކުން ފާހަގަ ކުރެއެވެ.
މި ރިޕޯޓުގައި ވަނީ ސަރުކާރުން ދާދި ފަހުން އިއުލާނުކޮށްފައިވާ ފިސްކަލް ރިފޯމް އެޖެންޑާ ތަންފީޒުކުރަން ޖެހޭ ކަމަށާއި، އެކަން ކާމިޔާބުކަމާއެކު ތަންފީޒު ކުރުމަށް ޓަކައި ރާއްޖޭގެ އެންމެހާ ރައްޔިތުންނާ އެކު ސާފު މުއާމަލާތްތަކެއް ކުރުން ހިމެނޭ ކަމަށެވެ. މި ރިޕޯޓުގައި ލަފާދީފައި ވަނީ ވެލްފެއާގައި ނުރައްކަލަށް ހުށަހެޅޭ ފަރާތްތަކަށް ލިބޭ ގެއްލުމުގެ ބަދަލު ދިނުމާއި، މާލީ ގޮތުން ހަރުކަށި ކުރުމުގެ ސަބަބުން ކުރިމަތިވާ ތަފާތުކުރުންތައް ހައްލުކޮށް، ހާއްސަކޮށް މާލެ ސަރަހައްދުގެ ރަށްރަށާއި އަތޮޅުތަކުގެ މެދުގައި އުފެދިފައިވާ ތަފާތުކުރުން ނައްތާލެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށެވެ.