މަޝްހޫރު ގޭމް ސީރީޒް ޖީޓީއޭގެ "ވައިސް ސިޓީ" ގެ މަގުތައް ދޫކޮށްލުމަށްފަހު، ޖޭސަން މިއަހަރުގެ "އުރީދޫ ފަން ރަން" ގައި ހިމެނިއްޖެއެވެ.
ޖޭސަންއަކީ ދުނިޔޭގެ އެންމެ މަޝްހޫރު ވީޑިއޯ ގޭމް ސީރީޒް ކަމަށްވާ ގްރޭންޑް ތެފްޓް އޮޓޯ (ޖީޓީއޭ)ގެ އެންމެ ފަހުގެ ގޭމް، ޖީޓީއޭ 6 ގެ މައިގަނޑު އެއް ކެރެކްޓަރެވެ.
އުރީދޫގެ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ގޭމްގެ ހިޔާލީ ސިޓީ ކަމަށްވާ "ވައިސް ސިޓީ" ގެ މަގުތައް ދޫކޮށްލުމަށްފަހު، ޖޭސަންވެސް މިހާރު އުރީދޫ ފަން ރަންގައި ބައިވެރިވާން ތައްޔާރުވެފައިވާ ކަމަށެވެ.
މިއީ ޒުވާނުންނާއި ގޭމް ކުޅޭ ފަރާތްތަކުގެ މެދުގައި މަގުބޫލު ޓްރެންޑަކާ ގުޅުވައިގެން، ފޯނާއި ކޮމްޕިއުޓަރު ސްކްރީންތަކާ ދުރަށް ގޮސް، އަސްލު ދުނިޔޭގައި މަޖާކޮށްލުމަށް ދީފައިވާ ހާއްސަ ދައުވަތެކެވެ.
"ދަ ހެޕިއެސްޓް ރަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި އުރީދޫއިން ބާއްވާ މި ކުލަގަދަ ދުވުން އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ހުޅުމާލޭގައެވެ.
5 ކިލޯމީޓަރުގެ މި ދުވުމަކީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، އުމުރުން 6 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ދުވެފައި، ހިނގާފައި، ނުވަތަ ނަށަމުންވެސް މި ދުވުން ނިންމާލުމުގެ ފުރުސަތު އޮވެއެވެ.
ދުވުމުގެ ކޮންމެ ކިލޯމީޓަރެއްގައި ކުލަ ޖެހުމާއި، ފެން ސްޓޭޝަންތަކުގެ އިތުރުން މަޖާ އޮބްސްޓެކަލްތައް ހުންނާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.
މީގެ އިތުރުން، ދުވުމުގެ ކުރީ ދުވަސް ކަމަށްވާ ޑިސެމްބަރު 10 ވަނަ ދުވަހު ހަވީރު ކުޑަކުދިންގެ ހަވީރަކާއި، އެރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ ހާއްސަ މިއުޒިކް ޝޯވއެއް ވެސް ވަނީ ތާވަލުކޮށްފައެވެ.
މި ޝޯގައި އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަބީޖީތު ސާވަންތު ޕާފޯމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތަށް ކޮންމެ އަހަރަކު ވެސް ބޮޑު ތަރުހީބެއް ލިބޭކަމަށް ވަނީ ބުނެފައެވެ.
