އަތޮޅުތެރޭގެ ރަށްރަށުގައި ބޭނުންކުރާ C3 އަދި C4 ކެޓަގަރީގެ ތިންފުރޮޅުލީ އުޅަނދުތައް ރަޖިސްޓަރީކުރުމަށް ސަރުކާރުން ބޮޑެތި ލުއިތަކެއް ހަމަޖައްސައިދީފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އަތޮޅުތެރޭގައި ބޭނުންކުރާ ބައެއް އެއްގަމު އުޅަނދުތައް ތަފާތު ސަބަބުތައް މެދުވެރިވެގެން ރަޖިސްޓަރީ ނުކުރެވި ގިނަ ދުވަސްތަކެއް ވަންދެން ދުއްވަމުން ދާކަން ފާހަގަކުރެވިފައިވާކަމަށެވެ.
މިފަދަ އުޅަނދުތައް ރަޖިސްޓަރީކުރުމަށް ހުށަހަޅަން ލާޒިމުވާ ބައެއް ލިޔެކިޔުންތައް ވެރިފަރާތުގެ އަތުގައި ނެތުމުގެ ސަބަބުން އުޅަނދުތައް ރަޖިސްޓްރީކުރުމަށް ކުރިމަތިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
އެގޮތުން، ފަސިންޖަރުންނާއި މުދާ އުފުލުމަށް ބޭނުންކުރާ C3 އަދި C4 ކެޓަގަރީގެ ތިން ފުރޮޅުލީ އުޅަނދުތަކަކީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނު ގެ 14 ވަނަ މާއްދާގެ ދަށުން އަމިއްލަ ބޭނުމަށް ރަޖިސްޓަރީކޮށްދެވޭ އުޅަނދުތަކެއްގެ ގޮތުގައި ގިންތިކުރެވިފައިވާ ކާމަަށެވެ.
އެހެންކަމުން މި ކެޓަގަރީތަކުގެ އުޅަނދުތައް އަމިއްލަ ފަރުދުންގެ ނަންމަތީގައި މިހާރު ރަޖިސްޓަރީކޮށްދެވޭނެކަމަށާ، އަދި މީގެ ކުރިން ހަމަޖެހިފައިވާ ގޮތަށް، ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މިފަދަ އުޅަނދުތައް ރަޖިސްޓްރީކުރުމާ ގުޅިގެން ދައްކަންޖެހޭ ފީތައް މައާފުކޮށްދެވޭނެ ކަމުގައި މިނިސްޓްރީން ވަނީ ބުނެފައވެެ.
މީގެ އިތުރުން އިމްޕޯޓް ކުރިތާ ގިނަދުވަސްވުމުގެ ސަބަބުން، ނުވަތަ ރަޖިސްޓްރީކުރުމަށް ލާޒިމް ކުރުމުގެ ކުރިން ރާއްޖެ އެތެރެކޮށް އަތޮޅުތެރޭގައި ބޭނުންކުރަމުންދާ C3 އަދި C4 ކެޓަގަރީގެ އުޅަނދުތައް، ރަޖިސްޓަރީކުރަން ބޭނުންވާ ބައެއް ލިޔެކިޔުންތައް ވެރިފަރާތްތަކުގެ އަތުގައި ނެތްކަން ފާހަގަކޮށް މިނިސްޓްރީން ބުނީ މި މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މިފަދަ އުޅަނދުތައް އެ އުޅަނދެއްގެ ރޯޑްވާދިނަސް ލިޔުމަށްބަލައި ރަޖިސްޓްރީކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
